އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވޭނީ މި މަސް ނިމޭއިރު ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެވޭނީ އަންނަ މަހުގެ އެކެއްގެ ކުރިން ޕާޓީގެ ދަފުތަރުގައި ހިމެނޭ މެމްބަރުންނަށް ކަމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެ ޕާޓީން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ވެސް ދެވޭނީ އަންނަ މަހުގެ އެކެއްގެ ކުރިން ޕާޓީގެ ދަފުތަރުގައި ހިމެނޭ މެމްބަރުންނަށެވެ.
އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިދިޔަ މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީން ނެރުނު ވޯޓާސް ލިސްޓުގައި 87،439 މެމްބަރުން ހިމެނެއެވެ. ނަމަވެސް އިލްކްޝަންސް ކޮމިޝަނުން މިދިޔަ މަހު އިއުލާންކުރި ލިސްޓުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 53،694 އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އަންނަ އޭޕްރިލް މަހު ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީންވާނެއެވެ. އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.
ކައުންސިލްތަކުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ގޮނޑިތަކެއް ޔަގީންވެފައިވަނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް ތަސްދީގު ކުރެއްވި އެ ބިލުގައި ބުނެފައިވާ ގޮތުން، 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެނުންނަށެވެ. އަދި 3،000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ވާންޖެހޭނީ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.