ކޮލަމް

އަނިޔާއިން ޝަހީދުކޮށްފައިވާ ފަރާތަށް އިންސާފެއްނުލިބުނެވެ.

އަބްދުﷲ ފާރޫގް ހަސަން

މިނިވަން އިންޑިޔާގައި މުސްލިމުންވަނީ ހިތާމަވެރި އެތަކެއް ހާދިޘާތަކެއް ތަޖްރިބާކޮށްފައެވެ. ކަންކަށިމައްޗަށްއެރި އެތަކެއް ތަފާތަކެއްގެ ވޭނާއި ކެކުޅުން ބަރުދާސްކޮށްފައެވެ. ލޭގެ އެތައް ކޯރުތައް ހުރަސްކޮށްފައެވެ. މުސްލިމުންގެ ގެދޮރާއި ފިހާރަތައްވަނީ ފަށްފަށްކޮށް ލޫޓުވިފައެވެ. އަންދައިލެވިފައެވެ. މުސްލިމުންވަނީ ގާތްތިމާގެ މީހުންނާއި މައިންބަފައިންނާއި އަނބިދަރީން ކަތިލެވުމުގެ އެތައް މަންޒަރުތަކެއް ލޮލުން ދެކެ އަތުން ހިފައިފައެވެ. އަންހެންދަރީންނާއި އުޚުތުންގެ އިއްފަތާއި އިއްޒަތު ފޭރެވުނު މަންޒަރު އެތައް ފަހަރަކު ދެކެފައެވެ. ތިމާމެންގެ ލޭގެ ނުފިލާނެފަދަ އެތައް އަސަރުތަކެއް އިންޑިޔާގެ ބިމަށް ދޫކޮށްފައެވެ. ކީއްވެގެންތޯއެވެ. ޙައްޤު ދީނަށް ތަބާވާތީއެވެ. ޚާލިޤުވަންތަ ﷲއަށް ބޯލަނބާތީއެވެ. އިންސާނުންގެ އަތުންކޮށައިމަށައިފައި ހުންނަ އެއްޗެއްސަށް އަޅުކަން ނުކުރާތީއެވެ. އެހެން އެއްވެސް ކަމަކާ ހުރެއެއް ނޫނެވެ.

އިންޑިޔާގެ މުސްލިމުން ތަޖްރިބާ ކޮށްފައިވާ މިބާވަތުގެ ހިތާމަވެރި ކަޅު ދުވަސްތަކުގެ ތެރެއިން އެންމެ ކަޅު އެއްދުވަހަކީ ހިންދޫން ޝަހީދުކޮށްފައިވާ ބާބަރީ މިސްކިތުގެ މައްސަލައިގައި އިންޑިޔާގެ ސްޕްރީމްކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިޔާކަނޑައެޅި ދުވަހެވެ. ބާބަރީ މިސްކިތް ހުރި ބިމުގައި މުސްލިމުންގެ އެއްވެސް ހައްޤެއް ނެތްކަމަށް ނިންމައި އެބިން ހިންދޫންނަށް ދޭން ހުކުމްކުރި ދުވަހެވެ. އެހުކުމުގައި އިސްދައުރެއް އަދާކުރި ޝަރަދު އަރުވިންދު ބޯބުޑޯއަށްވަނީ އެކަމުގެ އިނާމު ލިބިފައެވެ. އިންޑިޔާގެ އުއްތަމަ ފަނޑިޔާރުކަން ލިބިފައެވެ. އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ޚުދު އަޅުގަނޑުމެން ދެކެމުންމިދާ މަންޒަރުތަކުން އެކަންވާނީ އެހެންކަން އެނގޭން ޖެހެއެވެ. ދަރިވަރުން މިހައި ފާގަތިވެފައި މޮޅިއްޔާ އެބައިމީހުންނަށް ދަނޑިގަނޑުގެ އެކޮޅުމިކޮޅު އަންގައިދީ ލަފަޔާއި އިރުޝާދުދޭ މީހުން ކިހައިރޯފިލާނެތޯއެވެ. ޢަމަލުތައްކިހައި މަތިވެރި ވާނެތޯއެވެ؟

