އާލަމްތަކަށް ރަހްމަތެއްކަމުގައިވާ އިންޤިލާބީ ތަޙްރީކުގެ ދާޢީގެ ގޮތުންނާއި، އެތަހްރީކުގެ ދިދައިގެވެރިޔާ، ހައިޘިއްޔަތުން އެތަހްރީކު ކާމިޔާބުކުރެއްވުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސާސީ ޒިންމާއެކެވެ. އެހެންކަމުން އިސްލާމީ ދައުލަތް އުފެއްދެއްވުމާއެކު އެމުހިއްމު ވާޖިބާ ދިމާޔަށް އެނބުރި ވަޑައިގެންނެވިއެވެ. ނުހަނު ފަރުވާތެރިކަމާއެކުގައެވެ. ހީވާގިފުޅުކަމާއެކުގައެވެ. އެކިއެކި ޤަބީލާތަކާ ގުޅުއްވަމުން ގެންދެވިއެވެ. މަދީނާގެ ދުރާއި ކައިރީގެ ޤަބީލާ ތަކަށް އަމިއްލަފުޅަށް ފައިންޕުޅު ބީއްސެވިއެވެ. އެމާތްސާހިބާ ފައްޓަވައިފައިވާ ޢާލަމީ ރަހްމަތުގެ ތަޙްރީކުގެ ބޭނުންފުޅާއި މަޤްޞަދުތައް އެޤަބީލާތަކުގެ މީހުންނަށް ވިދާޅުވެދެއްވަމުން ގެންދެވިއެވެ. ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވައި ވަޢުޡު ވިދާޅުވެ ހެއްދެވިއެވެ. އެތަހްރީކުގައި ބައިވެރިވުމަށް ދައުވަތުދެއްވަމުން ގެންދެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޞަޙާބީން ގަންނަވައި ވެސް އެމަސައްކަތްޕުޅު ކުރެއްވިއެވެ. އެމާތްސާހިބާ އިސްލާމީ ތަހްރީކަށްޓަކައި ތައްޔާރު ކުރައްވަމުން ގެންދެވި މެމްބަރުންނަކީ އިންޤިލާބީ ޖަޒުބާތުން ފޯވެވަޑައިގެން ތިއްބެވި މުބައްލިޣުންނެވެ. މުޖާހިދުންނެވެ. މިދެންނެވި ޖަޒުބާތުގެ ސަބަބުން އިސްލާމީ ތަހްރީކުގެ ކޮންމެ މެންބަރަކުވެސް ވެވަޑައިގެންފައިވަނީ އެބޭކަލެއްގެ އަމިއްލަ ޒާތުފުޅުގައި ވެސް އިންގިލާބީ ޖަމާޢަތެއް ފަދަ ބޭކަލަކު ކަމުގައެވެ.އެތަކެއް މުޝްރިކުންނަށްވުރެ އެއިން ކޮންމެ ބޭކަލެއްގެ ވެސް ބުރަދަން އިތުރެވެ.
މުސްލިމުންގެ އައު ދައުލަތް ދުޝްމިނުންގެ ކިބައިން ރައްކާތެރި ކުރެއްވުމަށްޓަކައި ކައުސާހިބާ ވަނީ މަދީނާގެ ހުރިހާ ވިލިތަކަކާއެކު ދިފާޢީ މުއާހަދާއެއް ކުރައްވައިފައެވެ. މަދީނާގެ ޔަހޫދީންނާއި މުޝްރިކު ޤަބީލާތައް ވެސް ހިމަނުއްވައިގެންނެވެ. އެ މުއާހަދާ ކުރެއްވުމުގައި އިތުރުސާހިބާގެ ބޭނުންފުޅަކީ މައްކާގެ މުޝްރިކުން ސިއްރާއިފާޅުގައި ރާވަމުން ގެންދިޔަ ނުބައިރޭވުން ތަކުންނާއި އެބައިމީހުން ދީފާނެކަމަށް އަންދާޒާ ކުރެއްވޭ ކުއްލިހަމަލަތަކުން އިސްލާމީ ދައުލަތް ދިފާޢު ކުރެއްވުމެވެ. އިތުރުސާހިބާ ގެންދެވީ ނުހަނު ހިމޭންކަމާއެކު އެކަމަށް ތައްޔާރު ވެވަޑައިގަންނަވަމުންނެވެ.
