އަބްދުﷲ ފާރޫގް ހަސަން
16. ޢަސްކަރީ ހަކަތައާއި ބުންވަރު އުފެއްދެވުން
ލަޝްކަރެއްގައި އަސްކަރީ ތަރުބިޔަތު ފުރިހަމަޔަށް ހުރެފައި ސުމާރެއްނެތްވަރަށް ހަތިޔާރުހުރި ކަމުގައިވިޔަސް އެލަޝްކަރެއްގެ ހަނގުރާމައިގެ ހަކަތަ ނުވަތަ އިދިކޮޅުހަމަލަތައް ބަރުދާސްތުކުރުމުގެ ބާރު ނެތްކަމުގައިވާނަމަ އެލަޝްކަރަކަށް ފަތަޙަލިބުމުގެ އެކަށޭނަކަން ކުޑަވެއެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ މުޖާހިދުންގެ ކިބައިގައި ކެތްތެރިކަމާއި، ބުރައުފުލުމާއި، ހާލަތު ބަރުދާސްތުކުރުމުގެ ފަންވަރާއި ބުންވަރު އުފެއްދެވިއެވެ. ފިނިމޫސުމާއި ހޫނުމޫސުމުގައި އެއްގޮތެއްގައި ސާބިތުވެތިބެ ޖިހާދުކުރުމަށް ހާނުއްވައި ތަރުބިޔަތުކުރެއްވިއެވެ. އިސްވެ ދެވޭ ހަމަލަތަކާއި ދިފާއީ ހަނގުރާމައިގައި ސާބިތުކަމާއެކު ކުރިއަރަމުން ދިޔުމުގެ ބާރުއުފެއްދެވިއެވެ. ކުރުމުއްދަތުގެ މައުރިކާތަކެކޭ އެއްގޮތަށް ދިގު ދެމިގެންދާ ހަނގުރާމަތަކުގައިވެސް ފުރިހަމަޔަށް ސާބިތުވެ ތިބުމުގެ އެކަށޭނަކަންއުފެއްދެވިއެވެ.
17. އަސްކަރީ ހީވާގިކަމާއި ހަރަކާތް އަވަސްކަން
މިބައިގައި ހިމެނެނީ ހަނގުރާމައިގެ ތެރޭގައްޔާއި ހަނގުރާމައިގެ ކުރީގައްޔާއި ހަނގުރާމަޔަށްފަހު ލަޝްކަރުގެ ހެލިފެލިވުމާއި އަރިއަރިމައްޗަށާއި ކޮޅުކޮޅުމައްޗަށް ޖެހުމުގައި އިންތިޒާމު ހިފެހެއްޓުމާއެކު ހަރަކާތް އަވަސްކުރުމެވެ. ދުޝްމިނުން ފަހައިދިޔުމުގައްޔާއި ލަޝްކަރަށް ބޭނުންވާ ފޯރުމާލު ރައްދުކޮށްދިނުމުގައި ވިސްނުންތެރިކަމާއި ހަލުއިކަމާއި އަވަސްކަންއުފެއްދުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މުޖާހިދުން ތަމްރީނު ކުރެއްވުމުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދެއްވިއެވެ. އިސްލާމީ ލަޝްކަރުތަކަކީ ހަނގުރާމައިގެ މައިދާނުގައި ބަލިކޮށްނުލެވޭނެ ބާރަކަށްވުމުގައި މިތަމްރީނުތަކުންވަނީ މުހިންމު މަންފާތަކެއް ލިބިފައެވެ.
ޚުލާސާއެއްގެ ގޮތުން ދަންނަވާނަމަ މުޖާހިދުން ތަމްރީނުކުރެއްވުމަކީވެސް ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވާ ތަރުބިޔަތުގެ މުހިންމު ބައެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ރީތި ސުންނަތެކެވެ. އޭގެ ސަބަބުން އިސްލާމީ ލަޝްކަރުވަނީ ހަނގުރާމައިގެ މައިދާނުގައި ކަކޫ މައްޗަށް ތިރިނުކުރެވޭ ވަރުގެ އުރައްޕު ހުރި ބާރަކަށްވެފައެވެ. އިސްލާމީ ލަޝްކަރު ދާދިކުރު މުއްދަތެއްގެ ތެރޭގައި ހޯދިފަތަހަތަކުންވަނީ ދުނިޔެ ހައިރާންކޮށްލައިފައެވެ. ދާދި ކުރުމުއްދަތެއްގެ ތެރޭގައި އެލަޝްކަރުވަނީ އެޒަމާނުގެ އެނގިފައިވާ ދުނިޔޭގެ ބޮޑުބައި ފަތަޙަކޮށްފައެވެ. އެލަޝްކަރު ހިންދެމިލީ މަދީނާގެ އިރުމަތީން އިންޑިޔާގެ މެދުތެރެއަށް ވަދެގަތުމަށްފަހުގައެވެ. ހުޅަނގު އުތުރުން ފަރަންސޭސިވިލާތުގެ ސަރަހައްދުގައި ފައިޖައްސައިފައެވެ. އިރު އުތުރުން ކެސްޕިޔަން ކަނޑާހަމަޔަށް ގޮސްފައެވެ. އެމަތިވެރި ކާމިޔާބީތަކުގެ ހުރިހައިވެސް ސަބަބަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ ލަޝްކަރަށް ދެއްވި ތަރުބިޔަތުގެ މޮޅުކަމެވެ. އޮށްޓަރުހުރިކަމެވެ.ބުރަދަން ހުރިކަމެވެ.