އޯލްއިންޑިޔާ މުސްލިމު ޕާސަނަލް ލޯ ބޯޑުންވަނީ ބާބަރީ މިސްކިތުގެ މައްސަލަ އަލުން މުރާޖާކޮށްދޭތޯ އިންޑިޔާގެ ސްޕްރީމް ކޯޓަށް އިލްތިމާސު ކުރާން ނިންމައިފައެވެ. ސްޕްރީމް ކޯޓުން މައްސަލަ ބެލުމުގައި އަޅައިނުލައި ދޫކޮށްލައިފައިވާ އެތައްކަމެއް ހުރުމުންނެވެ. އޯލްއިންޑިޔާ މުސްލިމު ލޯ ބޯޑަކީ އިންޑިޔާގެ މުސްލިމު އިލްމުވެރީންނާއި އިސްލާމީ ޖަމާއަތްތަކުގެ ގުޅިފައިވާ އިއްތިހާދުގެ މެމްބަރެކެވެ. ޝައްކެނެތެވެ. އަނިޔާއިން ޝަހީދުކުރެވުނު ބާބަރީ މިސްކިތް ހުރި ބިމުގައި އަލުން ބަންގިދޭންނުފެށޭހައި ހިނދަކު މުސްލިމުންގެ ޒަޚަމެއް ނުހިކޭނެއެވެ. އެފާރުގަނޑު ހުންނާނީ ރޯކޮށެވެ. މުސްލިމުންގެ އަންނަނިވި ނަސްލުތައްވެސް އެކަން ހަނދާން ނައްތައެއް ނުލާނެއެވެ. އެކަންވާނީ މުސްލިމުންގެ ދާއިމީ ހިތާމައެއް ކަމުގައެވެ.

ބާބަރީ މިސްކިތްހުރި ބިމާ ގުޅޭ ގޮތުން އިންޑިޔާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް މުސްލިމުންގެ އެތައް ބަޔަކު ވަނީ އަޑުއުފުލައިފައެވެ. ހާއްސަކޮށް ބަންގްލަދޭޝް އާއި ޕާކިސްތާނުގެ ލިޔުންތެރީން ވަނީ ގިނަގުނަ ލިޔުންތަކެއް ލިޔެފައެވެ. ނަމަވެސް ހިންދީންގެ ޒުވާބަކީ ނުބެހޭކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށޭ އެންގުމެވެ. ޝައްކެއްނެތެވެ. އިސްލާމީ އުންމަތަކީ އެއް އުންމަތެކެވެ. ބިމުގެ ބޯޅައިގެ ކޮންމެ ކަންކޮޅެއްގައި ދިރިއުޅުނު ކަމުގައިވިޔަސް މުޙައްމަދީ އުންމަތަކީ އެއްބައެކެވެ. އުންމަތުގެ ދީނީ ތަރިކަ ތަކުގެ ދިފާއުގައި އަޑުއުފުލުމަކީ ވެސް މުޅި އުންމަތުގެ ވާޖިބެކެވެ. ދިވެހި އިސްލާމީ އުންމަތްވެސް މިކަމުން އިސްތިސްނާ އެއްނުވެއެވެ. މިއުންމަތުގެ ކޮނޑުގައިވެސް އެވާޖިބުވަނީ އެޅިފައެވެ. އެހެންކަމުން މިކަމާބެހޭގޮތުން ބައެއް ޙަޤީޤަތް ހާމަކޮށްލުމަކީ އަޅުގަނޑާވެސް ނުބެހޭ ކަމެއް ކަމަކަށެއް ނުދެކެމެވެ.
އިންޑިޔާގެ ބީ.ޖޭ.ޕީ ފަދަ މުސްލިމުންނާ އަދާވަތްތެރި ހިންދީ ޖަމާއަތްތަކުން ބުނާ ގޮތުގައި ބާބަރީ މިސްކިތް އިމާރާތްކޮށްފައިވަނީ އެބައިމީހުންގެ ކަލާނގެއެއް ކަމުގައިވާ ރާމްގެ އުފަންބިމުގައެވެ. ނަމަވެސް އެ ދައުވާއަކީ ބުއްދީގެ ހަމަތަކާއި ނަގުލީ ދަލީލުތަކާއި ތާރީޚާއި ގަދީމީ އާޘާރުގެ ހެކިތަކާވެސް ޚިލާފު ދައުވާއެކެވެ. މިކަމާބެހޭގޮތުން ތާރީޚީ އަސްލުތަކަށް ރުޖޫޢަވާއިރު ރާމުޖީގެ ޙަޤީޤީ ވުޖޫދެއް އޮތްކަމާ މެދުވެސް ތާރީޚު އިއްތިފާގެއް ނުވެއެވެ. ހިންދީންގެ ވަރަށް ގިނަ ޢިލްމުވެރީން ވެސް ވިދާޅުވާގޮތުގައި ރާމުޖީގެ ޙަޤީޤީ ވުޖޫދެއް އޮތްތޯ ނުވަތަ ރާމުޖީއަކީ ހަމައެކަނި އަފްސާނަވީ ނަމެއްތޯ ވެސް ސުވާލު އުފެދެއެވެ. އެހެނީ ހިންދީންގެ ތާރީޚީ ފޮތްތަކުގައި ރާމްޖީއާ ބެހޭގޮތުން އައިސްފައިވާ ވާހަކަތަކީ ޚިޔާލީ ކަލާނގެތަކަކާ ގުޅޭ ވަހްމީ ވާހަކަ ތަކެއްކަމާމެދު ހިންދީންގެ ވެސް އަރާތިއްބެވި އަދި ހަޤީޤަތް ޤަބޫލުކުރައްވާ ސްކޮލަރުން ޝައްކެއް ނުކުރައްވައެވެ.

