ގއ. ގެމަނަފުއްޓަށް އުފަން އަހުމަދު އައުޒަމް އަކީ އެރަށު އަބްދުއް ސަމަދު އަދި ފާތުމައިދީދީއަށް ލިބިފައި ތިބި ދިހަ ކުދީންގެ ތެރެއިން ހަގަށް ލިބުނު ތިން ވަނަ ކުއްޖާއެވެ.
ކުޑައިރުއްސުރެވެސް ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރުމުން އައުޒަމް އަށް ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. ބެލެނިވެރީންގެ ބައްދަލުވުމުގައިވެސް ފޮތާއި ގަލަމުގެ ރޮނގުން އުންމީދީ ނަތީޖާތަކެއް ނުފެންނަކަމަށް ލިބޭ ޝަކުވާތައް ގިނަވިއެވެ. އެކަމުން އައުޒަމްގެ މައިންބަފައިން އޭނާގެ މުސްތަގުބަލަށް ކުރި އުންމީދުތަކަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ގެނުވިއެވެ.
ނަމަވެސް ކޮންމެ ކުއްޖަކީވެސް އެކި ހުނަރުތަކުން ފުރިފައިވާ ކުދީންކަން ސާބިތުކޮށްދިނީ އައުޒަމްއަށް ލިބުނު ކުޑަކުޑަ މޯޓަރަކުންނެވެ. ހާއްސަކޮށް އާއިލާއިން ވާރުތަވި އިންޖިނިއަރިންގެ ހުނަރުންނެވެ.
އައުޒަމް "ވަން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނީ އޭނާއަށް ކުޑައިރުއްސުރެ ވާހަކަދައްކަން އުނދަގޫ ވުމުން ކިޔެވުމަށް އެކިކަހަލަ ހުރަސްތައް އެޅުން ކަމަށެވެ. އެކަމަށް ހައްލު ލިބުނީ އުމުރުން 13 އަހަރުގައި ކުރި ދުލުގެ އޮޕަރޭޝަނަކުންނެވެ.
"ސުކޫލް ގަޑި ނިންމާފަ އައިސް އަޅުގަނޑު ވަގުތު ހޭދަ ކުރަނީ މޯޓަރު ފަދަ ކުދިކުދި ސާމާނު ރޫޅައި މަރާމާތުކުރުމަށް. އެއީ ކުދިން އަތަށް ޓެބްލެޓް، ފޯނު ފަދަ ސާމާނު ދީފަ ހުންނަ ޒަމާނެއް ނޫން" އައުޒަމް ބުންޏެވެ.
އާ ތަކެތި އީޖާދު ކުރުމަށް ވެސް އައުޒަމްގެ ޝައުގު ވަރަށް ބޮޑެވެ. އުމުރުން 13 އަހަރުގައި ނުވަ ފޫޓުގެ ބައިސްކަލެއް އަމިއްލައަށް ފަރުމާކުރިއެވެ. އެކި ޑިޒައިންތަކަށް ބައިސްކަލުތައް ފަރުމާކުރިއެވެ. އޭގެ އިތުރުންވެސް ތަފާތު ތަކެތި ތައްޔާރުކުރުމަށް އޮތް ޝައުގުން ރިމޯޓް ސައިކަލެއްވެސް ފަރުމާ ކުރިއެވެ.
ކުޑަކުދީންނަކަށް ނޫނެވެ. ބޮޑެތި މީހުންނަށެވެ. އެ ސައިކަލުގެ އެންމެ ހާއްސަ އެއްކަމަކީ އޭގެ ހަރުވެސް ރިމޯޓުން ކޮންޓްރޯލްކުރުމެވެ. އަދި ސައިކަލުގެ މަޑިން ފެށިގެން އޭގައި ހަރުކޮށްފައި ހުންނަ ފަހަތް ބަލާލޯގަނޑުގެ ބަދަލުގައި ސައިކަލުގެ ކުރިމަތީގައި ސްކްރީނެއް ހަރުކޮށްފައިވެއެވެ.
