މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ގައުމީ މައުރަޒަށް ހުށަހަޅާ ތަކެތި ބަލައިގަތުމާއި ޑިސްޕްލޭ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާގޮތް އާންމުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ފަންނު އެކްސްޕޯ "ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019" ގައި ބައިވެރިކުރާ ތަކެތި ބަލައިގަތުމާއި، ތަކެތި ޑިސްޕްލޭ ކުރުމާއި ވިއްކުމުގެ ކަންތައްތައް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތް އާންމުކޮށްފިއެވެ.

މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގައުމި މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނީ އެ ތަކެތ ބައިވެރިކުރާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ މީހަކު އެ ތަކެއްޗާ ހަވާލުވެ އެ ތަކެތި ބަލަހައްޓާ ގޮތަށް ކަމަށާއި މައުރަޒު ނިމުމުން އެ ތަކެތި އަނބުރާ ގެންދިއުމާއި ތަކެއްޗާ ގުޅޭ އެންމެހާ ކަންކަމުގައި އެ ތަކެތި ހުށަހަޅާ ފަރާތަކުން ޒިންމާވާ ގޮތަށް ކަމަށެވެ. އެގޮތުން ތަކެއްޗާ ހަވާލުވެގެން އަންނަ މީހާ ދޭ މައުލޫމާތު މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމުގައި ހިމަނަން ޖެހޭނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާފަހުންވެސް، ބައިވެރިވާން ބޭނުން ފަރާތްތަކުން މައުރަޒަށް ތަކެތި ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަކެއްޗާއެކު ބައިވެރިވާން އެދޭ ފޯމު ހުށަހެޅުމުން މައުރަޒުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބުނީ މި މައުރަޒުގައި ބައިވެރިކުރާ ތަކެއްޗަށް އިންސާފުކުރަން ފަށާނީ ނޮވެމްބަރު މަހުގެ އެއްވަަނަ ދުވަހު ކަމުގައެވެ.

މައުރަޒުގައި ބައިވެރިކުރާ ތަކެތި ބަލައިގަންނަން ފަށާނީ މިއަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ކަމަށާއި ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އެ މަހުގެ 31 ވަނަ ދުވަހުގެ 3:00 ކަމަށް މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން މައުލޫމާތުދެއެވެ. އެގޮތުން މައުރަޒަށް ހުށަހަޅާ ތަކެތި ބަލައިގަންނާނީ މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ތަކެތި ބަލައި ގަނެވޭނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅާފައިވާ ނަމަ ކަމަށާއި މި ތަކެތި ބަލައިގަތުމަށްފަހު އިންސާފުކޮށް ނިމެންދެން ހުންނާނީ މައުރަޒުގެ އޮފީހުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ

މައުރަޒުގެ ތެކެއްޗަށް އިންސާފުކޮށް ނިމުމުން، އެ ތަކެތި ޑިސްޕްލޭކުރުމާއި ތަކެތި ބެލެހެއްޓުމާއި އެނޫންވެސް އެންމެހާ ކަންތައްތައް އިންތިޒާމުކުރުމަކީ ތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑިސްޕްލޭކޮށް ވިއްކުމުުގެ ބައިގައި ބައިވެރިވާ ފަރާތްތަކުން އުފެއްދުންތައް ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހު ހެނދުނު 09:00 އިން ފެށިގެން ސްޓޯލްތަކުގައި ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މައުރަޒު ރަސްމީކޮށް ހުޅުވުމުގެ ހަތަރު ގަޑިއިރު ކުރިން ޑިސްޕްލޭކޮށް ނިންމަން ޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މައުރަޒު ފެށިގެން ނިމެންދެން ތަކެތި ބެލެހެއްޓުމާއި، މައުލުމާތު ދިނުމާއި، ވިއްކުމާއި ފައިސާ ބަލައިގަތުމާއި، ތަކެތި ދޫކުރުމަކީ ތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށާއި ނަމަވެސް މައުރަޒު ބަންދު ގަޑިތަކުގައި ތަކެތި ބަލަހައްޓާނީ މައުރަޒުން ކަމަށްވެސް މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން މައުލޫމާތުދެއެވެ