ގޯލްޑަން ފުޓްސަލް ޗެލެންޖް

ތިމަރަފުއްޓާއި ނައިވާދޫ ޒޯން ފައިނަލަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ފައިނަލަށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުއްޓާއި ހދ. ނައިވާދޫ ދަތުރު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ހައެއްގެ ދެމެޗާއި ޒޯން ހަތެއް، ޒޯން އެކެއް، އަދި ޒޯން ދެއަކުން ކޮންމެ ޒޯނަކުން ދެމެޗެވެ.

ޒޯން ހައެއްގައި ރޭ ތިމަރަފުށިން ވަނީ، ލ. އިސްދޫ 3-2 އިން ބަލިކޮށްފައެވެ. އެ ޒޯންގައި ތިމަރަފުށިން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމަށް ފައިނަލާއެކު ގަދަ 16 ޔަގީންވީ ބާކީ މެޗެއް އޮއްވައެވެ.

ތިމަރަފުށިން ރޭގެ މެޗުގައި ފެށުން ރަނގަޅުކޮށް ގޯލުތައް ކާމިޔާބުކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ އިބްރާހިމް ސިނާހް (ސިނާ)އާއި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. ސިނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އިސްދޫން މެޗަށް އަނބުރާ ވަނުމަށް ހިތްވަރުކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ އަލީ މީސާގް އީސާ އަދި ހުސެއިން އަފްހާނެވެ.

އެ ޒޯނުގައި އެންމެފަހުގެ ޗެމްޕިއަން ގަމުން އޮމަދޫ 3-0 އިން ބަލިކުރި އިރު، މެޗުގައި ހުސެއިން ނާޝިދު (ނާއްޓޯ) ވަނީ ދެ ގޯލު ޖަހައިފައެވެ. ދެން އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.

ޒޯން ހަތެއްގައި ރޭ ދެމެޗު ކުޅުނު އިރު، ސ. ހިތަދޫއާއި ގދ. ވާދޫން ވަނީ ފައިނަލްގެ ދެވަނަ ޖާގައަށް އުންމީދު ހޯދައިފައެވެ. އެ ޒޯނުން ދަނޑިމަގު ފައިނަލް ޔަގީންކޮށްފައިވާ އިރު، ރޭ ހިތަދޫން ގއ. ކަނޑުހުޅުދޫ ބަލިކުރީ 3-1 އިންނެވެ. މެޗުގައި ހިތަދޫގެ ގޯލުތައް ޖެހީ ސޮބާހު މަންސޫރު، މުހައްމަދު ރަފާހު އަބްދުﷲ އަދި މުހައްމަދު އިންޝާލެވެ. ކަނޑުހުޅުދޫގެ ގޯލު ޖެހީ، އަލީ އަޒްވާން އަބްދުލް އަޒީޒެވެ. ވާދޫން ރޭ ގއ. ގެމަނަފުށި އަތުން، 5-0 އިން މޮޅުވި އިރު، އެޓީމުގެ ގޯލުތައް ޖެހީ، މުހައްމަދު އިޔާދު އަލީ، އަބްދުﷲ އަހްލީ އަލީ، ނަޝާހު އަހުމަދު (ނައްޓު) އަދި މުސައްނިފު މުހައްމަދު (މުއްސެ) އެވެ. އިޔާދު މެޗުގައި ދެ ގޯލު ޖެހިއެވެ.

ޒޯން ހަތެއްގައި ހިތަދޫއާއި ވާދޫއަށް ފައިނަލްގެ ފުރުސަތު އަދި އެބައޮތެވެ. އެ ދެޓީމަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ފައިނަލްގެ ދެވަނަ ޖާގަ އެނގޭނީ ފަހު ބުރުގެ މެޗުތަކުންނެވެ.

ޒޯން އެކެއްގެ ފައިނަލަށް ހދ. ނައިވާދޫ ދަތުރުކުރީ ހއ. ދިއްދޫ ކައިރިން ހޯދި މޮޅާއެކުގައެވެ. އެ ޒޯނުގައި ހަތަރު ރަށަކުން ވާދަކުރާ އިރު، ނައިވާދޫ މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ މޮޅުވެފައެވެ. އެ ޒޯންގެ ފައިނަލް ދެވަނަ ޖާގައިގެ ފުރުސަތު ދިއްދުއާއި އުތީމަށްވެސް އެބައޮތެވެ.

ނައިވާދޫން ރޭ ދިއްދޫ ކައިރިން 4-1 އިން މޮޅުވި އިރު، މެޗުގައި ނައިވާދޫގެ ގޯލުތައް ޖަހައިދިނީ ޔާމިން މުހައްމަދު (ޔާންޓެ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ) އަދި މުހައްމަދު ޝާއިނެވެ. ދިއްދޫ ޓީމުގެ ގޯލު ޖެހީ، ހައިޝަމް ރަޝީދެވެ. ރޭ އެ ޒޯނުގައި އުތީމުން 3-1 އިން ހދ. ނޮޅިވަރަމް ބަލިކުރި އިރު، މެޗުގައި އުތީމުގެ ގޯލުތައް ޖެހީ އަހުމަދު އައިހަމް، މުހައްމަދު ނަބީލް އަދި ތަހާ މުހައްމަދެވެ. ނޮޅިވަރަމްގެ ގޯލު ޖެހީ، ހުސެއިން ވަސީމެވެ.

ރޭ ޒޯން ދޭއްގެ ދެމެޗުވެސް ކުޅުނު އިރު، ރޭ ނ. ކެނދިކުޅުދޫން ވަނީ 3-1 އިން ރ. އަލިފުށި ބަލިކޮށްފައެވެ. މެޗުގައި ކެނދިކުޅުދޫގެ ގޯލުތައް ޖެހީ، މުހައްމަދު އައްޒާމާއިމުހައްމަދު އަރީހެވެ. އައްޒާމް މެޗުގައި ދެ ގޯލު ޖެހިއެވެ. އަލިފުށީގެ ގޯލު ޖެހީ، އަހުމަދު ހުސާމެވެ. ރޭ އެ ޒޯނުގައި، ރ. ދުވާފަރާއި ށ. ކަނޑިތީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކަނޑިތީމުގެ ގޯލު މެޗުގައި ޖެހީ އަބްދުﷲ ޒަމީމެވެ. ދުވާފަރުގެ ގޯލު ޖެހީ، އަހުމަދު އީރާސްއެވެ.

އެ ޒޯނުގެ އެއްވަނައިގައި މިވަގުތު ކެނދިކުޅުދޫ އޮތް އިރު، ދެވަނައިގައި އޮތީ އަލިފުއްޓެވެ. ދެޓީމަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓާއެކު އޮތީ ކަނޑިތީމެވެ. ހަތަރު ވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ދުވާފަރު އޮތް އިރު، ތިން މެޗުން އެއް ޕޮއިންޓާއެކު ފުލުގައި އޮތީ ށ. ފޭދުއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.