އަނެއް ކޮޅުން ރާމްޖީއަކީ ޙަޤީޤީ ވުޖޫދެއް ކަމަށާއި އޭނާގެ އުފަންބިމަކީ އަޔޯދިޔާ ކަމުގައި ޤަބޫލުކުރި ކަމުގައިވިޔަސް އެހިސާބަކުންވެސް އެމައްސަލައެއް ނުނިމެއެވެ. އިހުޒަމާނުގައި އަޔޯދިޔާއެވެ. ކިއުނުރަށް އޮތީ ކޮން ހިސާބެއްގައިތޯ އާއި މިހާރު އަޔޯޖިޔާއަކީ ހަމަ އެރަށްތޯ މިސުވާލުވެސް ވަނީ އުފެދިފައެވެ. އިންޑިޔާގެ ގަދީމީ އާސާރުތަކާ ބެހޭ އިދާރާގެ ސްޕްރިންޓެންޑެންޓް އެމް.ވީ.އެން.ކްރިޝްނާރާއޯ ވަރަށް ގިނަ ހެކިތަކުގެ މައްޗަށްބިނާކުރައްވައި ދައުވާ ކުރައްވާގޮތުތުގައި އަސްލު އަޔޯދިޔާ އޮތީ ހަރިޔާނާގެ މިހާރުގެ "ބަނާއުލީ"އެވެ ކިޔާ ތަނުގައެވެ. (ޤައުމީ އާވާޒު ދިއްލީ 6 މާޗް 1998)
މިސްޓަރ ރާއޯ އަކީ ގަދީމީ އާސާރުގެ މާހިރުންގެ ތެރެއިން އެންމެ އިތުބާރުހުރި އެއްބޭކަލެކެވެ. ރާމްޕޫރުގެ ޕަންޑިތަކު ދައުވާ ކުރައްވާ ގޮތުގައި ރާމްޖީގެ އަސްލު އުފަންބިމަކީ ރާމްޕޫރެވެ. އެކަމާބެހޭ ހެއްކާއި ދަލީލުތައް އޭނާގެ އަތްޕުޅުގައި އެބަހުއްޓެވެ. މި ވާހަކަޔަކީ އޭނާ އަސްލެއްނެތި ދައްކަވާ ތޯތޯ ވާހަކަ އެއް ނޫނެވެ. އެހެނީ ރަށެއް ވަކި ނަމަކުން މަޝްހޫރުވުމަށްފަހު ރަށުގެ އާބާދީ ފެތުރެމުންދާ ގޮތުން ވަކި ދިމާޔަކަށް ޖެހެމުންގޮސް މާދުރަށް ގޮސްފައިވާ ރަށްރަށުގެ އެތައް މިސާލުތަކެއް ތާރީޚުން ފެންނާން އެބަހުއްޓެވެ. ރަށުގެ އަހްލުވެރީންނާއި ގެދޮރު އަޅަމުން ގެންދާ ގޮތުންނާއި، ވިޔަފާރިވެރީން ބާޒާރު އެކިދިމަދިމާޔަށް ބަދަލުކުރަމުން ދާގޮތުން ރަށުގެ ނަން އެހެން ސަރަހައްދަކަށް ބަދަލުވަނީ އެވެ.