ނަމަވެސް ރާއްޖޭގައި އެގޮތަށް ފަރުމާކޮށްފައި ހުންނަ ސައިކަލު ނުވަތަ ކާރު ފަދަ ތަކެއްޗަކީ މާބޮޑަށް އާންމުންގެ ސަމާލުކަން ލިބޭ ތަކެއްޗެއް ނޫނެވެ. އެހެންކަމުންނާއެކީ އައުޒަމް ބަލަނީ ރާއްޖެއިން ބޭރުން ނަމަވެސް އޭނާގެ ހުނަރު ބަލައިގަނެ އާތަކެތި އުފައްދަން އެފަދަ ކަންކަމަށް ހިތްވަރުދީ އަދި ފަންޑުކޮށްދޭނެ ސްޕޮންސަރެއް ލިބޭތޯއެވެ
"ބައެއް މީހުން ކުރަނީ މަލާމާތް. އެޕްރިޝިއޭޓެއް ނުކުރޭ. މޮޅު އެއްޗެއް ހަދައިފި ނަމަ އޭގެން ކުރިއަށްދާން ސަޕޯޓު ކުރާ މީހުން މަދު" އައުޒާމް ބުންޏެވެ.
އަމިއްލަ ހިތްހަމަޖެހުމަށް ދޮޅު ފޫޓުގެ ކުޑަ ލޯންޗެއް އައުޒަމް ވަނީ ތައްޔާރުކޮށްފައެވެ. އެއަށް ބޭނުންވާ އިންޖީނުގެ ބައިތައް ގެނައީ ރާއްޖެއިން ބޭރުންނެވެ.
އައުޒާމްގެ ފޯނުން ދައްކާލި ދޮޅު ފޫޓުގެ ކުޑަ ލޯންޗުންވެސް އޭނާގެ ހުނަރު ވަރަށް ފުރިހަމަޔަށް ފެނުނެވެ. ފެންނަ ފެނުމަށް އެއީ ރާއްޖެއިން ބޭރުން ގެނެސް ވިއްކާ ލޯންޗެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ އޭނާގެ އަމިއްލަ އުފެއްދުމެއް ކަމަށް އައުޒާމް ބުންޏެވެ. އެފަދަ ގިނަ ލޯންޗު އިތުރަށް ތައްޔާރު ކުރެވިދާނެތޯ ސުވާލު ކުރީމެވެ.
"ފުރުސަތު ލިބިއްޖެއްޔާ ތައްޔާރު ކުރެވިދާނެ. ބޭނުންވަނީ ސްޕޮންސަރެއް. ސައިކަލުވެސް ފަރުމާ ކުރެވިދާނެ. ނަމަވެސް ރާއްޖޭގަ އެކަން ހުއްދަނުވާތީ އެކަމުން އަދި އިތުރަށް ކުރިއަށް ދެވޭކަށް ނެތް" އައުޒާމް ދެރަވެލާފައި ބުންޏެވެ.
މިހާރުވެސް ރަށުގައި އަމިއްލަ ވޯކްޝޮޕެއް ހިންގައެވެ. ޗުއްޓީއަށް ރަށަށް ދިޔަނަމަވެސް ގިނަ ވަގުތު ހޭދަވަނީ އެކި ކަހަލަ މަސައްކަތްތަކުގައެވެ. ވެލްޑިން މަސައްކަތާއި ކަރަންޓުގެ މަސައްކަތެވެ. އޭސީގެ މަސައްކަތުން ފެށިގެން އިންޖިނިއަރިން އަދި ބައެއް ކަހަލަ އިލެކްޓްރޯނިކްގެ މަސައްކަތްތަކެވެ.
މިއީ އަދި މިހާހިސާބުން ނިންމާލެވެން ނެތް ވާހަކައެކެވެ. އާދަކާދަ ތަކުގެތެރެއިންވެސް އެކަން ފެންނަން ފެށުމެވެ. އަޅާ ކަމަރުންނެވެ. ތޮފީގައިވާ ނިޝާނުންނެވެ. އަދި ރެންޗެއްގެ ސިފަ ގެނުވައިފާ ކާން ގެންގުޅޭ އުލުންވެސް އައުޒަމް އަކީ ފުރާފުރިހަމަވަމުން އަންނަ ފައްކާ އިންޖިނިއަރެއްކަން އަންނަނީ ފެންނަމުންނެވެ. މީގެ އިތުރުން އިނގިލީގައި އަޅަން ތައްޔާރުކުރި އަނގޮއްޓި (ރެންޗް ރިންގް)އިންވެސް އެކަންދައްކުވައިދެއެވެ.
