ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ "ފަންނު އެކްސްޕޯ 2019"، މައުރަޒު ބައްލަވައިލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ދަރުބާރުގެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ސަރަހައްދުގައި ހުރި މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާ ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އެކިއެކި އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ބައްލަވާލައްވައި ފަންނުވެރިންނަށް މި ރޮނގުގައި ކުރިއަށްދިއުމަށް ހިތްވަރުދެއްވާފައިވެއެވެ.
މި މައުރަޒަކީ ދިވެހިރާއްޖޭގެ އިގުތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއް ތަނަކުން ދިވެހި އުފެއްދުންތައް ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މައުރަޒެކެވެ.
ފަންނު އެކްސްޕޯގައި ހަ ދާއިރާއަކުން 14 ގިންތިއަކުން 350 މީހުން 30،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މި އެކްސްޕޯގައި ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާންކޮށް އެ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.
ފަންނު އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މައުރަޒެކެވެ.