ކުރީގެ އަޔޯދިޔާ އަކީ މިހާރުގެވެސް އަޔޯދިޔާ ކަމުގައި ބެލިކަމުގައި ވިޔަސް އެހިސާބަކުންވެސް ސުވާލުތަކަކަށް ނިމުމެއް ނާދެއެވެ. ރާމްޖީ އުފަންވީ އެރަށުގެ ކޮންތަނެއްގައި ބާވައެވެ؟ އެހެނީ އަޔޯދިޔާގައި މިހާރުވެސް އެތަނަކީ ރާމްޖީގެ އުފަންބިންކަމުގައި ދައުވާ ކުރެވޭ ދިހަވަރަކަށް ފައްޅި އެބަހުއްޓެވެ. އެއިން ކޮންމެ ފައްޅިޔެއްގެ ވެސް ތައުލިޔަމޫލަވެރީން އަޑުހަރުކޮށް ދައުވާކުރާނީ ރާމްޖީ އުފަންވީ އެފައްޅިހުރިތާގައި ކަމުގައެވެ.

ޕްރޮފެސަރ ސިރީ ވާސޫ ލިޔުއްވައިފައިވެއެވެ. ރާމްޖީގެ ޙަޤީޤީ އުފަން ޖަގަހައަކީ ކޮބައިތޯ ބެލުމަށްޓަކައި 1902 ގައި ގަވައިދުން ކޮމެޓީއެއް އުފެދުނެވެ. އެކޮމެޓީން ވަރަށް ބޮޑަށް ދިރާސާކޮށް ހޯދައިބެލުމަށްފަހު ރާމްޖީގެ އުފަން ޖަގަހަ ކަމުގައިވުމުގެ އެކަށޭނަކަން އޮތް ދެތަނެއްވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން އެއްތަނަކީ "ރާމްޖަނަމް އަސްތަހިލް" އެވެ. އަނެއް ތަނަކީ "ރާމްޖަނަމްބޫމީ" އެވެ. (Disputed Mosque) ގެ މިދެތަނަކީ ބާބަރީ މިސްކިތްހުރި ތަނެއް ނޫނެވެ.

ބާބަރީ މިސްކިތް ހުރިތަނަކީ ރާމްޖީގެ އުފަން ޖަގަހަކަމަށް އެންމެ ފުރަތަމަ ދައުވާކުރީ އިންޑިޔާގެ ހިންދީންނާއި މުސްލިމުން ބައިބައިކޮށް ދެބައިމީހުންގެ މެދުގައި ދެކޮޅުވެރިކަމާއި ނަފުރަތު އުފައްދަން މަސައްކަތްކުރި ފާސިދު އިނގިރޭސީންނެވެ. އޭގެ ކުރީން އެއްވެސް ދަތުރު ނާމާއެއްގައިވެސް ތާރީޚީ ފޮތެއްގައިވެސް އެގޮތަކަށް ލިޔެފައެއް ނެތެވެ. ހިންދީންގެ ދީނީ ފޮތެއްގައިވެސް އެފަދަ ލިޔުމެއް ލިޔެ ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ޝަހީދުކުރެވިފައިވާ ބާބަރީ މިސްކިތްހުރީ ރާމް އުފަންވި ތަނުގައި ކަމުގައި ބެލިކަމުގައިވިޔަސް އެތަނަކީ ކުރީން ފައްޅިޔެއް ހުރި ތަނެއްތޯ ސުވާލު އުފެދެއެވެ. އަދި އެތާނގައި ކުރީން ފައްޅިޔެއް ހުރިކަމުގައި ވިޔަސް މުސްލިމުން އެތަން އަތުލީ ގަދަ ބާރުންތޯ ސުވާލުއުފެދެއެވެ. އެހެނީ އެތާގެ އަހްލުވެރީން މުސްލިމުންނަށް އެބިން ވިއްކައިފައިވުމަކީ ވެސް ވުންއެކަށީގެންވާ ކަމެކެވެ. މުސްލިމުން މިސްކިތްތައް ވިއްކައި ނެހެދިކަމުގައިވިޔަސް އަޅުކަންކުރާން ހަދާތަންތަން ވިއްކައި އުޅުމަކީ އެހެނިހެންދީން ތަކުގެ މީހުން އާއްމުކޮށް ކޮށް އުޅޭކަމެކެވެ. ޔޫރަޕުގައި ޔަހޫދީންނާއި ނަސާރާއި މިހާރުވެސް ގެންދަނީ ސިނަގޮގު ތަކާއި ޗާޗުތައް ވިއްކަމުންނެވެ.

