އަބްދުﷲ ފާރޫގް ހަސަން
8. ހަނގުރާމަޔަށް ސަފުހެދުން
އަސްކަރިއްޔާތުގެ މާހިރުން ވިދާޅުވާގޮތުގައި އެކަށޭނަ ދަނޑިވަޅުގައި ރަނގަޅަށް ސަފުތައް ރުކުރުވައިލުމަކީ އަދަދުމަދު ލަޝްކަރަކަށް ދުޝްމިނުންގެ އަދަދު ގިނަ ލަޝްކަރަކާ ކުރިމަތިލުމުގެ އެކަށޭނަކަން ލިބިދޭ ކަމެކެވެ. ހަނގުރާމަޔަށް ސަފުހެދުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޒަމާނާ ހަމަޔަށްވެސް އަރަބީންގެ މެދުގައި މާބޮޑަށް އާއްމުވެފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސަފުހެއްދެވުމަށް ޚާއްޞަ އަހަންމިއަޔަތެއް ދެއްވިއެވެ. އެކަމުގައި ވަރަށް ކުޅަދާނަފުޅެވެ. މުޖާހިދުންނަށް އެކަމުގެ ނަޒަރީ އަދި ޢަމަލީ ތަމްރީނު ދެއްވަމުން ގެންދެވިއެވެ. ހަތިޔާރާއި އަދަދުގެ ގޮތުން މުސްލިމުންނަށްވުރެ ބާރުގަދަ ލަޝްކަރުތަކަށްވެސް މުސްލިމުންނާ ކުރިމަތިލާއިރު އެމީހުންގެ ހަތިޔާރާއި މީސްގިނަ ކަމުގެ ފައިދާ ނުހޯދޭގޮތަށް ސަފުހައްދަވައިލެއްވުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަޔަށް ކުޑަކޮށްވެސް އުނދަގޫފުޅު ކަމެއްނޫނެވެ. ބަދުރު ހަނގުރާމަޔާއި، އުހުދު ހަނގުރާމަ ފަދަ ހަނގުރާމަތަކުގައިވަނީ އެކަން ސާބިތުކޮށްދެއްވައިފައެވެ.
9. ދުރާލާ މައުލޫމާތު ހޯއްދެވުން
އަސްކަރީ ޖަމާއަތްތައް މެދުވެރި ކުރައްވައި ދުޝްމިނުންގެ ސަރަހައްދުތަކުގެ ޖޯގްރަފީ މައުލޫމާތުތަކާއި އަސްކަރީ މައުލޫމާތުތަކާއި ސިޔާސީހާލަތުގެ މައުލޫމާތު ހޯއްދެވުމަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ ރޭއްވެވުންތަކާއި ހަރަކާތްތަކާއި ތަމްރީނުގެ ވަރަށް މުހިންމު ބައެކެވެ. ހަނގުރާމަތަކުގައި ކާމިޔާބު ހޯދުމުގައި އެކަމަކީ ވަރަށް މުހިންމު އަސާސީ ބައެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ މިޝަންތަކުގެ ކާމިޔާބީގެ އެންމެ މުހިންމު އެއްސިއްރަކީ އެއީއެވެ.
ހަމައެފަދައިން ދުޝްމިނުން ހަރަކާތްތެރިވާ ގޮތްތަކާއި އެބައިމީހުންގެ ދަތުރުފަތުރުގެ މައުލޫމާތު ހޯއްދެވުމަކީ ވެސް އިތުރު ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ ތަރުބިޔަތުގެ މުހިންމު ބައެކެވެ. ދުޝްމިނުންގެ ބާރު ހުންނަވަރާއި ހަނގުރާމަވެރީންގެ އަދަދާއި، އެބައިމީހުންގެ ރޭވުންތަކާއި ދުޝްމިނުންގެ ހަލީފުންނާއި ޖާސޫސުންގެ އަދާހަމަ މައުލޫމާތު ކޮމާންޑަރަށް ފޮނުވުމަކީވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ ތަރުބިޔަތުގެ ބައެކެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަސްކަރީ ޖާސޫސީ ނިޒާމަކީ ވެސް ވަރަށް ފުރިހަމަ ނިޒާމެކެވެ. ނަމަވެސް އެއީ ވަކި ނަމެއް ދެއްވައި އެކަން ހިންގެވުން ވަކި ބޭކަލަކާ ހަވާލުކުރައްވައިފައިވާ ދާއިރާއެއްނޫނެވެ. އެކަންކަން ހިންގަވައި ބެލެހެއްޓެވީ ޚުދު އެމާތްސާހިބާ އަމިއްލަފުޅަށެވެ. ނަމަވެސް އެކަމުގެ ހައިރާންވާ ފަދަ ކާމިޔާބު ނަތީޖާއަކީ ކައުސާހިބާ ހިންގެވި ޣަޒުވާތަކާއި ސަރިއްޔާތުގެ ކާމިޔާބީގައި ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައިވާ ކަމެކެވެ. އަޒުވާތަކާއި ސަރިއްޔާތަކުގެ ތާރީޚުން ދިމާޔަށް ހާމަވެ ފެންނަން ހުރިކަމެކެވެ.
10. ސިއްރުހިފެހެއްޓެވުމާއި ޚަބަރުފެތުރުއްވުން
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަސްކަރީ ސިއްރުތައް އެއްވެސް ބަޔަކަށް ފާޅުވިޔަކަ ނުދެއްވައެވެ. ބޭރުމީހުންފިޔަވައި މުސްލިމު އާއްމު މުޖާހިދުންނަށްވެސް އެކަންކަން ފާޅެއް ނުކުރައްވައެވެ.
11. ދިފާއީކަންކަމުގައި ހުސިޔާރުފުޅުކަމާއި ރޭއްވެވުންތެރިކަން
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަސްކަރީކަންކަމުގައި ވަރަށް ބޮޑަށް ހުސިޔާރުވެތިބުމަށާއި، ރޭއްވެވުންތެރިކަމާއެކު ކަންކުރެއްވުމަށް މުޖާހިދުންނަށް ބާރު އެޅުއްވިއެވެ. އަސްކަރީކަންކަމުގައި އަމަލުކުރައްވާ ގޮތްކޮޅުންނާއި، ޚަބަރު ފެތުރުއްވުމުގެ ޒަރީޢާއިންނާއި، ހަނުހިމޭންކަން ބޭނުންފުޅު ކުރައްވައިގެން ދުޝްމިނުން ޣާފިލުކޮށްލައްވައެވެ. ހަމއެއާއެކު އެކަމުގެ ފައިދާ ނަންގަވައެވެ. ދުޝްމިނުންނަށް އޮޅުވައިލެއްވުމަށްޓަކައި އެބައިމީހުންހީކުރާގޮތް ޚިލާފަށް މުޅީންތަފާތު އެހެންގޮތަކަށް އަމަލުކުރައްވައެވެ. އިތުރުސާހިބާ އަބަދުވެސް ހުންނަވަނީ ދުޝްމިނުންނާމެދު ހުސިޔާރުވެ ވަޑައިގެންނެވެ. އެންމެ ހިނދުކޮޅަކުވެސް ޣާފިލުވެ ވަޑައިގެނެއް ނުހުންނަވައެވެ. ދުޝްމިނުން ފާޅުގައި ދީފާނެ ހަމަލަތަކަށާއި، ސިއްރުންދީފާނެ ކުއްލިހަމަލަތަކަށްވެސް ހުންނަވަނީ ހޭފުޅުލައްވައެވެ. މިދެންނެވި ޙިކުމަތްތެރި ރޭއްވެވުންތެރިކަމުގެ އެންމެ ފުރިހަމަ މިސާލަކީ މައްކާ ފަތަޙަ ކުރެއްވުމެވެ.
12. ދުޝްމިނުން ފަހައިދިޔުން
ދުޝްމިނުންގެ ފަހަތުން ފަހައިދިޔުމަކީ ވެސް ވަރަށް ބޮޑު ފަންނެކެވެ. ދުޝްމިނުންގެ ލަޝްކަރު ބަލިވެގެން ފިލައިގެންދާން ފެށުމުން އެމީހުންފަހައިދާން ޖެހެނީ އެމީހުންނަށް އަލުން އެއްވެ، އިންތިޒާމުވެ ސަފުހަދައި ނުލެވޭނެ ގޮތާމެދު ވިސްނުން ބަހައްޓައިގެންނެވެ. އެބައިމީހުންނަށް އަލުން އެނބުރި ކުރިއަރައި ހަމަލަ ނުދެވޭނެގޮތް ގޮތަށެވެ. އިތުރު ސާހިބާ މުސްލިމުންނަށް އެކަމުގެ ޙިކުމަތުއަމަލީ ދަސްކޮށްދެއްވިއެވެ.
13. ދެވަނަ ފަހަރަށް ސަފުހެދުން
ހަނގުރާމައިގައި ދިމާވާގޮތަކުން މުސްލިމުންގެ ލަޝްކަރު ވަގުތީގޮތުން ރޫޅޭގޮތް ދިމާވި ކަމުގައިވިޔަސް އަލުން އެއްވުމާއި، ހަމަޖެހިލައިފައިތިލަ ސާބިތުކޮށް ސަފުތައް އިންތިޒާމު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަމަށްވެސް މުސްލިމުން ތައްޔާރު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އުހުދު ހަނގުރާމައާއި، ހުނައިނު ހަނގުރާމައިގައި އިންތިހާދަރަޖައިގެ ނުސިޔާނު ހާލަތެއް ކުރިމަތި ވުމުންވެސް މުސްލިމުންގެ މުޅި ލަޝްކަރު މައިދާން ދޫކޮށްފިލައިގެނެއް ނުދެއެވެ. ހިސާބަކަށް ރޫޅިލުމަށްފަހު އަނެއްކާވެސް އެއްވެ އިންތިޒާމުވެ ސަފުތައް ރުކުރުވައިލިއެވެ.