ދުޝްމިނުންގެ ހަމަލަދިނުމުގެ ބާރާއި، އެމީހުންގެ ރޭވުންތަކާއި މަކަރުތައް އޮޅުން ފިލައިވަޑައިގެންފައިވުމަކީ މިގޮތުން ކޮންމެހެން ލާޒިމުކަމެކެވެ. އެއީ މައްކާގެ މުޝްރިކުންގެ ފަރާތުން އަތުވެދާނެ ހަމަލައެއް ދިފާއުކުރެއްވުމުގައި ކާމިޔާބު ހޯއްދެވުމުގެ ލާޒިމީ ޝަރުތެކެވެ. އެކަންކުރެއްވޭނީ އަސްކަރީ ސިއްރު މައުލޫމާތު އެއްކުރެއްވިގެންނެވެ. އަސްކަރީ ޖާސޫސު ކުރެއްވުމުގެ ތެރެއިންނެވެ. އެހެންކަމުން ތަޖްރިބާކާރު ކޮމާންޑަރ އިންޗީފަކު ފަދައިން ކައުސާހިބާ ވަނީ ޔަޘްރިބާއި މައްކާގައި ޖާސޫސީ ދަލެއް ފަތުރުއްވައިފައެވެ. އިތުރުސާހިބާ ގެންދެވީ އެތެރެޔާއި ބޭރުގެ ދުޝްމިނުންގެ ރޭވުންތަކާއި އެބައި މީހުންގެ އުކުޅުތަކުގެ އަދާހަމަ މައުލޫމާތު ހޯއްދަވަމުންނެވެ.
ޤުރައިޝުންނަކީ ވެސް ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ނުހަނު ރޯފިލައިފައިތިބި ބައެކެވެ. އެމީހުންވެސް ގެންދިޔައީ ކައުސާހިބާގެ ދީނީ، ސިޔާސީ، ޘަޤާފީ މަސައްކަތްޕުޅާމެދު ފުން ނަޒަރަކުން ބަލަމުންނެވެ. އެކިއެކި ވަސީލަތްތަކުން އެބައިމީހުން ގެންދިޔައީ މައުލޫމާތު ހޯދައި އެއްކުރަމުންނެވެ. މުސްލިމުން ދުވަހަކަށްވުރެ ދުވަހެއްބާރުގަދަ ކުރަމުންގެންދާ ގެންދިޔުމާމެދު ޤުރައިޝުން ތިބީ މޭކަރާ ގޮތްވެފައެވެ. އެބައިމީހުން އެންމެ ބޮޑަށް ޖެހިލުންވީ މުސްލިމުންނަށް މަދީނާގައި ފައިތިލަ ސާބިތުކުރެވި އަސްކަރީ ބާރު ވަރުގަދަ ކުރެވިއްޖެނަމަ އެބައިމީހުންގެ ވިޔަފާރީގެ މަގު ނުރައްކަލަށް ހުރަހޮޅިދާނެތީއެވެ. އެމަގު އޮންނަނީ މަދީނާއާ މާދުރު ނޫން ހިސާބެއްގައެވެ. ބަދުރުގެ ކައިރީންލައިފައެވެ. އެމަގަކީ ޤުރައިޝުންގެ އިޤްތިޞާދީ ހަޔާތުގެ މައިނާރުފަދަ މަގެކެވެ. އެހެންކަމުން ޤުރައިޝުން ގެންދިޔައީ މަދީނާގެ ޔަހޫދީންނާއި މުނާފިގުންނާއި (މުޝްރިކު ޤަބީލާތަކާ) ގުޅިގެން މުސްލިމުން މަދީނާއިން ބޭރުކުރުން ނުވަތަ މުސްލިމުން ގަތުލުކޮށް ހުސް ކޮށްލުމުގެ ރޭވުންތައް ރާއްވަމުންނެވެ.