ނުލަފާ ޖައްބާރު އިނގިރޭސީންގެދޮގު ވާހަކަ ތަކަށްފަހު ހިންދީން ދައުވާކުރަން ފަށައިފައިވާ ގޮތުގައި ބާބަރު ރާމްޖީގެ ފައްޅިތަޅުއްވައިލައްވައިފައި އެތާނގައި މިސްކިތެއް ބިނާކުރެއްވީއެވެ. ނަމަވެސް މިއީ ތާރީޚީ ރިވާޔަތްތަކުގެ އަލީގައި ބަލާއިރު އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ދައުވާއެކެވެ. އެހެނީ ބާބަރު އަޔޯދިޔާއަށް ވަޑައިގެންނެވިކަން ކަނޑައެޅިގެން ސާބިތެއް ނުވެއެވެ. ޚުދު ބާބަރު އަމިއްލަފުޅަށް ވަނީ ބާބަރުނާމާ ލިޔުއްވައިފައެވެ. ތުރުކީ ބަހުން ނެވެ. ބާބަރު ނާމާގައި އޭނާއަޔޯދިޔާއަށް ވަޑައިގެންނެވި ވާހަކަ އެއް ނެތެވެ. އަދި އެހެން މުއައްރިޚަކުވެސް އެވާހަކަ ލިޔުއްވައިފައެއް ނުވެއެވެ. ބާބަރުނާމާގެ އިބާރާތްތަކުން އެނގޭ ގޮތުގައި ބާބަރު ވަޑައިގެންނެވީ އަޔޯދިޔާއާ ހަތްދިހަ ދެމޭލާ ހަމަޔަށެވެ.

ޕްރޮފެސަރ ސިރީ ވާސްތޫ ލިޔުއްވައިފައިވެއެވެ. "ބާބަރުވެސް އައުރެންގެޒޭބުވެސް އަޔޯދިޔާއަށް ވަޑައިގެންނެވި ކަމުގެ އިތުބާރުހުރި އެއްވެސް ތާރީޚީ ހެތްކެއްނެތެވެ." (ބާބަރު:93)