14. ދުޝްމިނުން ސިއްސައިލެއްވުމާއި ހަތިޔާރު ބަހައްޓަން ބާރުއެޅުއްވުން
އިސްލާމީ ޖިހާދުގެ މަޤްޞަދަކީ ހަނގުރާމައިގެ މައިދާނުގައި ދުޝްމިނުން ފަނާކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި ދުޝްމިނުން ބިރުގަންނަވައި، ޖެހިލުންކުރުވައި މާޔޫސްކޮށް ހަތިޔާރުބަހައްޓަން ނުވަތަ މައިދާނުން ފިލައިގެންދާން ނުވަތަ މުސްލިމުންގެ އަތްދަށުގައި ހައްޔަރުވާން މަޖްބޫރު ކުރުމެވެ. ދުޝްމިނުންގެ ލަޝްކަރުގެ ބާރު ކަނޑުވައިލުމެވެ. މިއީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިސްލާމީ މުޖާހިދުން އެފަންނަކަ އަހުލުވެރި ކުރެއްވި މުހިންމު ފަންނެކެވެ.
15. އަސީރުންނަށް ހެޔޮކޮށް ހިތުން
ކުރީންވެސް ދެންނެވި ފަދައިން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޢަސްކަރީ ޙިކުމަތު އަމަލީގެ މަޤްޞަދަކީ ބަޔަކު ނައްތައިލެއްވުމެއްނޫނެވެ. ދުޝްމިނުންގެ ހަމަލަދިނުމުގެ ބާރު ކަނޑުވައިލެއްވުމެވެ. ހަމައެއާއެކު ބަޔަކަށް ރަނގަޅު މަގު ފެންނާނެ ގޮތް ހެއްދެވުމެވެ. އެހެންކަމުން ކައުސާހިބާ މުސްލިމު މުޖާހިދުންނަށް ދަސްކޮށް ދެއްވީ ހަނގުރާމައިގެ ހައްޔަރީންނަށް ހެޔޮކޮށް ހިތްތެވުމަށެވެ. އަސީރުންގެ ހިތްތަކަށް ފިނިކަން ހޯއްދަވައިދެއްވައި ބިރުފިލުއްވުމަށެވެ. ހަނގުރާމައިގެ މައިދާނުގައި ދުޝްމިނުންނަށް ފަހިނޫން ހާލަތެއް ދިމާވިޔަސް ފުރާނަތަކާ ކުޅެލައި ގަތުލުވެ ދިޔުމުގެ ބަދަލުގައި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެ އަސީރުންނަށް ވުމަށް ހިތްވަރުދެއްވުމަށްޓަކައެވެ. މުސްލިމުން ކުރާ ހުރިހައި ހަނގުރާމަތަކެއްގައި ވެސް އެގޮތަށް އަމަލުކުރަން ނަސޭހަތްދެއްވިއެވެ.
12. އަސްކަރީ ކޮމާންޑަރުން ބިނާކުރެއްވުން
މުޖާހިދުންގެ ކިބައިގައި އިސްވާރުކަމުގެ ސިފަ އުފެއްދެވުމަކީވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޢަސްކަރީ ތަރުބިޔަތުގެ ޚާއްޞަ ބައެކެވެ. އެހެންކަމުން މުސްލިމު މުޖާހިދުންގެ ތެރޭގައި އިސްވާރުކަމުގެ ސިފަހުރި ބޭކަލުން ވަރަށް ގިނައެވެ. އޮރިއެންޓަލިސްޓެއް ކަމުގައިވާ ޕްރޮފެސަރ ޕީ.ކޭ.ހިއްޓީ އިބާރާތުން ދަންނަވާނަމަ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި އިރު އަރަބިކަރައިގެ ސަހަރާވަނީ ބަތަލުންގެ ނާސަރީއަކަށް ވެފައެވެ. ޕްރޮފެސަރ ޕީ.ކޭ.ހިއްޓީ އަރަބީންގެ ތަމައްދުނުގައި ލިޔުއްވައިފައިވެއެވެ. " އިސްލާމްދީނުގެ ނަބިއްޔާ ސުވަރުގެ ވަޑައިގަތުމުން ހީވީ އަރަބިކަރައިގެ ގަސްގަހާގެހި ނެހެދޭ ބިން ޖާދޫގެ ޒަރީޢާ އަކުން ބަތަލުންގެ ނާސަރީއަކަށް ބަދަލުކޮށްލެއްވުނުހެންނެވެ. އަދަދާއި ބާވަތަށް ބެލިކަމުގައިވިޔަސް އެހެން އެއްވެސް ތަނަކަށް ހޯދުން އުނދަގޫވާފަދަ އަބްޠާލުންނެވެ." (ޕީ.ކޭ.ހިއްޓީ ހިސްޓްރީއޮފް އަރަބްސް 1979 ސަފްޙާ : 142)
(ނުނިމޭ)