ޤުރައިޝުންނަކީ ކަޢުބަތުﷲގެފުޅުގެ ބެލެހެއްޓުންތެރީންނެވެ. އެހެންކަމުން އަރަބިކަރައިގައި ޤުރައިޝުންނަށްވަނީ މަރުކަޒީ ހައިޘިއްޔަތެއް ލިބިފައެވެ. ދީނީ އިސްވާރުކަން ލިބިފައެވެ. އަރަބި ޤަބީލާތަކުގައި އެމީހުންގެ ނުފޫޒާއި ބާރުއޮތެވެ. އަރަބި ޤަބީލާތަކުން ޤުރައިޝުންނަށް އިހްތިރާމުކުރެއެވެ. ޤުރައިޝުން ގެންދިޔައީ އެކަމުގެ ފައިދާ ހޯދަމުންނެވެ. ޔަޘްރިބުގައި ތިބި މުސްލިމުންނާ އިދިކޮޅު މީހުން ލައްވައި މުސްލިމުންނާ ހަނގުރާމަ ކުރުވަން ހިތްވަރުދެމުންނެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސިޔާސީ ބަސީރަތާއި ޙިކްމަތު އަމަލީގެ ކުރިމަތީ ޤުރައިޝުންނަކަށް އެއްވެސް ކާމިޔާބެއް ނުހޯދުނެވެ. އެހެންކަމުން ޤުރައިޝުންގެ ކުރިމަތީގައި ގޮތްހުސްވުމުން އެމީހުން އަބްދުﷲ ބިން އުބައްޔަށް މަލާމާތާއި ބިރުގެންނެވުމުގެ ސިޓީއެއް ފޮނުވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ފައިންޕުޅު ބީއްސެވުމުގެ ކުރީން އޭނާއަކީ އަންސާރުންގެ ރައީސެވެ. އަންސާރުން ގެންދެވީ އޭނާ ރަސްކަމަށް އިސްކުރައްވައި އޭނާގެ ބޮލުގައި ތާޖު އެޅުއްވުމުގެ ކަންތައް ތައްޔާރު ކުރައްވަމުންނެވެ. ޤުރައިޝުން އަބްދުﷲ ބިން އުބައްޔަށް ލިޔުނު ސިޓީގައިވެއެވެ.
"ތިޔަބައިމީހުން އަހަރެމެންގެ މީހާއަށް ތިޔަބައިމީހުންގެ ރަށުން ޙިމާޔަތްދީފީމުއެވެ. އަހަރެމެން ﷲ ގަންދީ ހުވާކޮށްފައި ބުނަމުއެވެ. ތިޔަބައިމީހުން އޭނާ ގަތުލުކޮށްލާށެވެ. ނުވަތަ ތިޔަބައިމީހުންގެ ރަށުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން އެންމެން ވަރަށް އަވަހަށް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނާނޫއެވެ. ތިޔަބައިމީހުން ހަލާކުކޮށް ނިންމައިލުމަށްފަހު ތިޔަބައިމީހުންގެ އަނބީންގެ މައްޗަށް ވެރިވެގަންނާނޫއެވެ."
ޤުރައިޝުންގެ މި ގޮންޖެހުމުން އަބްދުﷲ ބިން އުބައްޔު މޭކަރާގޮތްވިއެވެ. ހަމައެއާއެކު އޭނާގެ ވެރިކަން ގާއިމު ކުރުމުގެ ދަހިވެތިކަން ވެސް އަލުން އޭނާގެ ބޮލަށްވަނެވެ. ޤުރައިޝުންނާއި ޔަހޫދީންގެ އެހީތެރިކަން އޭނާއަށް ލިބޭނެކަން ވެސް ޔަޤީންވިއެވެ. އެހެންކަމުން އޭނާ މުސްލިމުންނާ ހަނގުރާމަ ކުރުމުގެ މަޝްރޫތައް ރާވާންފެށިއެވެ. މިއީ މުސްލިމުންނަށް ކުރިމަތިވި ވަރަށް ނާޒުކު މައްސަލައެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ދުރުވިސްނުންފުޅަށް އެކަން ވިސްނި ވަޑައިގެންނެވިއެވެ. އިތުރުސާހިބާ އެކަމުގެ ޖަވާބީފިޔަވަޅު ފުޅުތައް އަޅުއްވާންފެއްޓެވިއެވެ. އަބްދުﷲ ބިން އުބައްޔު އާއި އޭނާގެ އެކުވެރީންނާ ވަގުތުން ގުޅުއްވިއެވެ. އިތުރުސާހިބާގެ މޮޅު ރޭއްވެވުމާއި، ކެރިވަޑައިގަތުމާއި، އަމިއްލަފުޅު ނަފުސުގެ މައްޗަށް އޮތް ވަރުގަދަ އިތުބާރުގެ ސަބަބުން ހާލަތުގެ މައްޗަށް ބާރުހިންގެވުމުގައި ކާމިޔާބު ހޯއްދެވިއެވެ. އަބްދުﷲ އާއި އޭނާގެ އެކުވެރީންގެ ނުބައި ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. ސިޔާސީ ގޮތުންނާއި ދިފާއީ ގޮތުން ބަލާއިރުވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މިކާމިޔާބީއަކީ މުސްލިމުންގެ ހިތްވަރާއި އަޒުމު ވަރުގަދަވުމުގެ މުހިންމު ސަބަބެކެވެ. ބަދުރުގައި މުސްލިމުން ހޯދިކާމިޔާބީއަށް މަގު ކޮށައިދިންކަމެކެވެ.