ޔުނިވަރސިޓީ އޮފް ރާޖެސްތާން – ޖޭޕޫރުގެ ޕްރޮފެސަރ އާރުނާތުވެސް ލިޔުއްވައިފައިވަނީ އެގޮތަށެވެ. "ބާބަރު ދުވަހަކުވެސް އަޔޯދިޔާއަކަށް ވަޑައެއްނުގަންނަވައެވެ. "މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއްގެ ދޮގުތެދު ބެލުމަށްޓަކައި މިންއަޅަން ބޭނުންކުރެވޭ އިތުބާރުހުރި އެއްމިންގަނޑަކީ ޚުދު އެމީހެއްގެ މިޒާޖާއި ޠަބީއަތާ އެވާހަކައަކާ އެއްގޮތްކަންހުރި ވަރެއް ބަލައިލުމެވެ. މިގޮތުން ބަލާއިރު ފައްޅިޔެއް ތަޅުއްވައިލެއްވި ކަމުގެ އިލްޒާމު ބާބަރުގެ އިސްތަށިފުޅުގައި އެޅުވޭކަށެއްނެތެވެ. އެހެނީ ބާބަރަކީ ހަރުކަށި ދީނީ ޚިޔާލުގެ ބޭފުޅެއް ނޫނެވެ. ދީނީ ގޮތުން އޭނާއަކީ ވަރަށް ވެސް މެދުމިނުގެ ބޭފުޅެކެވެ. ތަނަވަސް ޚިޔާލުފުޅެއްގެ ވެރިޔެކެވެ. ދީނީ އެއްވެސް ވަރެއްގެ ތަޢައްޞުބެއް ގެންގުޅުއްވި ބޭފުޅެއްނޫނެވެ. ޣައިރު މުސްލިމުން ކުރެވެސް އިންސާފުގެ އަހްލުވެރީން ވަނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ރާޖާޝިވްޕްރަޝާދު އޭނާގެ ފޮތެއްކަމުގައިވާ "އާއީނާތާރީޚު" ގެ އެއްވަނަ ބައިގައިވަނީ ބާބަރުގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާއި ހިތްޕުޅުހެޔޮކަމަށް ހިތްޕުޅުގެ އަޑީން ތާރީފުކުރައްވައިފައެވެ. އޭނާ ލިޔުއްވާ ގޮތުގައި ބާބަރުގެ ވެރިކަމުގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ ވަރަށް މުހިންމު މަގާމުތައް ވަނީ ހިންދީންނަށް ދެއްވައިފައެވެ. ބާބަރު ހިންދީންގެ ޖޯގީންނަށް ވަރަށް މާތްކޮށް ހިތްތެވިއެވެ.
ޕްރޮފެސަރ އާރުނާތު ލިޔުއްވައިފައިވެއެވެ. "ބާބަރަކީ ތަޢައްޞުބުގެ ވެރިޔެއްކަމުގައި ބުނެވޭނެ އެއްވެސް ހެތްކެއްނެތެވެ". ޕްރޮފެސަރ ޝްރީރާމް ޝާރުމާ ލިޔުއްވައިފައިވެއެވެ. "ބާބަރު ދުވަހަކުވެސް ފައްޅިޔެއްމުގުރުއްވިކަމުގެ ތާރީޚީ އެއްވެސް ހެތްކެއްނެތެވެ. ދީނީ ޚިލާފުގެ މައްޗަށް ބިނާކުރައްވައި ހިންދީޔަކަށް އެއްވެސް ވަރެއްގެ އަދަބެއް ދެއްވައި އަނިޔާއެއްކުރެއްވިކަންވެސް ސާބިތުވާކަށެއްނެތެވެ."
ޕްރޮފެސަރ އާރު.ސީ.ޗައުދަރީ ލިޔުއްވައިފައިވެއެވެ. "ބާބަރު ރަސްގެފާނަކީ ދީނީ ތަޢައްޞުބެއް ނެތުމާއި ބަރުދާސްކުރުމުގެ އޮށްއިންދެވި ރަސްގެފާނެވެ." (ބާބަރު : 80)

