އެމްޑީޕީ

އެންމެ ބޮޑު ޝަކުވާއަކީ ޕާޓީ އާއި އާންމު މެމްބަރުންނާ ދުރުވުން، ހައްލު ހޯދަން ޖެހޭ: އަސްލަމް

އެންމެ ބޮޑު ޝަކުވާއަކީ އެމްޑީޕީ އާއި ޕާޓީގެ އާންމު މެމްބަރުންނާ ދުރުވުން ކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް އެމްޑީޕީގެ އިންތިހާބުގައި އެޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމްގެ ކެމްޕެއިން ފެށުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އާންމު މެމްބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށާއި އެފަދަ ކަންކަން ސާފުވެގެންދަނީ މިފަދަ އިންތިހާބެއްގެ ތެރެއިން ކަމަށެވެ.

"މެމްބަރުންގެ ޝަކުވާތައް ވަރަށް ގިނަ. މެމްބަރުންގެ ކަންބޮޑުވުންތައް ވެސް ވަރަށް ގިނަ. މެމްބަރުންގެ އުދާސްތައް ހަގީގަތުގައި ވެސް ވަރަށް ބޮޑުވެފައި މިއޮތީ. އަޅުގަނޑުމެން މިކަމުން އަރައިގަންނަން ޖެހޭ. ސަރުކާރުން ވެސް، ރައްޔިތުންގެ މަޖިލީހުން ވެސް އަދި ޕާޓީގެ ލީޑަޝިޕުން ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިކަން ބަލައި، މިކަމަށް ރަނގަޅު ގޮތްތަކެއްގައި އެޑްރެސްކުރަން އެބަޖެހޭ. ޕާޓީގެ މެމްބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާޓީ އާއި އާންމު މެމްބަރުންނާ ދޭތެރޭގައި ވަރަށް ބޮޑުތަނުން ދުރުވެގެން ގޮސްފައި އޮތުން،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސްއެއް ބާއްވަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ޕާޓީގެ ގޮފިތަކާއި ޕާޓީގެ ހިންގުމާ ގާތްކުރެވި، އެ ޝަކުވާތައް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށެވެ.

"އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވޭ ކަމުގައިވާ ނަމަ ޕާޓީގެ ގޮފިތައް ވެސް އިންތިޒާމުވެގެންދާނެ، އަދި ހަމަ އެހެންމެ ޕާޓީގެ ގޮފިތަކުގައި ހުރި ކަންބޮޑުވުންތަކާއި ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލާއި އަސާސީ ގަވާއިދުން ފެށިގެން މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ވެސް ކޮންގްރެސްގެ ފުރިހަމަ ބައިވެރިވުން އޮވެގެން، މިކަން ކުރިއަށްދެވޭ ކަމުގައިވާ ނަމަ، ގޮފިތަކާއި ޕާޓީގެ ހިންގުމާ ގާތްކުރެވިއްޖެ ކަމުގައިވާ ނަމަ، މި ޝަކުވާތައް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ވެރިކަމުގައި އޮންނަ ވަގުތު ޕާޓީގެ މަގާމުތަކަށް ކުރިމަތިލަނީއޭ ބައެއް ބޭފުޅުން ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް މާ ނުރައްކާތެރިކޮށް ރާއްޖޭގައި ވެރިކަން ހިނގަމުން އައި ދުވަސްވަރެއްގައި ޕާޓީގެ މަގާމުތައް އަދާކޮށްފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން 2014ގައި 2700 މީހުން ސޮޔާއެކު ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ނަމަވެސް، އެފަހަރު އެ އިންތިހާބު ބާތިލުވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އިންތިހާބުގައި ނައިބު ރައީސްކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ވަނީ ނިންމަވައިފައެވެ. އެހެންކަމުން އެ މަގާމަށް ވާދަކުރައްވާނީ ޝިފާޒާއި އަސްލަމެވެ. އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.