އޭނާއަކީ އެތައް ބަޔަކު ދަންނަ މޫނެކެވެ. ގައުމީ ހިދުމަތްތެރިއެކެވެ. ހިދުމަތް ނުކުރައްވާ ދާއިރާއެއް މަދެވެ. ތެދުވި ވަޑާމުން ފެށިގެން އިލާ އާއި ފަނުން މާ ހެދުމާއި ކުރެހުމަކީ އޭނާގެ ހުނަރުވެރިކަމުގެ ލިސްޓުގެ އެއް ބައެކެވެ.
ދިވެހި ފިލްމީ މަސްރަހު ބަދަލުކޮށްލި އެއް މޭސްތިރިއަކީ ވެސް އެއީއެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ އަމިއްލަ ސްޓޫޑިއޯ އިޓާނަލް ޕިކްޗާސް އިން 1994 ވަނަ އަހަރު ނެރުނު ފިލްމު "ދެރިޔާ"ގެ ޕްރޮޑިއުސަރެވެ.
އޭރާއި މިހާރުގެ ދިވެހި ޖީލުގެ ހިތްތަކުން ވެސް ޖާގަ ހޯދާފައިވާ އެ ފިލްމަކީ ފުރަތަމަ ފިލްމީ އެވޯޑުގައި ގިނަ އެވޯޑުތަކެއް ހާސިލުކުރި، ފައިސާގެ ގޮތުން ވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ. އޭގެ އިތުރުން ފިލްމު "ރަންމުތް" އަކީ ވެސް އޭނާ ޕްރޮޑިއުސްކޮށް ގެނެސްދިން ކުރީގެ މަޝްހޫރު ދިވެހި ފިލްމެކެވެ.
މިއީ ގ.ރިހިވެލި، އަބްދުލް މުހައިމިންގެ ވަރަށް ވެސް ކުރު ހުލާސާއެކެވެ. ނަމަވެސް އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ ފަށަން ޖެހޭނީ 1980 ވަނަ އަހަރުންނެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕާސަނަލް ސެކްރެޓަރީގެ މަގާމުގައި ހިދުމަތް ކުރެއްވި ދުވަސްވަރުންނެވެ.
މިއަދު އުމުރުން 75 އަހަރު ފުރިފައިވާ މުހައިމިންގެ ހުނަރުވެރިކަން ތަޖުރިބާ ކޮށްލަން ލިބުނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ފަންނު އެކްސްޕޯގައި ހުރި އޭނާގެ ސްޓޯލުންނެވެ.
ރާއްޖޭގައި އުފެދުނު މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ފަޒީލާ އާމިރާއި އަހުމަދު އާމިރުގެ ބައްޕަ، މުހައިމިން ވިދާޅުވި ގޮތުގައި، މުލިއާގޭގައި އޭނާ މަސައްކަތް ކުރެއްވިއިރު އެންމެ ބޭނުންވެވަޑައިގެންނެވީ އިއްޒަތްތެރިންނަށް އަރުވާ ހަދިޔާއަކީ ދިވެހިން އުފައްދާ އަމިއްލަ ތަކެއްޗަށް ހެއްދެވުމެވެ. އެކަން އޭނާ ކުރަން ވެސް ކުރެއްވިއެވެ. ކުރެއްވީ ވެސް އަމިއްލައަށެވެ.
އެގޮތުން ރާއްޖެ ވަޑައިގަންނަވާ ބައެއް އިއްޒަތްތެރިންނަށް ވެދުމަށް އެރުވުމަށް ރުކުގެ އިލައިން ގިނަ އެއްޗެހިތަކެއް މުހައިމިން ހެއްދެވިއެވެ. އެގޮތަށް ހެއްދެވުނީ ކިހާ އަދަދެއްގެ އެއްޗެހިކަން ވިދާޅުވާން އެނގިވަޑައިނުގެން ނަމަވެސް ހަނދާނުން ނުފިލާ ހާއްސަ ދެ އެއްޗެއްވެއެވެ. އެއީ އޭނާއަށް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފު ވެސް މެއެވެ.
ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް ސައުދު އާއި އިނގިރޭސި ރާނީ އެލިޒަބަތު ދެޔަކަށް ވެދުމަށް އެރުވި ހަދިޔާ ތައްޔާރުކުރެއްވީ މުހައިމިނެވެ. އެއީ ދިވެހިވަންތަ ފުރޭމަކަށް ލައި، ފާރުގައި ހަރުކުރާ ގޮތަށް ތައްޔާރުކުރި މާބޮނޑިއެކެވެ. ފުރޭމްގަނޑު ތައްޔާރުކުރީ އޭރު މުލިއާގޭގައި އުޅުއްވާ ހުނަރުވެރިންގެ ޓީމަކުންނެވެ.
އަމިއްލަ އަތުން ތައްޔާރުކުރެއްވި އެއްޗެއް އިއްޒަތްތެރިއަކަށް އެރުވުމުގެ ޝަރަފަކީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ފުރުސަތެކެވެ. ރާއްޖޭގެ ތާރީހުގައި މުހައިމިންގެ ހުނަރުވެރިކަން ލިޔަން ޖެހެނީ މި ސަބަބަށްޓަކައެވެ. ނަމަވެސް މިއަދު މުހައިމިން ވަނީ އޭނާގެ އެ ހުނަރުވެރިކަން ވިޔަފާރިއަކަށް ބަދަލުކުރައްވައިފައެވެ. ބައެއް ރިސޯޓުތަކުގެ ކޮޓަރިތަކުގައި އޭނާގެ ހުނަރުވެރިކަން މިއަދު ވެސް ފެންނަން އެބަހުއްޓެވެ.
މުޅި ދަރުބާރުގޭގައި އޮތީ ހުނަރުވެރިންނެވެ. އެމީހުންގެ ހުނަރުވެރި މަސައްކަތްތަކެވެ. އެމީހުންގެ ހުނަރުވެރިކަން ބަލާލަން ގޮސް ތިބި އެތައް ބައެކެވެ. ނަމަވެސް 30،000 އަށްވުރެ ގިނަ އެއްޗެހި ބައިވެރިކޮށްފައިވާ މި މައުރަޒުން ތަފާތު ހުނަރެއްގެ ގޮތުގައި ފެނުނީ މަދު އެއްޗެކެވެ.
އޭގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން ގޮސް ހުއްޓުނު އެކައްޗަކީ މުހައިމިންގެ ސްޓޯލުގައި ބަހައްޓާފައިހުރި، ބިއްލޫރި ކޮށްޓެވެ. އޭގެތެރޭގައި ހުރި، މާ ޓުކުރިއެވެ. ރަންނަބަނޑޭރި މާލަމުގެ ސްޓޭޖާ ގާތުން ފެންނަން ހުރި އެ އުފެއްދުމުގެ ޓުކުރިން ފެށިގެން މަލަށް ބެލި ނަމަވެސް ތަފާތު ފެނެއެވެ.
ޓުކުރި ހަދާފައިވަނީ ހުދު މުރަކައެއްގެ ބިންގަލުގެ މަތީގައި ބާއްވާފައި އޮތް ބޮޑު ގާހަކައިގެ ބޮލިގަނޑަކުންނެވެ. ޖަންގަލީގެ ކުލަ ފެހިން ފެށިގެން ކުލަ މަޑުވަމުން ގޮސް ހުދު ކުލައިގެ މާތައް ހުރީ އޭގެ ތެރެއަށް ޖަހައިފައެވެ. މި މާ ޓުކުރި އެންމެ ބޮޑަށް ތަފާތުވާ ސަބަބަކީ އޭގެ މާތަކެވެ. އޭގެން ކޮންމެ މަލެއް ހަދާފައި ވަނީ މަހުގެ ހުޅުނބުން ކަމަށްވާތީއެވެ.
ގާތްގަނޑަކަށް މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާލި އެ މާ ޓުކުރިއަކީ ރޯޔަލް އައިލެންޑް ރިސޯޓުގައި އަލަށް ހުޅުވާ ސީފުޑް ރެސްޓޯރެންޓެއްގެ މެދުގައި ބަހައްޓަން އެ ރިސޯޓުން އެދިގެން މުހައިމިން ތައްޔާރުކުރެއްވި އެއްޗެކެވެ.