18. ޤުރްއާނުގެ އިލްމު އުނގަންނައިދެއްވުން
ޞުއްފާ ޔުނިވަރސިޓީގެ ނިސާބުގެ ތިންވަނަބަޔަކީ ކީރިތި ޤުރްއާނުގެ ޝަރަޙަ އާއި ޤުރްއާނީ ޢިލްމުތައް އުނގަންނައިދެއްވުމެވެ. ކީރިތި ޤުރްއާނުގެ މަބުދައަކީ އިލާހީ ޢިލްމުތަކެވެ. އިންސާނީ ޢިލްމުތަކުގެ އާރުތަކަށް ފެންލިބޭ ކޯރަކީ އިލާހީ އިލްމުތަކެވެ. އެހެންކަމުން އަލްކިތާބު ނުވަތަ އަލްޤުރްއާނުލްހަކީމުގެ ޢިލްމު އުނގަންނައި ދެއްވުމުގެ މަޤްޞަދަކީ އިންސާނާއަށް ޙަޤީޤީ ޢިލްމު ތައާރުފުކޮށްދެއްވުމެވެ. ކީރިތި ޤުރްއާނަކީ ހެޔޮކަމުގެ ހިޔަލާއި މަލާއި މޭވާ ދޭ ގަހެއް ފަދައެވެ. އެގަސް އަބަދުވެސް ޒަމާނުގެ ބޭނުންތަކާ އެއްގޮތަށް އިންސާނިއްޔަތަށް ހިޔާވަހިކަމާއި މޭވާލިބިދެއެވެ. އަބަދުވެސް ލިބިދެމުންގެންދާނެއެވެ. އެހެންކަމުން އެފޮތް އުނގަންނައިދޭ އިލްމުތަކާއި، އެގަހުގައި ފައްކާވާ މީރު މޮޅު މޭވާގެ ފައިދާ ލިބިގަތުމަކީ އިންސާނުންގެ ވާޖިބެކެވެ. ޤުރްއާން މަޖީދަކީ އަގުއަރައިހުރި ޖަވާހިރު ތަކުގެ ފުން ކަނޑެއްގެ ގޮތުގައި ވެސް ސިފަކުރެވިދާނެއެވެ. ބާވަތް ބާވަތުގެ އަގުހުރި ޖަވާހިރުތަކާއި ރަންމުތްތަކުން ފުރި ސިކާރަވެފައިވާ ކަނޑެކެވެ. އެކަނޑުން މުތްނެގޭނީ އެކނޑަށް ފީނައި ހޯދައި ބެލި މީހަކަށެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސުއްފާގެ ދަރިވަރުންނަށް އާއްމުގޮތެއްގައި އުނގަންނައި ދެއްވަމުން ގެންދެވީ އެޒަމާނަށް ބޭނުންވެފައިވާ މިންވަރަށެވެ. އެދަރިވަރެއްގެ ވިސްނުންތެރިކަމާއި ޤާބިލުކަންހުރިވަރަކަށެވެ. އެގޮތުގެމަތީން ޤުރްއާނީ އިލްމުތަކާއި ޙިކުމަތްތައް އުނގަންނައި ދެއްވަމުން ގެންދެވިއެވެ. އިންސާނިއްޔަތުގެ މުޢައްލިމު ޢިލްމު އުނގަންނައި ދެއްވުމުގައި ހުރި އަރާއަރަފޯދޭ ކަމާއި ކުޅަދާނަފުޅުކަން އެނގެނީ ސަހަރާގެ ބަދަވީންނާއި ނުކިޔަވައި ތިބި ރަށްފުށުމީހުންތަކެއް ބަލަބަލައި ތިއްބައި އިލްމުގެ ބޮޑެތި ކަނޑުތަކަކަށް ބަދަލުު ވެގެންދިޔުމުންނެވެ. އާލިމުންނާއި މުފައްކިރުންނާއި ހަކީމުންކަމުގައި ވުމުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެމާތްސާހިބާގެ މިސްކިތް ކޮޅުގައި ދިއްލައިލެއްވި ޢިލްމީ ދަންމަރުގެ އަލިކަން އެމާތް ސާހިބާގެ ދަރިވަރުންގެ ޒަރީއާއިންވަނީ މުޅި މިދޭހުގެ ކަންކޮޅުތަކަށް ފެތުރިފައެވެ.