އެންމެ ހިތްހަމަ ޖެހޭ ކަމެއްގެ ގޮތުގައި އައުޒާމް ފާހަގަކުރާ އެއްކަމަކީ އޭނާއަކީ އިންޖިނިއަރިންގެ ދާއިރާއިން އެކި ކުންފުނިތަކުން ބަލައިގަނެފައިވާ މީހެއްގެ ގޮތުގައި ދެކުމެވެ. މިހާރު އުމުރުން 24 އަހަރުގެ އައުޒަމް އަށް މީގެ ކުރިން ލިބިފައި ހުރި ފުރުސަތުތަކަށް ބަލާއިރު 2011 ވަނަ އަހަރު އެމްޓީސީސީގެ 14 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް ދިރާސާކުރަން ލިބުނެވެ. އެ އިންޖީނު ޓެސްޓުކުރަން ދުއްވަން ފުރުސަތު ލިބުނީ 2023 ސެޕްޓެމްބަރު ގައެވެ.
މީވެސް ލިބުން ރަނގަޅު ތަޖުރިބާ ތަކެއްގެ ގޮތުގައި އައުޒާމް ފާހަގަ ކުރިއެވެ.
ނަމަވެސް އޭނާއަށް މިހާރުވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ކުރާ ކޮމެންޓުތަކުން ހިތްނުތަނަވަސް ވެއެވެ. އެއީ "ޒުވާން އިންޖިނިއަރު"ގެ ނަމުން މަޝްހޫރުވެފައިވާތީއެވެ. ނަމަވެސް މީހެއްގެ ހުނަރު އަނެކުން ބަލައިގަނެ އެކަން އެހެން މީހުންނަށް އަންގައިދިނުމަށް މަސައްކަތް ކުރުމަކީ ގޯހެއް ނޫނެވެ.
އެއީ އޮންލައިން ވިޔަފާރިތަކުންވެސް ކުރަމުން އަންނަ ކަމެއްކަމަށްވާތީއެވެ. ވަކި މީކަހަށް ނުވަތަ ވަކި ރަށަކަށް ނިސްބަތްވާތީ ފުރައްސާރަޔާއި މަލާމާތް ރައްދުކުރުމަކީ މޮޅުކަމެއް ނޫނެއެވެ. އެކުރަނީ ފޮރުވިގެން ތިބެ ވަރަށްވެސް ފިނޑި އަމަލެކެވެ.
މިހާރު އަދާކުރާ އެމްޓީޓީސީގެ އިންޖިނިއަރެއްގެ މަގާމުން އައުޒާމް ކުރާ ފޮނި އުންމީދު ބޮޑެވެ. އެމްއެންޑީއެފްގެ ކޯސްގާޑުން ވަޒީފާ ލިބުމަކީ އައުޒާމް ކުރާ ފޮނި އަދި ދެކޭ ހުވަފެނެކެވެ. އޭގެ އިތުރުން މެރިން އިންޖިނިއަރިންގެ ދާއިރާއިން އިތުރު ފުރުސަތުތައް ލިބި ރާއްޖެއިން ބޭރުން އިންޖިނިއަރިންގެ ދާއިރާއިން އަމަލީ ތަޖުރިބާ އޭގެ ފުރިހަމަ ގޮތުގައި ލިބުމެވެ. އަދި އޭނާގެ ހުނަރުން އެކިކަހަލަ ތަކެތި އީޖާދުކުރުމެވެ.
"ވަން" އިން އެދެނީ އައުޒާމް ފަދަ ހުނަރިވެރީންނަށް އިތުރު ފުރުސަތުތައް ލިބިގެން ދިއުމެވެ.