އެ ރިސޯޓުން ބޭނުންވީ ހުދު މާތަކެއް ހުންނަ އެއްޗެއް ނަމަވެސް ރާއްޖެއިން ލިބެން ހުންނަ ހުޅުނބު ހުދު ނުވުމުން، މުހައިމިން ހުޅުނބު ގެނެސްފައިވަނީ ތައިލެންޑުންނެވެ. އެއީ އެގައުމުގެ ކޯރުތަކުގައި އުޅޭ މަހުގެ ހުޅުނބުތައް ބޮޑުވެފައި، ބޭނުންވާ ކުލަ ލިބޭތީ އެވެ.
މުހައިމިން ވިދާޅުވި ގޮތުގައި އޭނާ ފުރަތަމަ މާ ހައްދަވަން ފެއްޓެވީ އިލާ ބޭނުންކުރައްވައިގެން އެއިންނެވެ. އެގޮތުން ރޯޔަލް އައިލެންޑް ހުޅުވަން އުޅެނިކޮށް، އެ ރިސޯޓުގެ ހުރިހާ ގެސްޓް ކޮޓަރިއަކަށް މުހައިމިން އިލާ އިން މާ ޓުކުރި ހެއްދެވިއެވެ. ނަމަވެސް އަހަރެއްހާ ދުވަސް ފަހުން އެ އެއްޗެހި ހަލާކުވާތީ، އޭނާއަށް ޝަކުވާ އައެވެ.
މުހައިމިން ވިދާޅުވާ ގޮތުގައި އޭނާ އިލާއިން ހަދާ މާތައް ހަދަނީ ތުނި އަދި ފޭރާން ހެޔޮ އިލައަކުންނެވެ. ނަމަވެސް ރާއްޖެއިން އެވައްތަރުގެ އިލާ މިހާރު ނުލިބޭތީ މުހައިމިން މިފަހުން މާ ޓުކުރިތަކަށް އާރޯކަން ގެނެސްދިނީ ފަނުން ހަދާފައި ހުންނަ މަލުންނެވެ. ފަނުން މާ ހެދުމުން މާ ރީތި ކަމަށް އޭނާ ވިދާޅުވެއެވެ.
މަހު ހުޅުނބުން މުހައިމިން މާ ޓުކުރި ހަދަން ފެށީ މީގެ ފަސް އަހަރު ކުރިން، މައުރަޒަކުން ފެނުނު އެއްޗަކުންނެވެ. ނަމަވެސް އެ މަސައްކަތް ފެށީ، މީހަކާ ވާދަކުރަން ނޫން ކަމަށް މުހައިމިން ވިދާޅުވެއެވެ.
"އަޅުގަނޑު ކޮންމެ އެއްޗެއް ވެސް މިހަދަނީ އެއަށްވުރެ މޮޅު އެއްޗެއް ހެދޭތޯ. އެއީ އޭނައާ ވާދަކޮށް ދެރަކުރާކަށް ނޫން. އޭތި ބަލާފައި ހުޅުނބުން މާވެސް ކާވް ކޮށްގެން، އަސްލު ކުލަ ހުންނަ ގޮތަށް ފަތުގެ ވެސް އަސްލު ކުލަ ޖައްސާފަ އެހެރީ،" މުހައިމިން ވިދާޅުވިއެވެ.
އެގޮތުން އޭނާގެ މާތަކަށް ބޭނުންވާ ހުޅުނބު ވަރަށް ގިނަ ބަޔަކު ގެނެސްދޭ ކަމަށް މުހައިމިން ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ހުޅުނބު ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މުހައިމިންގެ މި މަސައްކަތަކީ ޝައުގުވެރި މަސައްކަތެކެވެ. ގިނަ ޒުވާނުން ދަސްކުރަން ވެސް ބޭނުންވާނެ މަސައްކަތެކެވެ. އެކަން ކޮށްދޭން މުހައިމިން ވެސް ބޭނުންވެވަޑައިގަންނަވަ އެވެ. އެކަމަށް ޝައުގުވެރިކަން ފާޅުކުރާ މީހުން ވެސް ގިނައެވެ. ނަމަވެސް މުހައިމިން ވިދާޅުވި ގޮތުގައި، މިހާތަނަށް އެފަދަ ކޯހެއް އެއްޗެއް ހިންގައިދޭން އެދުނު ނަމަވެސް ރަނގަޅު އިޖާބައެއް އެއްވެސް ފަރާތަކުން ލިބިފައެއް ނުވެއެވެ.