ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް "ފަންނު އެކްސްޕޯ 2019" އަށް ޒިޔާރަތްކުރައްވައި މައުރަޒު ބައްލަވާލައްވައިފިއެވެ.
ފަންނު އެކްސްޕޯއަށް ނައިބު ރައީސް ފައިސަލް ޒިޔާރަތްކުރެއްވީ ރޭ އިރާކޮޅު އެވެ.
މި މައުރަޒަކީ ދިވެހިރާއްޖޭގެ އިގުތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ދިވެހި އުފެއްދުންތައް ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ.
މިއީ ދިވެހި އުފެއްދުންތައް އެއް ތަނަކުން ފެނިގެންދާ މިފަދަ އެންމެ ބޮޑު މައުރަޒެވެ.
ފަންނު އެކްސްޕޯގައި ހަ ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން 30،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މި އެކްސްޕޯގައި ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އެ ފަރާތްތަކުގެ އަގުވަޒަންކޮށްފައި ވެއެވެ.
ފަންނު އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މައުރަޒެކެވެ.