ކައުސާހިބާ މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވުމާއެކު މުސްލިމުންގެ ދީނާއި އިޖްތިމާއީ ހަޔާތުގެ ހުރިހައިކަމެއްވެސް ހަމަމަގަށް އަޅުއްވާން ފައްޓަވައިފިއެވެ. މިގޮތުން މެންދުރުނަމާދާއި އަސުރުނަމާދާއި އިޝާނަމާދުގެ ރަކްއަތްތަކުގެ އަދަދުވެސް އިތުރުކުރެއްވިއެވެ.
ނަމާދު ފަރުޟުކުރެއްވީ މާތްވެގެންވާ މައްކާގައެވެ. ނަމަވެސް މައްކީ ދައުރުގައި ހާލަތުނިޔާކުރާގޮތުން މަޣުރިބު ނަމާދު ފިޔަވައި އެހެން ކޮންމެ ނަމާދެއްގައި ވެސް މުސްލިމުން ކުރަމުން އައީ ދެ ރަކްއަތެވެ. ކުރީންވެސް ދެންނެވިފަދައިން މަދީނާއަށް ވަޑައިގެން މުސްލިމުންނަށް ހަމަޖެހޭ ވެއްޓެއް ލިބުމުން ނަމާދުގެ ރަކްއަތްތަކުގެ އަދަދަށްވެސް ބަދަލުގެންނެވިއެވެ. މެންދުރުނަމާދާއި، އަސުރުނަމާދާއި، އިޝާނަމާދާ މިއިން ކޮންމެ ނަމާދެއްގައިވެސް ހަތަރު ރަކްއަތްކުރާ ގޮތަށްހަމަޖެއްސެވިއެވެ. ހަމައެއާއެކު މަޣުރިބު ނަމާދު ފިޔަވައި ދަތުރުމަތީގެ އެހެން ނަމާދުތަކުގައި މައްކީ ދައުރެކޭ އެއްފަދައިން ކޮންމެ ނަމާދެއްގައި ވެސް ދެ ރަކްއަތްކުރުމުގެ ރުޚުޞަތު ދެއްވިއެވެ.
މިސްކިތަކީ މުސްލިމުންގެ ހަޔާތުގައި ތިންގޮތަކުން ވަރަށް މުހިންމު އިމާރާތެކެވެ. ނުވަތަ އިދާރާއެކެވެ. އެންމެ ފުރަތަމަކަމަކީ ޖަމާއަތުގައި ނަމާދު ކުރުމުގެ މަގުފަހިވުމެވެ. ތައުލީމާއި ތަރުބިޔަތު ލިބިދޭ ހިޔާވައްސަކަށްވުމެވެ. ދެވަނަ ކަމަކީ މިސްކިތް (އަލްމަސްޖިދުއްނަބަވީ) އިމާރާތްކުރެވުމާއެކު އިސްލާމީވެރިކަމެއްވަނީ ވުޖޫދަށް އައިސްފައެވެ. އިސްލާމީ މުޖްތަމައާއި އިސްލާމީ ޘަޤާފަތުގެ މައިދާން ވަނީ ކުރަހައިލެވިފައެވެ. ތިންވަނަ ކަމެއްގެ ގޮތުން މުސްލިމުންނަށް ވަނީ ސިޔާސީ، އަސްކަރީ، އަޚްލާޤީ، ޘަޤާފީ ހަރަކާތްތައް ހިންގާނެ އިދާރީ މަރުކަޒެއް ލިބިފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ މިސްކިތް އިމާރާތްވުމާއެކު މުސްލިމުންނަށް ވަނީ ބިންމަތީގައި ވެރިކަމާއި ބާރު ލިބުމުން އެންމެ ފުރަތަމަ އިންތިޒާމުކުރާންޖެހޭ ކަމެއްކަމުގައިވާ ނަމާދުގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ކަންތައް ފުރިހަމަވެފައެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަގުތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން އަދި އޮތީއެވެ. އިތުރުސަހާބީން އެކަމާ ގުޅޭގޮތުން ތަފާތު އެކި ޚިޔާލުފުޅުތައް ހުށަހެޅުއްވިއެވެ. ދުންމާރިފުމުން، ރަނގަބީލު ޖެހުން، ދިދަ ނެގުން ރަށުތެރޭގައި ގޮވަމުން ހިނގުން ފަދަ އެކި ހުށަހެޅުންތައް ހުށަހެޅުންތައް ހުށަހެޅުނެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލުފުޅުއެއް ނުކުރެއްވިއެވެ. ޝައްކެއްނެތެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ހުންނަވާނީ ވަޙީގެ އިންތިޒާރުގައެވެ. އަރަހުށިމާތްﷲ ސުބްހާނަހޫ ވަތައާލާ ބަންގީގެ އިބާރާތާއި