ޝަހީދާ އަބްދުﷲ ސައީދު
ލަންކާގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ބޮޑުވަޒީރުގެ މަގާމުގައި މަހިންދަ ރާޖަޕަކްސަ ހުންނަވަން ނުފެންނަ ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓް ނަގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ގާނުނު ހަދާ މަޖިލީހުން އެގޮތައް ނިންމުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ މިހާރު ގެންދަނީ އަޑުއުފުލަމުންނެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފައިވަނީ ލަންކާގެ ރައީސް ސިރިސޭނަ އާއި ރާޖަޕަކްސައަށް ތާއީދު ކުރާ މެންބަރުން ހުރަސް އަޅަމުން ދަނިކޮށެވެ. ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 122 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
ވޯޓް ނެގުމުގެ ކުރިން ރާޖަޕަކްސަ އާއި ދަރިކަލުން ނަމާލް ރާޖަޕަކްސަ މަޖިލީހުން ނުކުމެ ވަޑައިގެންނެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެވޯޓަށް ފަހު ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޕާޓީ އާއި، ރާޖަޕަކްސަ ވެސް ބުނެފައިވަނީ އެވޯޓު ނަގާފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.
ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ގަ އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު ރައީސް ސިރިސޭނާ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލާފައެވެ. ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޤާނޫނު ހަދާ މަޖިލިސް އުވާލަން ނެރުނު ޤަރާރަށް އަމަލު ކުރުން ހުއްޓުވާފައެވެ. އަދި ޖެނުއަރީގައި އެގައުމުން ބާއްވަން ތައްޔާރުވަމުންދާ އާންމު އިންތިހާބުގެ މަސައްކަތްވެސް ވަނީ ސުޕްރީމް ކޯޓުން އިއްޔެ ހުއްޓުވާފައެވެ.
ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމާއެކު ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާއި ސަރުކާރާއި ދެކޮޅު ސަޕޯޓަރުން މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ހިންގަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޤާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދު ކައިރިއަށް ދެފަރާތުގެ ސަޕޯޓަރުން ވެސް ވަނީ ޖަމާވެފައެވެ. ދެފަރާތުގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގި ނަމަވެސް ފުލުހުން މިހާރު ވަނީ ދެފަރާތުގެ ސަޕޯޓަރުން ދުރުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.