އާލަމްތަކަށް ރަހްމަތެއްކަމުގައި ފޮނުއްވި ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ފައިންޕުޅު ބީއްސެވުމާއެކު އެމާތް ސާހިބާގެ ބިނާކުރައްވަނިވި މަސައްކަތްޕުޅު ނުހަނު ހަލުވިކަމާއެކު ފައްޓަވައިގެންނެވިއެވެ. އޭގެތެރެއިން އެންމެ އިސްކަން ދެއްވި އެއްމަސައްކަތްޕުޅަކީ އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވުމެވެ. އިސްވެދިޔަތާނގައި ވެސް ބަޔާންކޮށްފައިވާނޭ ފަދައިން އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވި ބިމަކީ މަދީނާގެ ނައްޖާރުވަންހައިގެ ޔަތީމު ދެ އަންސާރުންގެ މިލްކުގައިވާ ބިމެކެވެ. އެދެބޭކަލުންނަކީ ސަހުލާއި ސުހައިލެވެ. އެދެބޭކަލުން ގަސްދުކުރެއްވީ "މާތްﷲގެ ގެ" ބިނާކުރެއްވުމަށްޓަކައި އެބިން އިތުރުސާހިބާ އަށް ހިލޭ ވެދުމަށް އެރުއްވުމަށެވެ. ނަމަވެސް ކައުސާހިބާ އެބޭކަލުންނާ ވާހަކަފުޅު ދައްކަވައިގެން ބިމުގެ ފުރިހަމަ އަގުދެއްވައިފައި އެބިން ބައްލަވައިގެންނެވީއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެހައިބޮޑަށް ބާރު އަޅުއްވައިގެން އެބިން ބައްލަވައިގެންނެވި ސަބަބާމެދު އާއްމުކޮށް މުއައްރިޚުން ސަމާލުކަން ދެއްވައިފައެއްނުވެއެވެ. އެކަމުގައި އެކުލެވޭ ބޮޑު މަސްލަހަތުގެ މައްޗަކަށް އަލިއަޅުއްވައިފައެއް ނުހުރެއެވެ. އެހެންނަމަވެސް މިކަމުގައިވެސް އަޅުގަނޑުމެން މިޒަމާނުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރާންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އާދެ، އިތުރުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ދާދިއަވަހަށް ބިންގާއެޅޭނެ އިސްލާމީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. އެހެންކަމުން އިތުރުސާހިބާ އެބިން ހިލޭ އަތުލައްވަން އިންކާރު ކުރެއްވީއެވެ. ކުރިޔަށް އޮތްތާނގައި އިސްލާމީ އުންމަތަށް އަންނަވެރީންނަށް މީހުންގެ ބިންތައް ހިލޭ އަތުލެއްވުމުގައި ދައްކަވާނެ ބަހަނާއެއް ލިބިވަޑައިގަތަ ނުދެއްވުމަށްޓަކައެވެ. މިސްކިތެއް ބިނާކުރައްވާންކަމުގައި ވިޔަސް ވެހެވެ. އުންމަތުގައި އުފެދޭ ފާސިގުވެރީންނަށް މީހުންގެ ބިންތައް އަގު ނުދެއްވައި އަތުލެއްވުމަކީ އިތުރުސާހިބާގެ ރީތި ސުންނަތުގައި ވެސް ހިމެނޭކަމެއްކަމުގައި ދައުވާކުރައްވާނެ ޖާގަ ނުދެއްވުމަށްޓަކައެވެ. ދުނިޔޭގައި ބޭއިންސާފުގެ ރަސްމެއް އުފެދުނަ ނުދެއްވުމަށްޓަކައެވެ.