19. ޙިކުމަތް
ޙިކުމަތަކީ ސުއްފާ ޔުނިވަރސިޓީގެ ނިސާބުގައިހިމެނޭ ހަތަރުވަނަ މާއްދާއެވެ. ޢިލްމުގެ މިސާލަކީ އިލެކްޓްރިކު ރާޅު ތަކެއްގެ މިސާލެވެ. އެރާޅުތަކުން އަލިކަމާއި ހަކަތަ ލިބިގަތުމަކީ ޙިކުމަތްތެރިކަމުގެ މިސާލެވެ. ކަރަންޓު އުފައްދާ އިންޖީނު ތަކުން އުފައްދަނީ އިލެކްޓްރިކު ރާޅުތަކެވެ. އޭގެ މަންފާ ހޯދެނީ ބޮކިތަކާއި ހޮޅިބުރި ފަދަވަސީލަތްތަކުން އޭގެ އަލިކަން ހޯދުމުންނެވެ. އެކިއެކި އާލަތްތަކުގެ މެދުވެރިކަމާއެކު ކަރަންޓު ހޯދުމުންނެވެ. އެކަންކުރުމަކީ ޙިކުމަތެވެ. މިގޮތުން ބަލާއިރު ޢިލްމާއި ހިކުމަތަކީ އެއްކަމެއް އަނެއްކަމަކާ ގުޅިލައިމެހިފައިވާ ދެކަންތަކެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި ވަނީ އިލްމާއެކު ޙިކުމަތް އުނގެނުން ލާޒިމު ކުރައްވައިފައެވެ.
20. އިލްމުގެ އާ ދާއިރާތަކާއި ފަންނުތައް
ތައުލީމުގެ އިސްލާމީ ނިޒާމުގެ ފަސްވަނަ މާއްދާއާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައިވަނީ ވަރަށް މާނަފުން ހިކުމަތްތެރި ބަސްފުޅެކެވެ. ޖާމިޢުބަސްފުޅެކެވެ. ޠާލިބުން ނުދަންނަކަންތައް އެމީހުންނަށް އަންގައިދިނުމެވެ. އާދެ، ޒަމާނާގުޅޭ އާ އިލްމުތަކާއި ފަންނުތަކާއި ފަންނިއްޔާތުގެ ތަފާތު ދާއިރާތައް އުނގަންނައި ދިނުމަކީވެސް އިސްލާމީ ތައުލީމީ ނިޒާމުގެ ބައެކެވެ. މި މަތިވެރި އިލާހީ އިރްޝާދުގައިވަނީ ކުރިމަގުގައި އިލްމު ތަރައްޤީވަމުން ކުރިއަރަމުންދާނެ ދިޔުމަށް އިޝާރަތްކުރައްވައިފައެވެ. މުސްލިމުންނަށް އެޢިލްމުތައް ލިބިގަތުމަށް ހިދާޔަތު ދެއްވައިފައެވެ. މި މަތިވެރި އިރްޝާދަށް ވިސްނައިލާއިރު އިސްލާމީ ދަރުސްގާހުތަކުގައި ހޯދައިބެލުމާއި ދިރާސާކޮށް ތަޙްޤީޤު ކުރުމުގެ މަސައްކަތް އޮންނާންޖެހެއެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެ ފުރިހަމަޔަށް ހިންގައިލެވުން ލާޒިމެވެ. އެހެނީހެން ޤައުމުތަކުގެ ހޯދުންތަކާއި ތަޖްރިބާތައްވެސް ދަރިވަރުންނަށް މޭރުންކޮށްދޭންޖެހެއެވެ. އެކަންކަމުގެ އެންމެ ފުރިހަމަ މަންފާ ހޯދޭނެ އިންތިޒާމުތައް ރާވައި ހަމަޖައްސައިދޭންޖެހެއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަރަހުށި މާތްﷲގެ އަމުރުފުޅަށް ތަބާވެވަޑައިގެންނެވިއެވެ.އެއަމުރުފުޅުތަކާއެއްގޮތަށް އަމަލުކުރެއްވިއެވެ. ޒަމާނީ ބޭނުންތަކާއި ސުއްފާގެ ދަރިވަރުންގެ ގާބިލުކަމަށް ރިޢާޔަތް ކުރައްވައިގެންނެވެ. ސުއްފާގެ ދަރިވަރުން ހާސިލުކުރެއްވި ޢިލްމުގެ ޒަރީއާއިން އެބޭކަލުންވަނީ ހަޔާތުގެ ހުރިހައި މައިދާންތަކެއްގައި ނުހަނު ހަލުއިކަމާއެކު ކުރިޔަށް އަރައިވަޑައިގެންފައެވެ. ދުނިޔެ ހައިރާންކޮށް އަންތަރީސް ކޮށްލާފަދަ ދަރަޖަޔަކަށެވެ. ނަތީޖާއަކީ ޒަމާން އެބޭކަލުންނާ ދުނިޔޭގެ އިސްވާރުކަމުގެ ލަގަން ހަވާލުކުރުމެވެ.