މަދީނާގެ މީޘާޤަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މިސާލެއް ނުވާފަދަ ތަދައްބުރުގެ ތާއަބަދު ދެމިހުންނާނެ މިސާލެކެވެ. އަޅުގަނޑުވަނީ މަދީނާގެ މީޘާޤުގެ މައްޗަށް ތަފްސީލުކޮށްލިޔެފައެވެ. އެމީޘާޤުގެ މަންފާއަކީ ހަމައެކަނި އިސްލާމީ ދައުލަތް ވުޖޫދަށް އައުމެއް ނޫނެވެ. އަދި ކީއްތޯއެވެ. މަދީނާގެ ޔަހޫދީންނާއި އެނޫންވެސް ޤަބީލާތަކުން އެދައުލަތް ޤަބޫލުކުރުމެވެ. އެފަރާތްތައް މުސްލިމުންގެ ހަލީފުން ކަމުގައިވެސް ވުމެވެ. އެހެންކަމުން މަދީނާގެ އިސްލާމީ ދައުލަތުގެ އެންމެ ނުރައްކާތެރި ދުޝްމިނަކަށްވީ މުސްލިމުންގެ ޒަމާންވީ ހަތަރުވެރިޔާއެވެ. މައްކާގެ މުޝްރިކުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޤުރައިޝުންގެ ނަފްސިއްޔާތު ވަރަށް ބޮޑަށް ދެނެވަޑައިގަންނަވައެވެ. ޤުރައިޝުން މަދީނާގެ އިސްލާމީ ދައުލަތް ބަރުދާސްތުނުކުރާނެކަން އެމާތް ސާހިބާޔަށް ކަށަވަރުވެ ވަޑައިގަންނަވައެވެ. ނުވަރޭފެނުތެރޭގައި އޮތް އިސްލާމީ ދައުލަތްއޭރުއޮތީ ޤުރައިޝުންގެ ނިރުބަވެރި ހަމަލަތަކާ ކުރިމަތިލާން ތައްޔާރުވެފައެއް ނޫނެވެ. އިސްލާމީ ދައުލަތަށްވަނީ ވަގުތު ބޭނުންވެފައެވެ. ހަމަޖެހިލައި ދިފާއީ ގޮތުން ފައިތިލަ ސާބިތުކޮށްލުމަށެވެ. އެހެންކަމުން ޤުރައިޝުން މަދީނާއަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވަރަށް ފުރިހަމަ މަޝްރޫއެއް ރޭއްވެވިއެވެ. އެ މަޝްރޫއަށް އަމަލީ ސިފަގެންނެވިލެއް ފުރިހަމަ ކަމުން ސަލާމަތް ބުއްދިޔަށް ޤަބޫލުކުރާން ޖެހިފައިވަނީ އިތުރު ސާހިބާއަކީ އަސްކަރީ ބަސީރަތާއި ސިޔާސީ ތަދައްބުރުގައި ވެސް ދުނިޔެދުށް އެންމެ މަތިވެރި މިސާލުކަމެވެ.
(ނުނިމޭ)