ކައުސާހިބާގެ މިސްކިތްކޮޅު އިމާރާތްކުރެއްވީ ވަރަށް ސާދާކޮށެވެ. ފާރުރޭނުއްވީ ހިލައިންނެވެ. ތަނބު ޖެއްސެވީ ކަދުރު ރުކުގެ ރުއްގުޅީންނެވެ. ފުރާޅުކޮޅު ހެއްދެވީ ކަދުރު ރުކުގެ ވަކަރުންނާއި ފަނުންނެވެ. ފުރާޅު ކޮޅުގެ އުސްމިނަކީ މީހަކު ކޮޅަށްތެދުވެ އަތް ދަމައިލުމުން އަތްފޯރާވަރެވެ. އެތެރޭގައި ތަޅުމެއް ނާޅުއްވައެވެ. އެންމެ ފުރަތަމަ އޮތީ އާދައިގެ ވެލިގަނޑެވެ. ނަމަވެސް ތަންކޮޅެއްފަހުން ކުދިކުދި ހިލަކޮޅުކޮޅު އަޅުއްވައި ވެލިގަނޑު ނިވާކުރެއްވިއެވެ. މިސްކިތްކޮޅުގެ އެއްފަރާތެއްގައި އަށްޓެއް (ޞުއްފާ) ހެއްދެވިއެވެ. އެއީ ހުޅުވައިލެވިފައިވާ އިގާމަތީ ދަރުސްގާހެކެވެ. ޞުއްފާގައި އާދަވެގެންތިއްބަވާ ބޭކަލުންގެ ނަންފުޅު ތާރީޚުގައި ފާހަގަ ކުރެވިފައިވަނީ ސުއްފާގެ އަހުލުވެރީންގެ ނަންފުޅުންނެވެ. ޞުއްފާއާ ބެހޭގޮތުންނާއި ޞުއްފާގެ ތައުލީމީ ނިޒާމާ ބެހޭގޮތުން އަޅުގަނޑުވަނީ ވާހަކަ ދައްކައިފައެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގުބާ މިސްކިތް ބިނާކުރެއްވި އިރުވެސް ސަހާބީންނާއެކު ހިލައުފުއްލަވައި މަސައްކަތްޕުޅުކުރެއްވި ފަދައިން މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގައިވެސް އަމަލީގޮތުން މަސައްކަތުގައި ބައިވެރިވެ ވަޑައިގެން މަސައްކަތް ކުރެއްވިއެވެ. އާދައިގެ މަސައްކަތު މީހެއްގެ ބީދައިންނެވެ. އިތުރުސާހިބާއަކީ ސައްޔިދުލް މުރުސަލީންނެވެ. މުސްލިމުން ބޯލަނބައި ކިޔަމަންވާ މާތް އަމީރެވެ. ސަހާބީންނަކީ މާތްﷲގެ ވަލީންނެވެ. ނަމަވެސް އިތުރުސާހިބާއާއި ސަހާބީންނަކީ އެމިސްކިތްކޮޅު ބިނާކުރެއްވި މަސައްކަތުމީހުންނެވެ. އެހެންކަމުން އެމިސްކިތްކޮޅުގެ ހައިބަ ބޮޑުކަމާއި މަތިވެރި ކަމާއެވެ!. އުޚުއްވަތާއި، ހަމަހަމަކަމާއެކު، މަސައްކަތްކުރެއްވި މަސައްކަތްތެރީންގެ މިއަށްވުރެ މަތިވެރި، މިއަށްވުރެ ރީތި، މިއަށްވުރެ އީމާންކަމުގެ ރޫހުހުރި މިސާލެއް ފަލަކުތަކުގެ ލޯ ދެކެފައިވާނެ ބާއެވެ.؟ އެމާތް މިސްކިތްކޮޅު ބިނާކުރެއްވުމުގައި މަދީނާގައި ތިބި ހުރިހައި މުސްލިމުން އަމަލީގޮތުން ބައިވެރިވިއެވެ. މުހާޖިރުންނާއި އަންސާރުންނެވެ. އެބޭކަލުން މަސައްކަތްކުރައްވަމުން ގެންދެވީ ބުއްދިތައް ހައިރާންވެ އާސޯޚުވާ ފަދަ ޖޯޝާއި ފޯރިޔާއެކުގައެވެ. އޭރު އެބޭކަލުން ވިދާޅުވަމުންގެންދެވި ޅެންބައިތުގެ މާނަ ތިރީގައިމިވަނީއެވެ.
"އޭ ﷲއެވެ. ޙަޤީޤީ ދިރިއުޅުމަކީ އާޚިރަތުގެ ދިރިއުޅުމެވެ. އަންސާރުންނާއި މުހާޖިރުންގެ ފާފަފުއްސަވައިދެއްވާނދޭވެ!."