މަޝްހޫރު މުސްލިމު މުޙައްޤިޤު ސައްޔިދު ސަބާހުއްދީން އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ "މުސްލިމް ހުކުމްރާނޫންކީ މަޒްހަބީ ރަވާދާރީ" ގައި ވަނީ ބާބަރުގެ ރީތި ޚުލުގުފުޅާއި ކެތްތެރިކަމާއި ކޯފާމަޑުކަމުގެ މައްޗަށް ތަފުސީލްކޮށް އަލިއަޅުއްވައިފައެވެ. ހަމައެފަދައިން ޕްރޮފެސަރ ބެނެރޖީ ވެސް ވަނީ ހިންދީންނާމެދު ބާބަރު ޢަމަލު ކުރެއްވި އިޚްލާސްތެރިކަމާއި، މުހިންމު މަތީ މަޤާމުތަކަށް ހިންދީން އައްޔަން ކުރެއްވި ވާހަކަ އާއި ފައްޅިއެއް މުގުރުން ފަދަ ކަމެއް އޭނާޔަށް ނިސްބަތްކުރުމަކީ ކުށެއްކަމުގައި ލިޔުއްވައިފައެވެ. ޕްރޮފެސަރ ސްރީވާސްތޫ ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށްފަހު ލިޔުއްވައިފައިވެއެވެ. "ބާބަރުގެ މައްޗަށް މިފަދަ އިލްޒާމެއް އެޅުމަކީ އޭނާގެ ޝަޚްސިއްޔަތާއި އޭނާ ކަންކުރައްވައިފައިވާ ގޮތާ އެއްގޮތަކަށްވެސް ގުޅޭކަމެއްނޫނެވެ. (ބާބަރު : 82 ). ބާބަރު އޭނާގެ ވަސިއްޔަތުނާމާގައި ވަނީ ގެރިކަތިލުންވެސް މަނާކުރައްވައިފައެވެ. ހިންދީންގެ ދީނީ ޖަޒްބާތު ޒަޚަމު ވިޔަ ނުދެއްވުމަށްޓަކައެވެ. ބާބަރީ މިސްކިތުގެ މައްސަލައިގައި 1995 މާޗް ގައި ބޭއްވި ސަރިޔަތުގެ އަޑުއެހުމެއްގައި ރާމްޝަންކަރު އަޕާޑިއާ ލަކަނޫ ބެންޗުގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ވަނީ ހިންދީ ދީނުގެ ފޮތްތައް ކިޔައިފައެވެ. ރާމްޗަރަތުމާނިޝް ނުވަތަ ތަލްސީދާސްގެ އެއްވެސް ލިޔުމެއްގައި އަޔޯދިޔާގެ ޝްރީރާމް މަންދިރު ތަޅައިލައިފައި މިސްކިތެއް ބިނާކުރި ވާހަކައެއް ނެތެވެ. ބާބަރީ މިސްކިތް ބިނާކޮށްފައިވަނީ ރާމްޗަންދަރުޖީގެ ޖަނަމް އިސްތަހިލް މަތީގައި ކަމަކަށްވެސް ބާބަރީ މިސްކިތް ހުރިތާނގައި ރާމްޗަންދަރުޖީގެ ޖަނަމް އިސްތަހިލެއް ހުރި ކަމަކަށްވެސް ހިންދީދީނުގެ އެއްވެސް ފޮތަކު ލިޔެވިފައެއްނެތެވެ".

ޙަޤީޤަތުގައި ރުޖޫޢަވާއިރު ބާބަރީ މިސްކިތުގެ މައްސަކަޔަކީ އިނގިރޭސި އިސްތިއުމާރުގެ ވަރަށް އަތްމަތީ އުކުޅެއް ކަމުގައިވާ ބައިބައިކޮށްގެން މީހުންގެ މައްޗަށް ވެރިކަން ކުރުމުގެ ބައެކެވެ. ހިންދީންނާއި މުސްލިމުންނާ ދެމެދު ދެކޮޅުވެރިކަން އުފައްދައި ދީނީ ތަޢައްޞުބުގެ ހުޅުރޯކުރުމަށްޓަކައި ލައިފައިވާ ފަލީތާއެކެވެ. އެނުތާހިރު މަޤްޞަދުގައި އިނގިރޭސި ސްކޯލަރުންވަނީ ބާބަރު ނަމާގެ ތަރުޖަމާއަށް އުނިއިތުރު ގެނެސްފައެވެ. ބާބަރީ މިސްކިތާއި އެމިސްކިތުގެ ތަނބު ތަކަކާ ނުގުޅެޔޭ ބުނެ އެބާވަތުގެ ކަމާނުބެހޭ ވަރަށްގިނަ ގިޔާސުތައް ވެސް ފާޅުކޮށްފައެވެ.