އަޅުގަނޑުމެން ހަނދާންބަހައްޓަން ޖެހެއެވެ. ސުއްފާ ޔުނިވަރސިޓީގެ ތައުލީމީ ނިސާބު ރާއްވަވައި އެކަށައެޅުއްވީ އިންސާނެއް ނޫނެވެ. އެއީ އަރަހުށި މާތްﷲ ރާއްވަވައި އެކަށައަޅުއްވައިފައިވާ ނިސާބެކެވެ. އެހެންކަމުން އެއީ ކޮންމެ ޒަމާނަކަށާއި ކޮންމެ ތަނަކަށް އޮތް ނިސާބެކެވެ. ކުރީންވެސް ދެންނެވިފަދައިން އެނިސާބުގެ މޮޅުކަމަކީ ހައިރާންވާހައި ކުރުމުއްދަތެއްގެ ތެރޭގައި މުސްލިމުން ހޯދި ހަލުވި ކުރިއެރުމެވެ. ހަޔާތުގެ ހުރިހައި މައިދާންތަކެއްގައެވެ. ހުރިހައި ރޮނގުތަކަކުންވެސް މުސްލިމުންވަނީ އެހެނިހެން ޤައުމުތައް ފަހަތަށް ޖައްސައިލައި ކުރިޔަށް އަރައިފައެވެ. މުސްލިމުންނަށްވަނީ ދުނިޔޭގެ އިސްވާރުކަން ލިބިފައެވެ.
މިއީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ނަބަވީ މުއުޖިޒާއެއް ނޫންބާވައެވެ؟ ޝައްކެއްނެތެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ތާރީޙީ މުއުޖިޒާއެކެވެ. ތިމައުރެންގެ ތައައްޞުބުގެ ސަބަބުން ނުވަތަ ޖާހިލުކަމުގެ ސަބަބުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ނުބުއްވަތަށް އިންކާރުކުރާ މީހުންގެ ކުރިމަތީގައި ބެހެއްޓޭ މޫނުބަލާލޯގަނޑެކެވެ. ނިކަންވިދާޅުވެ ބައްލަވާށެވެ. ނުކިޔަވައިތިބި ސަހަރާއީ ބަދަވީންގެތެރޭގައި ވިހައިބޮޑުވި އުންމީއަކަށް އިލާހީ މަދަދާއި އިރްޝާދާނުލައި މިފަދަ މަތިވެރި މަސައްކަތެއް ކޮށްލެވިދާނެތޯއެވެ. ރިސާލަތާއި ނުބުއްވަތުގެ ޙަމްދު ލިބެނިވި މަތިވެރި މަޤާމަށް އެމީހަކު އިންޠިޚާބުވެފައި ނުވާނަމަ މިފަދަ އުނގަންނައި ދިނުންތަކެއް އުނގަންނައި ދެވުނީސްތޯއެވެ؟ ނޫނެކެވެ. ޝައްކެއްވެސް ނެތެވެ. ނޫނެކެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ނުބުއްވަތާއި ރިސާލަތުގެ ބަޔާންވެގެންހުރި ހެތްކެކެވެ. އެމާތްސާހިބާއަށް ލިބިވަޑައިގެންފައިވާ އިލާހީ ތާއީދުގެ ފާޅުކަންބޮޑު ދަލީލެއްވެސްމެއެވެ.
(ނިމުނީ)