ގޯލްޑަން ފުޓްސަލް ޗެލެންޖް

އަހުއްކޮގެ ހެޓްރިކާއެކު ދެއްވަދުއަށް ބޮޑު މޮޅެއް، ގެމަނަފުށިން ޗެމްޕިއަން ބަލިކޮށްފި

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ގއ. އަތޮޅުގެ ފުރަތަމަ މެޗުތައް ދެއްވަދުއާއި ގެމަނަފުށީގެ އިތުރުން މާމެންދު އަދި ދާންދޫން ކާމިޔާބު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާ އިރު، މިރޭ ކުޅުނީ ގއ. އަތޮޅުގެ ހަތަރު މެޗެކެވެ. އެ އަތޮޅުން ޖުމުލަ އަށް ރަށަކުން މިފަހަރު މުބާރާތުގައި ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ އަތޮޅު ބުރު ކުޅެމުންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނިފައިވެއެވެ.

އެ އަތޮޅު ގްރޫޕް އޭގައި ނިލަންދުއާއި ދާންދޫ މިރޭ ވާދަކުރި މެޗު 2-1 އިން ދާންދޫ ކާމިޔާބުކުރި އިރު، އެ މެޗުގައި ދާންދުއަށް ދެ ގޯލުވެސް ޖަހައިދިނީ މޮޅަށް ކުޅުނު މުހައްމަދު އަޒާން މައައްދުއެވެ. ނިލަންދޫގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ނިހާދެވެ.

އެ ގްރޫޕްގައި ގެމަފުއްޓާއި އެންމެފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ވާދަކުރި މެޗު ގެމަނަފުށިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގެމަނަފުށީގެ ފުރަތަމަ ގޯލު އަހުމަދު ޝާމް ކާމިޔާބުކޮށްދިން އިރު، އަނެއް ގޯލަކީ ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެންމެފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫގެ ގޯލު ޖެހީ އަހުމަދު އުމަރު އަބްދުﷲ އެވެ.

ގެމަނަފުއްޓާއި ކަނޑުހުޅުދުއަކީ މިދިޔަ އަހަރު މުބާރާތުގެ އަތޮޅު ފައިނަލުގައި ވާދަކުރި ދެ ޓީމެވެ. އެފަހަރު ފައިނަލުން ކަނޑުހުޅުދޫ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ގއ. އަތޮޅު ގްރޫޕް ބީގައި ދެއްވަދޫން މިރޭ 6-1 އިން ވިލިނގިލި ބަލިކުރި އިރު، އެ މެޗުގައި އަހްނަފް ރަޝީދު (އަހުއްކޮ) ހެޓްރިކް ހެދިއެވެ. ދެއްވަދޫ ޓީމުން މިފަހަރު ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) އާއި އަހްމަދު ރާހިލް ރަޝީދު އަދި އައިމަން ތައުފީގެވެ. ވިލިނގިލީގެ ހަމައެކަނި ގޯލު ޖެހީ އައުޝަމް ރަޝާދެވެ.

އެ ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި މާމެންދޫން 2-1 ކޮލަމާފުށި ބަލިކުރި އިރު، މާމެންދޫގެ ގޯލުތައް ޖެހީ ރައުހާން ރިއްފަތާއި ޝަމްވީލް މުހައްމަދެވެ. ކޮލަމާފުށީގެ ގޯލު ޖެހީ މުހުލިސް ނަޖީބެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މާދަމާ ރޭ އޮންނަ އަތޮޅު ބުރުގެ މެޗުތައް

20:00
ގްރައުންޑް 1: ހދ. ފިނޭ - ހދ. ނޮޅިވަރަންފަރު
ގްރައުންޑް 2: ހދ. މަކުނުދޫ - ހދ. ހަނިމާދޫ

21:00
ގްރައުންޑް 1: ހއ. ފިއްލަދޫ - ހއ. ހޯރަފުށި
ގްރައުންޑް 2: ހއ. ބާރަށް - ހއ. މާރަންދޫ

22:00
ގްރައުންޑް 1: ހއ. އިހަވަންދޫ - ހއ. މުރައިދޫ
ގްރައުންޑް 2: ހއ. ދިއްދޫ - ހއ. ވަށަފަރު

23:00
ގްރައުންޑް 1: ހދ. ނޮޅިވަރަން - ހދ. ނެއްލައިދޫ
ގްރައުންޑް 2: ހދ. ކުމުންދޫ - ހދ. ވައިކަރަދޫ