ޙަޤީޤަތުގައި ބާބަރީ މިސްކިތަކީ ބާބަރު ބިނާކުރެއްވި މިސްކިތެއް ނޫނެވެ. ބާބަރުގެ ނަންފުޅަށް ނިސްބަތްކުރައްވައި އެމިސްކިތް ބިނާކުރެއްވި ބާބަރުގެ އޮފިސަރެއްކަމުގައިވާ މީރުބާޤީއެވެ. 1528މ ގައެވެ.
އިންޑިޔާގެ މުޣުލް އެމްޕަޔަރުގެ ރަސްކަލެއް ކަމުގައިވާ އަކުބަރަކީ "ދީންތަކުގެ ވަހްދަތުގެ ޖިންނި" އިސްތަށިފުޅަށް ސަވާރުވެފައިވާ ރަސްކަލެކެވެ. އެހެންކަމުން އަކްބަރު ބާބަރީ މިސްކިތާ އިންވެގެން ޗަބޫތަރާއެއް ހައްދަވައި އެތާނގައި ރާމުގެ ބުދެއް ބެހެއްޓެވިއެވެ. އޭގެ ފަހުންވެސް 1946 އާހަމަޔަށްވެސް ބާބަރީ މިސްކިތްހުރި ބިމުގެ މައްސަލައިގައި އެއްވެސް ކަހަލަ ޖަގަޑާއެއް އުފެދިފައެއް ނުވެއެވެ. އުފެދޭ ޖަގަޑާއަކީ ހިންދީން އެ ޗަބޫތަރާގައި ފައްޅިޔެއް ހަދާން ބޭނުންވުމާއި މުސްލިމުން އެކަމަށް ހުއްދަ ނުދިނުމެވެ. އެ މައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅުނީ 1985 މާޗު ގައެވެ. އެފަހަރު މެހްނަތު ރަގޫ ޕްރަދާދު ކޯޓަށް އިލްތިމާސުކުރީ "ރާމްޖީގެ އިސްތަށިފުޅު އަތްވާއި ވާރެއާއި ފިނިހޫނުން ސަލާމަތް ކުރުމަށްޓަކައި" އެތާނގައި ފައްޅިޔެއް ހެދުމުގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް 24 ޑިސެންބަރ 1985ގައި ވަނީ އެހުށަހެޅުން ކޯޓުންބޭރުކޮށްފައެވެ. މިކަމުން އެނގެނީ އެތާގައި ހުރި ފައްޅިޔެއް މުގުރައިލައިފައި މިސްކިތެއް އެޅި ވާހަކަޔަކީ ހިންދީންވެސް އެހައިތަނާ ހަމަޔަށް ގެންގުޅެމުން އައި ޚިޔާލެއް ނޫންކަމެވެ.

މި މައްސަލައިގައި އަދި އެހެން ނަޒަރަކުންވެސް ވިސްނައިލަމާ ހިންގަވާށެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ޣަޞްބުން ފޭރެވިފައިވާ ބިމެއްގައި ނަމާދުކުރުމަކީ ޖާއިޒުކަމެއްނޫނެވެ. ފަހަރުގައި އެފަދަ ތަނެއްގައި މީހަކު ނަމާދު ކުރިކަމުގައިވިޔަސް އެކަންވާނީ ފާފަޔަކަށެވެ. މުސްލިމުންގެ ބަޔަކު މިސްކިތެއް ބިނާކުރާނީ ޘަވާބު އެދިގެންނެވެ. ފާފަވެރިވާކަށެއްނޫނެވެ. ކަންމިހެން ހުރިއިރު ބައެއްގެ ބިމެއް ފޭރިގަނެގެން މުސްލިމުން މިސްކިތެއް އަޅާނެތޯއެވެ؟ . މިއީ ސަލާމަތް ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ. ތާރީޚާއި ޢިލްމުލްއާޘާރު އެކަން ޤަބޫލު ނުކުރާ ވާހަކަ އިސްވެދިޔަތާނގައި އެވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު ޖުމްހޫރިއްޔާ ކަމުގައި ދައުވާކުރާ އިންޑިޔާގެ ސްޕްރީމް ކޯޓުން މި ނިންމި ނިންމުމަކީ އެގައުމުގެ ޖުމްހޫރީ ނިޒާމަށް ޖެހި ގޮމެކެވެ. އެގައުމުގެ ޝަރްއީ ނިޒާމަށް ކުރިމަތިކުރުވި އިމްތިހާނެކެވެ. ޝައްކެއްނެތެވެ. ޝަހީދު ކުރެވިފައިވާ ބާބަރީ މިސްކިތަށް އިންސާފު ނުލިބޭހައި ހިނދަކު އިންޑިޔާގެ ޖުމްހޫރިއްޔަތާއި އަދުލުއިންސާފުގެ މޫނު ގައި ހުންނާނީ އަޅިދެލިކުރެހިފައެވެ.

(ނިމުނީ)