ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންދެމިލުމަށް އިގްތިސާދީ ތަރައްގީން ޖާގަ ހޯދައިދޭންޖެހޭ: ރައީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންދެމިލުމަށް އިގްތިސާދީ ދާއިރާގެ ތަރައްގީގެ ތެރެއިން ޖާގަ ހޯދައިދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި "ފަންނު އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށާއި ފުރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީވެސް އެޢީ ކަމަށެވެ.

ނަމަވެސް އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިގުތިސާދަށް އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭ ކަމަށާއި އެގޮތުން ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެބާވަތުގެ ވިޔަފާރިތައް އަދި މާގިނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތުން އެފަދަ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން ބޭންކުތަކުން ލޯނުދޭން ފަސް ޖެހުމާއި އަމިއްލަ އުފެއްދުންތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި ރަނގަޅަށް މާކެޓްކުރާނެ ފުރުސަތު ނުތެމަކީ ވެސް ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ކިތަންމެ ހުރަސްތަކެއް ހުރުމުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮޅިގަނޑެއް ނެތުމުގެ ސަބަބުން، އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ. އަދި ރަނގަޅު ނަފާ ލިބޭނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ވިޔަފާރިތައް ނުހިންގެނީ މިފަދަ އެތައް ސަބަބުތަކެއް ހުރީމަ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެސްއެމްއީ ބޭންކެއް ގާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީވެސް އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ހިދުމަތް ދޭން ފެށި އެ ބޭންކުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ ހޯދުމަށްއެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައިވާ އޮތްއިރު، އޭގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް އެ ފައިސާ ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއިން އެނގެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ހަގީގަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިގްތިސާދީ ދާއިރާގެ ތަރައްގީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. ...ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން 2020 ވަނަ އަހަރުގެ ތެރޭގައި އެސްއެމްއީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ސަރުކާރުން މިދޭ އެހީތެރިކަމުގެ ފައިދާ އިގްތިސާދުން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.