އެމްޑީޕީ

އެމްޑީޕީ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދިނުމުން އެޕާޓީން އެކަން ކުށްވެރިކޮށްފި

މަރިޔަމް ޝަހުދާ

އެމްޑީޕީ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދިނުމުން އެޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

ދެ މީހަކު މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގައި “ނައުޓީ މެޓޮކްސް”ގެ ނަމުގައި އުޅޭ އެމްޑީޕީގެ އެކްޓިވިސްޓަކަށެވެ.

އެމްޑީޕީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޔަކު މަރުގެ އިންޒާރު ދީފައިވަނީ ޓުވިޓާގައި ދެއްކި ވާހަކަ ތަކަކާ ގުޅިގެން ކަމަށެވެ. އަދި މަރުގެ އިންޒާރު ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ މިހާރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެމީހެއްގެ ދެމެދު ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އަނިޔާވެރިކަން އިސްކޮށް، ޖިސްމާނީ އަނިޔާއެއް ދިނުމަށް އިންޒާރު ދިނުމަކީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ހިޔާލު ތަފާތު ވުމުން އަނިޔާވެރިކަން އިސްކުރުމަކީ ޖާހިލިއްޔަ ޒަމާނުގައި އަމަލު ކުރި ގޮތް ކަމަށް އެޕާޓީން ބުނެފައިވެ އެވެ.

މިފަދަ ހަރުކަށިއަމަލުތަކުން ކުރި ފަޅައިގެން އުފެދޭ ރުޅިވެރިކަމުން މީގެ ކުރިންވެސް އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ގޮސްފައިވާކަން އެމްޑީޕީން ފާހަގަ ކުރެއެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓު “ނައުޓީ މެޓޮކްސް” އަށް އިންޒާރު ދިން މީހުން ހޯދައި، އެމީހުންނަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އެޕާޓީން ގޮވާލާފައި ވެއެވެ. ދެބަސްވާ ހިނދު، މީހާގެ ބުއްދީގެ ބޭނުންކޮށް، ނަސޭހަތާއި އިސްލާމީ ރިވެތި އުސޫލުން ކަންކަން ނިންމުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.