ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ތައާރަފު ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ފެށިގެންދާ ޕްރޮމޯޝަނުގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.
މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ހަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ހިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭ އިރު، އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށާއި އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަންނާނެ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހުގެ 20ގެ ނިޔަލަށެވެ.