އެމްޑީޕީ

ނަތީޖާ ބަލައިނުގަންނަ ކަމަށް ވިދާޅުވެ 11 ކަމެއް ފާހަގަކުރައްވައި އަސްލަމް މައްސަލަ ހުށަހަޅުއްވައިފި

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މީހަކު ހޮވަން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބަލައި ނުގަންނަ ކަމަށާއި، ސަބަބުތަކުގެ ގޮތުގައި 11 ކަމެއް ފާހަގަ ކުރައްވައި، އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ މައްސަލަ ބަލައިދިނުން އެދިވަޑައިގެން ޕާޓީގެ ޗެއާޕާސަން އަށް ހުށަހަޅުއްވައިފި އެވެ.

"ވަން އޮންލައިން" އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ މިއަދު ކަމަށާއި މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ވާތީ، އެ ކަންކަމުގެ ތަފްސީލު އަދި އާންމު ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

"އެކަންކަމުގެ ތަފްސީލު ހާމަކުރުމާ މެދު އަޅުގަނޑު ގޮތެއް ނިންމާނީ ޕާޓީން އަޅުގަނޑު ހުށަހެޅުމާ މެދު އަމަލުކުރާ ގޮތަކަށް ބަލާފަ. އެއީ މި ކަމަކީ ޕާޓީގެ މަސްލަހަތާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށް ވާތީ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ހުށަހެޅުއްވި މައްސަލަތަކުގެ މައިގަނޑު ކަންކަމަށް ބަލާ އިރު، އިންތިހާބު ބޭއްވި ގޮތުގެ މައްސަލަތަކާއި ނަތީޖާ ނެރުމުގައި ހުރި ކަންކަމާ ގުޅޭ މައްސަލަތައް ފަދަ ސީރިއަސް މައްސަލަތައް ހިމެނޭ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ބަލާ އިރު އަޅުގަނޑުގެ އިންތިހާބީ ހައްގަށް ވަރަށް ބޮޑަށް އުނިކަން ލިބޭ ފަދަ ކަންކަން ހިމެނޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެ އުނިކަން އައިސްފައިވާތީ އެކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފަ މައްސަލަ ހުށަހެޅީ. ދެން މި ކަމުގައި ޕާޓީން ދެއްތޯ ގޮތެއް ނިންމާނީ!" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަސްލަމާ ވާދަކުރައްވައި އެ މަގާމު ދިފާއުކުރެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.