މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، (އެމްޑީޕީ) އިން ޑިމޮކްރަސީއާއި އިންސާނުންގެ ހައްގުތަކަށް ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ޕާޓީއަށް ބައިނަލްއަގްވާމީ އެވޯޑެއް ދީފި އެވެ.
އެމްޑީޕީއަށް ލިބިފައިވަނީ އިންޓަނޭޝަނަލް ޑިމޮކްރަޓިކް ޔޫނިއަން، (އައިޑީޔޫ)ގެ ފަރާތުން ދޭ "ބުޝް ތެޗާ ފްރީޑަމް އެވޯޑް" އެވެ. މި އެވޯޑު ލިބުނުކަން ފާހަގަކޮށް އެމްޑީޕީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި އެވޯޑަކީ އައިޑީޔޫ އިން އަލަށް ދޭން ފަށާފައިވާ އެވޯޑެއް ކަމަށެވެ. އެއާއެކު އެމްޑީޕީ ވެފައިވަނީ މި އެވޯޑު ހާސިލްކުރި ފުރަތަމަ ޕާޓީއަށެވެ.
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ހެނދުނު ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައި ވެއެވެ. އަދި މި އެވޯޑަކީ އިންސާނުންގެ ހައްގުތަކަށާއި، މިނިވަންކަމާއި ހަމަހަމަކަމުގެ ދިފާއުގައި އެތައް ދިވެހިންނެއް ކުރި މިންނެތް މަސައްކަތުގެ އަގު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީއަށް މި އެވޯޑު ލިބުން ފާހަގަކުރައްވައި ޓުވީޓެއް ކުރައްވާފައެވެ. ރައީސް ނަޝީދުގެ ޓުވީޓުގައި އެމްޑީޕީއަށް މި އެވޯޑު ލިބުނު ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މި އެވޯޑަކީ ރާއްޖޭގައި އޮތް މަލްޓި-ޕާޓީ ސިސްޓަމާއެކު އެތައް ގޮންޖެހުންތަކަކާއެކު މަސައްކަތް ކުރި އެތައް ދިވެހިންގެ މަސައްކަތް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށް ވިދާޅުވެފައިވެ އެވެ.