ބަންގިދޭންވީގޮތް ވަހީގެ ޒަރީއާއިން އެންގެވިއެވެ. ބަންގި ވާރިދުވެގެން އައި ފުރިހަމަކަން ބައްލަވާށެވެ. ސަހާބީންގެ ބައެއް ބޭކަލުންނަށްވެސް ވަނީ ބަންގީގެ ކަލިމަތައް ހުވަފެންފުޅުގައި އަޑު އިވިވަޑައިގެންފައެވެ. އަބްދުﷲ ބިން ޒައިދު އާއި އުމަރު ބުނުލް ޚައްތާބު ރަޟިޔަﷲ އަންހުމާ އާ ދެބޭކަލުންނަށް ހުވަފެންފުޅުގައި ވަނީ ބަނގީގެ އިބާރަތްތައް އަޑުއިވިވަޑައިގެންފައެވެ. ކައުސާހިބާގެ އަރިހުގައި އެބޭކަލުން އެވާހަކަ ވިދާޅުވުމުން ޙަދީޘްކުރެއްވިއެވެ. "ވަޙީވަނީ ތިޔަބޭކަލުންނަށްވުރެ މިކަމުގައި ކުރިއަތުލައްވައިފައެވެ." (ބުޚާރީ ބަދައުލްއަޛާން، ޠަބަގާތު އިބްނުސައުދު). ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ބިލާލު ރަޟިޔަﷲ އަންހުއަށް ބަންގި ދެއްވަން އެންގެވިއެވެ. އެގޮތުން މުސްލިމުންގެ އެންމެ ފުރަތަމަ މުއައްޛިނަކަށް ވެވަޑައިގެންނެވުމުގެ ޝަރަފު ބިލާލުގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިމަތިވެރި ޝަރަފުގެ ބޮޑުކަމާއި މުހިންމުކަމުގެ އެއް ހެއްކަކީ އަމީރުލް މުއުމިނީން އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހުވެސް ބިލާލުގެފާނާ މުޚާޠަބު ކުރައްވާ އިރު ޔާސައްޔިދީއެވެ. ވިދާޅުވެ މުޚާޠަބު ކުރައްވާކަމެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެންމެ ފުރަތަމަ ފަހަރު ގަމަތްދެއްވުމުގެ ޝަރަފު ދެއްވީ އަބްދުﷲ ބިން ޒައިދު ރަޟިޔަﷲ އަންހުއަށެވެ. އެކަލޭގެފާނު ތަކުރާރުކުރައްވައި އެކަމަށް އެދި ވަޑައިގެންނެވުމުގެ ސަބަބުންނެވެ.
މަދީނާގައި އިސްލާމީ މުޖްތަމައެއް އުފެދި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުމާއެކު ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޒިންމާތައް ވަނީއިތުރުވެ ފަށްފަށްވެފައެވެ. އިސްލާމީ ދައުލަތުގެ އިސްވެރިޔާގެ ޙައިޘިއްޔަތުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އެންމެ އިސް މަސްއޫލިއްޔަތަކީ ނަމާދާއި ޒަކާތުގެ ނިޒާމު ޤާއިމު ކުރައްވައި އެކަންތައްތައް ޗާލޫކުރެއްވުމެވެ. ފިތުރީ އުސޫލުގެމަތީން އެކަންކަން ރާއްވަވައި ހިންގައިލެއްވުމެވެ. އެދުވަސްވަރުގެ އެހެނިހެން ގައުމުތަކަށާއި، އަންނަނިވި ނަސްލުތަކަށްވެސް ނަމޫނާ އެއްކަމުގައި ބެލެވޭނެ ގޮތުންނެވެ. ނަމާދުގެ ނިޒާމުވެރިޔަކަށް ވެވަޑައިގެންނެވުމަކީ މުސްލިމުންގެ އިމާމުކަމާއި އިސްވާރުކަން ލިބިވަޑައިގަތުމެވެ. އެންމެ ބޮޑު އެދުރަކު ކަމުގައްޔާއި، އަދީބު ކަމުގައްޔާއި މުބައްލިޣު ކަމުގައްޔާއި ޚަޠީބު ކަމުގައި ވެވަޑައިގެންނެވުމެވެ. ޒަކާތުގެ ނިޒާމުގެ އިސްރޭއްވެވުންތެރިކަމާއި އެނިޒާމު ހިންގަވާވެރިޔާގެ ޙައިޘިއްޔަތުން އިތުރުސާހިބާގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މުސްލިމުންނާއި މަދީނާގެ ދައުލަތުގެ އެންމެހައި ރައްޔިތުންގެ މައީޝަތުގެ އަސާސީ ހުރިހައި މުހުތާދު ތަކެއް ބަލަހައްޓަވައި ހިންގެވުމެވެ. އުންމަތަށްޓަކައި ހޭދަކުރުމާއި، މިނިވަންކަމާއި، އުޚުއްވަތުގެ ފިތުރީ އުސޫލުން އެކަން ހިންގެވުމެވެ. ތާރީޚު ހެކިވާ ފަދައިން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މި ހުރިހައިކަމެއްވެސް ހިންގެވީ ހައިރާންވެ އަންތަރީސްވާފަދަ ކާމިޔާބު ގޮތެއްގައެވެ. އެހައިމެ ފުރިހަމަޔަށެވެ. އެގޮތުން އިސްލާމީ މުޖްތަމައަކީ ހުރިހައި ތަނަކަށާއި ހުރިހައި ޒަމާންތަކަކަށް އެންމެ ފުރިހަމަ ނަމޫނާކމުގައި ހެއްދެވިއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމައަކީ އިސްވެދެންނެވި މަސްއޫލިއްޔަތުގެ އިތުރުން އިސްލާމީ ދައުލަތުގެ ހިންގުމާ ބެހޭބައިގެވެސް ނިޔާކަނޑައެޅުމުގެ ބައިގެ ވެސް އިސްމަސްއޫލުވެރިޔާއެވެ. އާދެ، ދައުލަތް ހިންގެވުމުގައި ދުވަހުން ދުވަހަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުގެ އިތުރަށް ހުރިހާ މަދަނީ ސަރިޔަތްތަކާއި ޖިނާއީ ސަރިޔަތްތަކެއްވެސް ބައްލަވައި ނިޔާ ކަނޑައަޅުއްވަމުންގެންދެވީ އެމާތް ސާހިބާއެވެ. ބޭރު ގައުމުތަކާއި އިސްލާމީ ދައުލަތާ ދެމެދު ސަފާރަތީ ހުރިހާ ގުޅުންތަކެއް ގާއިމުކުރައްވައި ޚާރިޖީގުޅުންތަކާ ބެހޭ ހުރިހައިކަމެއްވެސް ބަލަހައްޓަވަމުންގެންދެވުމަކީ އެމާތްސާހިބާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާދެ، އެމާތްސާހިބާއަކީ އާލަމްތަކަށް ރަހްމަތެއްކަމުގައިވާ އިސްލާމީ ތަހްރީކުގެ ބާނީއެވެ. ހިންގުންތެރިޔާއެވެ. އެހެންކަމުން ސަފާރަތީ ފެންވަރުގައި އެތަހްރީކުގައި ބައިވެރިވާން އެކިފަރާތްތަކަށް ދައުވަތު ދެއްވުމަކީވެސް އެމާތްސާހިބާގެ މަސައްކަތްޕުޅުގެ ތާވަލުގެ ބައެކެވެ.
ހަމައެފަދައިން މުސްލިމުންގެ އަސްކަރިއްޔާގެ ކޮމާންޑަރ އިންޗީފެއްގެ މަސްއޫލިއްޔަތުވެސް އުފުއްލަވަން ޖެހިވަޑައިގެންފައި އޮތީ ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމައަށެވެ. އިސްވެދިޔަތާނގައިވެސް ބަޔާންކޮށްފައިވާ ފަދައިން މުޖާހިދުންނަށް އަސްކަރީ ތަރުބިޔަތު ދެއްވުމާއި އެބޭކަލުންގެ ހިތްޕުޅުގައި ޖިހާދުގެ ޖަޒުބާތު އުފައްދަވައި އެ ޖަޒުބާތު ތާޒާކަމުގައި ދެމެހެއްޓެވުމާއި، ދިފާއީ ހަކަތައާއި އިސްވެ ހަމަލާދޭންޖެހޭ ވަގުތު އެކަމުގެ އުރައްޕު އުފެއްދެވުމާއި އެބައިމީހުންގެ ކިބައިގައި އިސްވާރު ކަމުގެ އެކަށޭނަކަން އުފެއްދެވުމަކީ އެމާތްސާހިބާގެ ވާޖިބުތަކެވެ. މިގޮތުން އިތުރުސާހިބާ ބޮލަރުއްވެވި އެންމެ ވަރުގަދައެއް މަސްއޫލިއްޔަތަކީ ދުރާއި ކައިރީގެ އެއްވެސް ގަބީލާއަކަށް މަދީނާއަށް ނުރައްކާތެރި ހަމަލައެއް އަމާޒުކުރުމުގެ ފުރުސަތު ނުދެއްވުމެވެ. އެހެންކަމުން އިތުރުސާހިބާ އެފަދަ ޤަބީލާ ތަކުގެތެރެއިން ގިނަ ގަބީލާތަކާއެކުދިފާއީ މުއާހަދާ ކުރައްވައި އެބައިމީހުންނަކީ މުސްލިމުންގެ ޙަލީފުންކަމުގައި ހެއްދެވިއެވެ.
(ނުނިމޭ)