ޚަބަރު

މޫކޭ އާއި ޔާސިރުގެ ގެ ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅުއްވާ ތަން ރޭ ދަންވަރު ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އާރުޑީސީއާ ގުޅޭ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، މޫސާ އަލިމަނިކު ދިރިއުޅުއްވާ ތަން ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އާރްޑީސީގެ އޭރުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ޕޮލިހަށް ހުށަހެޅީ ސެޕްޓެމްބަރު، 2022، ގައެވެ. މި މައްސަލައަކީ އާރުޑީސީގެ އެކައުންޓުން ތިން މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް ބުނާ މައްސަލައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާރުޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ ތެރޭގައި އެ ތިން މުވައްޒަފުގެ އިތުރުން ވެސް އާރުޑީސީގެ 15 މުވައްޒަފަކު ހިމެނެއެވެ. އެގޮތުން އެކެއްގެ އެކައުންޓަށް އެކިފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށާއި އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެއިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ ފައިސާ ދައުރު ކޮށްފައި ވަނީ 2018 އިން ފެށިގެން ސެޕްޓެމްބަރު 2022 އާ ހަމައަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަމިއްލަ ބޭނުންތަކަށް އެ ފައިސާ ދައުރު ކުރަން 216 ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އާރުޑީސީގެ ފައިސާއާ ގުޅޭ މައްސަލައެއްގެ ތުހުމަތަށް މި އަހަރުގެ މާޗު މަހު ފުލުސް އޮފީހަށް ހާޒިރުކުރިއެވެ.