އެމުޖުތަމައެއްގެ އެއްބަޔަކީ ފުރަދާނައިންކަމަށާއި ދެން ހައްތާވެސްތިބެނީ ނިކަމެތިރައްޔިތުން ކަމުގައިބެލެވޭ ނިޒާމެއްގައި ދިރިއުޅެމުންއައި ޔަޘްރިބުގެ އަހްލުވެރީންނަށް އެއީ އެހައިތަނަށް އެއްގޮތަކަށްވެސް ނުފެންނަ ކަހަލަ މަންޒަރެކެވެ. އެބައިމީހުންގެ ކުރިމަތީގައި އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ސާހިބުންނާއި އަޅުންގެ އަމީރުންނާއި ފަކީރުންގެ ވެރީންނާއި ރައްޔިތުންގެ ހުކުމްދާރުންނާއި، ހުކުމް ބަލައިގަންނަ މީހުންގެ އުޖޫރަދޭމީހުންނާއި އުޖޫރަ ލިބޭމީހުންގެ ޚާއްސުންނާއި އާއްމުންގެ މެދުގައި ކުޑަވެސް ފަރަގެއްނެތެވެ. އެއީ މަދީނާގެ އަހްލުވެރިންނަށް ފެނުނު އިންގިލާބީ ޙާދިޘާ އެކެވެ. އާރާއި ބާރުހުރި މުއްސަނދީންކުރެ އެހައިތަނަށް ތެދުމަގުގެ އަލިކަން ނުފެނި ތިބިމީހުންނަށް އެކަމަކީ އެމީހުންގެ ފުރާނަތަކަށް ދަތިކުރުވިކަމެކެވެ. ނިކަމެތީންނާއި ބަލިކަށިމީހުންނަށް އެއީ ޔަޤީންކުރާން އުނދަގޫވިކަމެކެވެ. އެހެންކަމުން މުޝްރިކުންނާއި، ޔަހޫދީންނާއި ނަސާރާއިންނަށް އެމަންޒަރުފެނުމުން ފުން އަސަރުތަކެއް ކުރުވިއެވެ. ކައުސާހިބާ ދައްކަވަމުންގެންދަވާ މިބާވަތުގެ ރީތި ނަމޫނާތައް ފެންނަމުން ދިޔަ ދިޔަހެން އެމާތް ސާހިބާއަކީ ދުރާލައި އެބޭކަލެއްގެ އުފާވެރި ހަބަރު ލިބިފައިވާ ނަބީ މައުޢޫދުކަން އެބައިމީހުންނަށް ދިޔައީ ޔަޤީންވަމުންނެވެ. ނަމަވެސް، އެބައިމީހުންގެ ދީނީ އަދި ނަސްލީ އަޞަބިއްޔަތު ވެފައިވަނީ ތެދުޤަބޫލު ކުރުމުގެ މަގަށް ހުރަސްއަޅާ ކަމެއްކަމުގައެވެ.
އިސްލާމީ އިންގިލާބުގެ ތަހްރީކުގައި ހިމެނިވަޑައިގަންނަވާ މުހާޖިރު މެމްބަރުންނަކީ މަދީނާގައި "ބީރައްޓެހީން" ނެވެ. "ގެދޮރުނެތް" މީހުންނެވެ. "މާލެއް މުދަލެއް ވާލެއްއިޔާރެއްނެތް މީހުންނެވެ". އެބޭކަލުންގެ އަތްޕުޅަކު ފަރީއްކުޅުއްވާނެ ފަދައެއްނެތެވެ. އަތްވާއި ވާރެއިން އިސްތަށިފުޅު ނިވާކުރައްވާނެ ހިޔާވައްސެއްނެތެވެ. ހަށިކޮޅު ފޮރުއްވާނެ ފޭރާންކޮޅެއްނެތެވެ. ނަމަވެސް އިސްލާމީ އިންގިލާބުގެ ތަހްރީކުގެ އަންސާރީ ބައިވެރީން ވެވަޑައިގަތީ މުހާޖިރުންނަށްޓަކައި ސުރެން ސުރެން ރަހްމަތެއްކަމުގައެވެ. އަންސާރުން ތިއްބެވީ ނުގުޑާފަދަ އީމާންކަމެއްގައެވެ. އިސްލާމީ ޢަޤީދާތައް ވަނީ އެބޭކަލުންގެ ހަޔާތްޕުޅާ ވަކިކޮށްނުލެއްވޭނެ ބަޔަކަށްވެފައެވެ. އެހެންކަމުން ތައުހީދުގެ އަހްލުވެރީން ވެވަޑައިގަތީ އަޚުން އުޚުތުން ތަކެއްކަމުގައެވެ. މުހާޖިރުންނަކީ އަޚުންކަމުގައި އަންސާރުން ބަލައިގެންނެވީ ހިތްޕުޅުތަކުގެ އެންމެ ފުނުންނެވެ. އަންސާރުން އެބޭކަލުންގެ އުފުލޭ މުދަލާއި، ނުއުފުލޭ މުދާތައް އަޚުންގެ މެދުގައި ބައްސަވައިލެއްވިއެވެ. އިސްވެދިޔަ ސަފުޙާތަކުގައިވަނީ މި މައުޟޫއުގައިވެސް ވާހަކަ ދެކެވިފައެވެ.
