ސްރީ ލަންކާގެ މިއަހަރުގެ ރިޔާސީ އިންތިހާބު އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔާ ރާޖަޕަކްސާ ކާމިޔާބު ކުރައްވައިފިއެވެ.
ލަންކާގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ ބީބީސީ ބުނެފައިވަނީ، ގޯޓާބަޔާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %52.25 ވޯޓު ހޯއްދަވައިގެން ކަމަށެވެ. ވޯޓުގެ ނަތީޖާއަށް ބަލާއިރު ގޯޓާބަޔާއަށް ފަސޭހަކަމާއެކު ކުރި ލިބިފައިވަނީ ސިންހަޅައިން ވާހަކަދައްކާ މީހުން އުޅޭ ސަރަހައްދު ތަކުންނެވެ. އަދި ތަމަޅަ ބަހުން ވާހަކަދައްކާ ސަރަހައްދުތަކުގެ މީހުން ގިނައިން ވޯޓު ދީފައިވަނީ ގޯޓާބަޔާގެ އިދިކޮޅު ކެންޑިޑޭޓު ސަޖީތު ޕްރަމަދާސައަށެވެ.
ވޯޓުގެ ވަގުތީ ނަތީޖާ ހާމަކުރުމާއެކު ޕްރަމަދާސަ ވަނީ ބަލި ގަބޫލުކުރައްވާ ގޯޓާބަޔާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށް ޕްރަމަދާސާ ވިދާޅުވެފައިވެއެވެ.
އިންތިހާބު ކާމިޔާބު ކުރެވުމާއި ގުޅިގެން ގޯޓާބަޔާ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާންމު ކުރި ބަޔާނެއްގަިއ ވަނީ މި ދަތުރަކީ ލަންކާގެ ހުރިހާ ރައްޔިތުން ހިމެނޭ ދަތުރެއް ކަމަށް ވިދާޅުވެފައެވެ. އަދި ކެމްޕެއިން ދުވަސްވަރު ބެހެއްޓި ސުލްހަ މަސަލަސްކަން ކުރިއައްއޮތްތާގައި ދެމެހެއްޓުމަށް ގޯޓާބަޔާ ގޮވާލެއްވިއެވެ.
މި އިންތިހާބަކީ ލަންކާއަށް މިދިޔަ އޭޕްރީލް މަހު ދިން ދިން ބޮމުގެ ހަމަލާއަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގެ ވޯޓާސް ޓާންއައުޓަކީ %83.7 ކަމަށް ބީބީސީން ލަންކާގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ ބުނެއެވެ.
ގޯޓާބަޔާ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.