ސޭސް2018

ސޭސް 2018ގެ ޑެލިގޭޓް ސްޕީކަރުންނަށް ނައުޝާ އަދި ރީމާ

އިންޓަރނޭޝިނަލް ޔޫތު ކޮމިޓީގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް) 2018ގެ ރާއްޖޭގެ ފަރާތުން ޑެލިގޭޓް ސްޕީކަރުންނަށް ހައްވާ ނައުޝާ އަދި އައިމިނަތު ރީމާ ރަޝީދު ހޮވައިފިއެވެ.

ރީޖަނަލް އެލައެންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގައިވެސް އެކްޓިވްކޮށް މަސައްކަތް ކުރާ ހައްވާ ނައުޝާ އަކީ ލައިސެންސްޑް އެސިސްޓަންޓް ނަރުހެކެވެ. ނައުޝާ ގެންދަނީ ގައުމީ ޔުނިވާސިޓީން ޑިޕްލޮމާއަށް ކިޔަވަމުންނެވެ. ނައުޝާ އަކީ ހިލޭސާބަހަށް މަސައްކަތް ކުރުމުގައި ފާހަގަކޮށްލެވޭ ޒުވާނެކެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ސިއްހަތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކުގަ އާއި، ފަސްޓް އެއިޑް ޕްރޮގްރާމް ތަކުގައި ވަނީ ބައިވެރިވެފައެވެ. ނައުޝާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް އިސްދޫ ސްކޫލު ޕްރިފެކްޓް ބޯޑުގައި ހަރަކާތްތެރިވެފައެވެ. އަދި ހަމަ އެ ސްކޫލުގެ ސްޓޫޑެންޓް އެސޯޝިއޭޝަންގެ ނައިބު ރައީސް ކަން 2011 ވަނަ އަހަރު އާއި ސައިންސް ކްލަބުގެ ރައީސް ކަން 2012 ވަނަ އަހަރު އަދާކޮށްފައެވެ. ނައުޝާއަށް ވަނީ 2013 ވަނަ އަހަރު ސްކޫލު ކެޕްޓަން ކަންވެސް ލިބިފައެވެ. މިހާރު ނައުޝާ އަކީ ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ އެސިސްޓަންޓް ސެކްރެޓަރީއެވެ. އަދި ރަފީ ޖަމިއްޔާގެ އިވެންޓް އޯގަނައިޒިން ކޮމިޓީގެ ވައިސް ޗެއާޕާސަންއެވެ.

ނުވަ އަހަރު އޮޑިޓިން އަދި ފައިނޭސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ރީމާ ވަނީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނިންމައި، އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެޓައުންޓަންޓް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ރީމާ އަކީ މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް އިންޓާނަލް އޮޑިޓާސްގެ އެސޯސިއޭޓް (އައިއައިއޭ) މެމްބަރެކެވެ. ރީމާ ވަނީ އައިއައިއޭ ނެޝަނަލް ކޮންފެރެންސް 2017 ގައި ބައިވެރިވެފައެވެ. ރަފީ ޖަމިއްޔާގެ ރިސާޗް އެންޑް ޕަބްލިކޭޝަން ކޮމިޓީގެ ވައިސް ޗެއާޕާސަން ކަންވެސް ކުރާ ރީމާ އަކީ އެ ޖަމިއްޔާގެ މިލޭނިއަމް ޔޫތު އެމްބަސަޑަރެއް ވެސް މެއެވެ. ރީމާ ވަނީ ގިނަ ސެލްފް ބިލްޑިންގް ޓްރެއިނިން ތަކުގައި ބައިވެރި ވެފައެވެ. ރީމާ ރަފީ ޖަމިއްޔާއާ ގުޅުނީ 2017 ގައެވެ. ރީމާ މިވަގުތު ހުރީ ރައީސް އޮފީހުގެ އޮޑިޓަރުގެ މަގާމުގައެވެ. އަދި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ އޮޑިޓަރެއްގެ ގޮތުގައިވެސް ރީމާ ވަނީ އެހީތެރިވެދީފައެވެ.

ކޮލަމްބޯގައި މިފަހަރު ސޭސް 2018 އޮންނަ އިރު ރާއްޖޭގެ 50 ޒުވާނުންގެ ޑެލިގޭޝަނާއެކު ޓީމު އޮތީ ފުރަން ތައްޔާރުވެފައެވެ. ސޭސް 2018 އޮންނާނީ މިމަހު 28 އިން ޑިސެމްބަރު އެކަކަށެވެ.

ރަފީ ޖަމިއްޔާއިން ބުނި ގޮތުގައި މިއަހަރުގެ ވެސް އަމާޒަކީ ބެސްޓް ކަންޓްރީ އެވޯޑް ރާއްޖެއަށް ހާސިލް ކުރުން ކަމަށެވެ. މިދިޔަ އަހަރު ސޭސްގެ ބެސްޓް ކަންޓްރީ އަކަށްވެސް ހޮވިފައި ވަނީ ރާއްޖެއެވެ.