ތައުހީދުގެ ޢަޤީދާގެ މުއުޖިޒާތީ ބާރުގެ ސަބަބުން ޤަބީލީ އަސަބިއްޔަތު ވަޔަށް ބުރައިގެން ހިނގައްޖެއެވެ. އޭގެބަދަލުގައި އެއްބަނޑުއެއްބަފާކަމާއި ހަމަހަމަކަން ގާއިމުވެއްޖެއެވެ. އެންމެންވެސް ތުނޑުސުފުރާއަށް އަތްހަމަވެ އެންމެންގެ ގައިގައިވެސް ޞިބްޣަތުﷲ ގެ ކުލައިން ކުލަޖެހިއްޖެއެވެ. އީމާންކަމުގެ އަހްލުވެރީންގެ ޟަޚްޞިއްޔަތުގައި އިލާހީ ކުލައިން ކުލަފަވައިލެވި ޒީނަތްތެރި ވެއްޖެއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ގެމަށްވޮޑިގެންނެވީ މާތްވެގެންވާ އަހްލުބައިތުން މައްކާއަށް ދޫކުރައްވައިފައެވެ. އަރިހުގައި ދަތުރުކުރެއްވި ބައިވެރިޔަކީ އިތުރުސާހިބާގެ ހޮހަޅައިގެ މިތުރާ އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހުއެވެ. އެހެންކަމުން އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާގައި ހަމަޖެހިވަޑައި ގެންނެވުމާއެކު ތާހިރު އަހްލުބައިތުން މަދީނާއަށް ގެންނެވުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެކަމަށްޓކައި މަސްޖިދުއްނަބަވިއާ އިންވެގެން ކޮޓަރިކޮޅުތަކެއް ހެއްދެވިއެވެ. އެކޮޓަރިކޮޅުތަކަކީ ވަރަށް ކުޑަ އަދި ވަރަށް ސަހަލު ކޮޓަރިކޮޅުތަކެކެވެ. އެއިން ކޮޓަރިކޮޅެއްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 9 × 15 ފޫޓެވެ. ފުރާޅުކޮޅުއޮތީ އަތްފޯރާ ހިސާބުގައެވެ. އެންމެ ފުރަތަމަ ހެއްދެވިއިރު ދޮރުކޮޅުގައި ދޮރުފަތެއްވެސް ނުލައްވައެވެ. ދޮރުކޮޅު ނިވާކުރެއްވީ ކެހެރި ރަޖާ ވައްތަރުގެ ބޯ ފޮތިގަނޑެއް ދަންމަވައިގެންނެވެ. ތަންކޮޅެއް ފަހުން އެއްފަޅިޔަށް ހުޅުވޭ ދޮރުފަތެއް ލެއްވިއެވެ. ދަނޑިފަނުން ހައްދަވައިފައިވާ ދޮރުފަތެކެވެ. އަޅުގަނޑުމެން ފުޅަލިގަނޑެކޭ ކިޔާކަހަލަ ދޮރުފަތެކެވެ. އެންމެ ފުރަތަމަ ކޮޓަރިކޮޅުތައް ހެއްދެވީ މަސްޖިދުއްނަބަވީގެ އިރުމަތީ ފަރާތުގައެވެ. ދެވަނަޔަށް އުތުރުފަރާތުގައެވެ. އެއަށްފަހު ދެކުނު ފަރާތުގައެވެ. އެންމެ ފުރަތަމަޔަށް ހެއްދެވީ ތިން ކޮޓަރި ކޮޅެވެ. އެއީ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ އަންހާ އަށާއި އުންމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާ އަށާއި ، އައްސައްޔިދާ ފާތިމަތުއްޒަހްރާ ރަޟިޔަﷲ އަންހާ އަށެވެ. ފާތިމަތުގެފާނުގެ ކޮޓަރިކޮޅު ހުރީ ސައުދަތުގެފާނާއި އާއިޝަތުގެފާނާ ދެބޭކަނބަލުންގެ ދެކޮޓަރިކޮޅުގެ ދެމެދުގައެވެ. އެއިން ކޮޓަރިކޮޅެއްގައި ބައްތި ދިއްލެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަރާމު ކުރައްވާނެ އެއްޗެހިކޮޅު ބެހެއްޓެވޭނީ އަސާސީކަންކަމަށް ބޭނުންފުޅުވާ އެއްޗެހިކޮޅު ހަމަކުރެއްވިގެން ނޫންތޯއެވެ؟. ޒަރޫރީ އެއްޗެހި ކޮޅުވެސް ހަމަވާން ގާތްވެސް ނުވެއެވެ. އަރަބީންގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އެމާތްސާހިބާގެ އަހްލުބައިތުން ދިރިއުޅުއްވީ މިޒަމާނަށް ބަލާއިރު ޖަލުތަކުގެ ވަތްވަތްގަނޑުގަނޑަށްވުރެވެސް އެތައް ގުނައެއް ނިކަމެތި ކޮޓަރިކޮޅުތަކެއްގައެވެ. ވިސްނައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެން އެމާތް ސާހިބާއާ މުޚާތަބުކުރަނީ ދެދުނިޔޭގެ ޝަހެންޝާހުގެ ޝަރަފުވެރި ނަންފުޅުންނެވެ. އަނެއްބަޔަކު މުޚާތަބުކުރަނީ އަރަބިކަރައިގެ ރަސްގެފާނު، ނުވަތަ އަރަބިކަރައިގެ ފާތިހުގެ ނަންފުޅުންނެވެ. އެމާތްސާހިބާގެ އަރިހަށް ސުމާރެއްނެތްވަރަށް ޣަނީމާއާއި، ޖިޒީ އާދެއެވެ. އަރަބި ކަރައިގެ ކަންކޮޅުތަކުން ވާރުގެނެވެއެވެ. އެޒަމާނުގެ ރަސްރަސްކަލުން ބަރުތީލުކުރެއްވި ވެދުންތަކަކީވެސް މަދަކުބައިވަރެއްނޫނެވެ. އެކަމަކު އެއިން ކޮޓަރިކޮޅެއްގެ އުނދުން މައްޗަށް އެއްޗެއް ނުއުއްދަވައި ވިދިވިދިގެން އެތައް ދުވަހެއް ފާއިތުވެ ދަނީ މަދު ފަހަރަކުނޫނެވެ. އެމާތް ސާހިބާ މަޖަލާއި އަރާމުގެ ބަދަލުގައި ފަޤީރުފުޅުކަމާއި، ހައިހޫނުފުޅުކަމަށް ތަރްޖީހު ދެއްވީ ކީއްވެގެންތޯއެވެ. ޝައްކެއްނެތް ގޮތުގައި މިއީ އެމާތްސާހިބާއަށް ތައުހީނުކޮށް ރިޕޯޓުލިޔާމީހުންނަށް ޖަވާބު ނުދެވޭނެ ސުވާލެކެވެ. ގިނަ ކާވެނިފުޅުތަކެއް ކުރައްވައިގެން މަޖަލުގައި އުޅުއްވި ބޭކަލެއްކަމުގައި ބުނެ ދޮގުހަދާ މީހުން އެންމެ ފަހަރަކުވެސް ވިސްނައިލާނެ ނަމަ އިބްރަތަކަށް ވާނެ ސުވާލެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިއުތިރާޒު ތަކަށް އަޅުގަނޑު ވަނީ ޖަވާބު ދީފައެވެ. އަޅުގަނޑު ޝާއިއުކުރި ފޮތެއް ކަމުގައިވާ "ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިއުތިރާޟުގެ ޖަވާބުގައި" މިފޮތުގައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަޔާތްޕުޅާމެދު ތައުހީނުގެ ރިޕޯޓްލިޔާ ފަރާތްތަކާއި އެކަން ހިމާޔަތްކުރާ ފަރާތްތަކާ އަޅުގަނޑު ސުވާލުކޮށްލަމެވެ.
