ގއ. ގެމަނަފުށި

ގެމަނަފުށީގައި ބަޔަކު ރަސޫލު ކަމަށް ދައުވާ ކުރާކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

އިބްރާހިމް ޒަކީ

3

ގއ. ގެމަނަ ފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާ ކުރާ ކަމަށްބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ، ގެމަނަފުށީގައި ބަޔަކު ރަސޫލު ކަމަށް ދައުވާ ކުރާ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުން ދާތީ ބައެއް ފަރާތްތަކުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމަށް ފަހު ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ބެހޭގޮތުން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްްވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބުދުﷲ ޝިއާން ވިދާޅުވީ އެފަދަ ކަންބޮޑުވުމެއް ހިމެނޭ ޕޯސްޓެއް މީހަކު ސޯޝަލް މީޑިއާގައި ކުރި ކަމަށާއި ނަމަވެސް އެޕޯސްޓް ކުރި ފަރާތާ ވާހަކަ ދެެއްކެވި ކަމަށާއި އޭނާ ފަހުން އެ ޕޯސްޓް ނަގާފައިވާ ކަމަށެވެ. އަދި އޭނާ އެ ޕޯސްޓް ކުރީ އެފަދަ ނިޔަތެއްގައި ނޫން ކަމަށާއި ގެމަނަފުއްޓަކީ ދީނީގޮތުން ހޭލުންތެރި ރައްޔިތަކު އުޅޭ ރަށެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝިއާން ވިދާޅުވީ ގެމަނަފުއްޓާ ގުޅިގެން ހަބަރުތަކުގައި އެފަދަ ވާހަކަތަކެއް ފެތުރެމުން ދިއުމަކީ ކަންބޮޑުވެ ދެރަވާ ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