ގޯލްޑަން ފުޓްސަލް ޗެލެންޖް

ވަރުގަދަ ވާދޫ ބަލިކޮށް ދަނޑިމަގު ފައިނަލާ ދިމާލަށް، އަލިފުއްޓާއި ކަނޑިތީމު އަދި ކަނޑުހުޅުދޫއަށް މޮޅެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ކުޅުނު މެޗުތައް ދަނޑިމަގާއި އަލިފުށި، ކަނޑުހުޅުދޫ އަދި ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ދޭއްގެ ދެމެޗާއި ޒޯން ހަތެއްގެ ދެމެޗެވެ. ޒޯން ދޭއްގައި އަލިފުށިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ށ. ފޭދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލިފުށިން ޖެހި ދެގޯލުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުލް ސަމީއު ހަސަނެވެ.

ކަނޑިތީމުން ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮވެ ރޭ ނުކުތީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި އޮތް، ކެނދިކުޅުދޫއާ ދެކޮޅަށެވެ. ރޭ ކަނޑިތީމުން ކެނދިކުޅުދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ކެނދިކުޅުދޫގެ އިބްރާހީމް އަލީމް ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް ކަނޑިތީމުން ފަހަތުން އަރައި ދެ ގޯލު ޖެހިއެވެ. ކަނޑިތީމުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ހަސަން ނިހާލް އަދި މުހައްމަދު ޝާނެވެ.

ޒޯން ހަތެއްގައި މިދިޔަ އަހަރުގެ ރަނަރަޕް ގދ ވާދޫން ކުޅުނު ފުރަތަމަ މެޗުގައި ރޭ ދަނޑިމަގު ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ދަނޑިމަގުން މިހާތަނަށް ދެ މޮޅު ހޯދާފައިވާ އިރު، އެޓީމަށް ވަނީ ޒޯން ފައިނަލަށް ފުރުސަތު ބޮޑުވެފައެވެ.

ދަނޑިމަގުގެ ގޯލުތައް ރޭގެ މެޗުގައި ޖަހައިދިނީ ޝަމާލް އަބްދުﷲ އާއި އިނާން އަހުމަދެވެ. އިނާން ވަނީ މެޗުގައި ދެވަނަ ހާފުގައި ދެ ގޯލު ދަނޑިމަގަށް ޖަހައިދީފައެވެ. މެޗުގައި ވާދޫން ޖެހި ހަމައެކަނި ގޯލު އެޓީމަށް ޖަހަދިނީ މުސައްނިފް މުހައްމަދެވެ.

ޒޯން ހަތެއްގައި ރޭ ގއ. ކަނޑުހުޅުދޫއިން އެ އަތޮޅު ގެމަނަފުށީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. އަތޮޅު ފައިނަލުގައިވެސް ކަނޑުހުޅުދޫން ގެމަނަފުށި ބަލިކުރި އިރު، ރޭގެ މެޗުގައި ކަނޑުހުޅުދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޒައިން ނިޔާޒާއި މުހައްމަދު ޒައިން ނިޔާޒް އަދި އަހުނަފް ޒާހިރެވެ.

މެޗުގައި ގެމަނަފުށީގެ ގޯލު ޖެހީ އަލީ ޝާޒް ހަބީބެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ބުރުގެ އަށް މެޗު މިރޭވެސް އޮންނާނެއެވެ. އެއީ ޒޯން ތިނެއް, ހަތަރެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.

މި މުބާރާތުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ. އެއީ ޒޯން ތިނެއް, ހަތަރެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.