ޖަލެއްގެ ގޮޅިތަކަށްވުރެވެސް ނިކަމެތި ބިޔަދޮވި ގޮޅިތަކެއްގައި އޮށިއަށިގަނޑުގެ މަތީގައި ސަޓާގަނޑެއް ފަތުރުއްވައިގެން ކަފައިގެބަދަލުގައި ކަދުރު ރުކުގެ ފަންފަތްވީދައިގެން ތައްޔާރު ކޮށްފައި ހުންނަ ބާލީހުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަކީ މަޖާކުރެއްވުން ހެއްޔެވެ؟ އެތައްދުވަހެއް ފާއިތުވާއިރުވެސް ފަރީއްކޮޅެއް ލިބިވަޑައިނުގެން ހަށިކޮޅުތެދަށް ބެހެއްޓެވުމަށްޓަކައި ބަނޑުފުޅުގައި ހިލަބަންނަވައިގެން އުޅުއްވާ ބޭކަލަކު އެއުޅުއްވީ ކޮންކަހަލަ ޗާރާކަމެއްގައި ހެއްޔެވެ؟ ޝައްކެއްނެތެވ. ހައްޤުން އެއްކިބާވެފައިވާ ރިޕޯޓުލިޔާމީހުންނަކަށް މިސުވާލުތަކަކަށް ސަލާމަތް ބުއްދީގެ އަހްލުވެރިޔަކު ބަލައިގަންނަ ކަހަލަ ޖަވާބެއް ނުދެވޭނެއެވެ. އެބައެއްގެ ލޯމަތީގައި ތައައްސުބުގެ ފަރުދާއެއް ދަމައިގެންއުޅޭ ބަޔަކާމެދު ލިޔާނީވެސް ކީކޭތޯއެވެ. ބައެއްގެ ހިތްތަކުގައި ކުފުރުގެ ސިއްކަޖެހިއްޖެނަމަ އެބަޔަކުވާނީ ޙައްޤު ވަންހަނާކުރާ ބަޔަކު ކަމުގައެވެ. އެބަޔަކު ވާނީ ބުހުތާން ދޮގު ހެދުމާއި، ނެތިނުބައިކިޔުމުގައި ހައްދުފަހަނަޅައި ގޮސް ލަދުހަޔާ އަރުއްވައިގެންފައިވާ ބައެއްކަމުގައެވެ. ޙައްޤުގެ މަގަށް އެނބުރި ނާދެވޭ ވަރަށް ވާވަދެވިއްޖެ ބަޔަކު ކަމުގައެވެ. ސަލީބީންނާއި، ހިންދީންނާއި، ސިހުޔޫނީންނާއި، ދީނާއި ސަލާމަތް ބުއްދީގެ ދުޝްމަނުން ދައްކާ ވާހަކަތައް ގުރާމޮށޭހެން މޮށެ އުޅޭ ބަޔަކާ މެދު ޖެހޭނީ މުޖްތަމައުގެ އެންމެ މަތީ ދަރަޖައިގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ އެންމެ ބާރުހުރި ފިޔަވަޅުތަކެއް އަޅާށެވެ. ތެދާއި ޙައްޤު ޤަބޫލުކުރާ އެންމެންނަށް ޖެހޭނީ އެކަމަށްޓަކައި ކުރެވޭންހުރި ކޮންމެ މަސައްކަތްތަކެއް ބުންވަރުއެލުވައިނުލައި ކުރަމުންގެންދާށެވެ. މިއުންމަތާ ހަވާލުކުރައްވައިފައި ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމުގެ ނުހަނު މާތް މަސްއޫލިއްޔަތު އަދާކުރެވޭނީ އަދި އެންމެ ހެޔޮ އުންމަތުގެ މަގާމުގައި މި އުންމަތަށް ދެމިއޮވެވޭނީ ހެޔޮކަމަށް ގޮވާލައި މުންކަރާތް މަނާ ކުރާ ބަޔަކު މި އުންމަތުގައި ތިބެގެންނެވެ. އެމީހުން ކުޑަކޮށްވެސް ފަސްޖެހުމެއްނެތި ވާޖިބު އަދާކުރުންމަތީ ދެމިތިބެގެންނެވެ.
(ނުނިމޭ)