ސްރީލަންކާ

ލަންކާގައި ބުދުތައް ތަޅާލި މައްސަލައިގައި ތުހުމަތުކުރެވޭ ދިވެއްސެއް ހޯދަން އެގައުމުގެ ފުުލުހުން އިއުލާނުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ލަންކާގައި މިދިޔަ އަހަރު ބުދުތައް ތަޅާލި މައްސަލައިގައި ތުހުމަތުކުރެވޭ ދިވެއްސެއް ހޯދަން އެގައުމުގެ ފުުލުހުން އިއުލާނުކޮށްފި އެވެ.

ލަންކާގެ އަވަށެއްކަމުގައިވާ މަނަވެއްލާގައި ހުރި ބުދުތަކަކަށް ގެއްލުންދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ދިވެހި މީހާ ހޯދުމަށް ލަންކާ ފުލުހުން ކުރި އިއުލާނުގައި އެމީހާގެ ސިފަ އަންގައިދޭ ކުރެހުމެއް ބޭނުންކޮށްފައިވެއެވެ.

ލަންކާ ފުލުހުން ބުނީ މި މައްސަލައިގައި ހޯދަމުން އަންނަނީ 30 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެއްސެއް ކަމަށެވެ.

މި ދިވެހި މީހާއަކީ ބުދުތަކަށް ގެއްލުން ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާއާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށްވެސް ލަންކާގެ ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހަކު ލަންކާގެ ފުލުހުން މިހާރު ހައްޔަރުކޮށްފައިވާއިރު، މައްސަަލައާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް އަދިވެސް ދަނީ ކުރަމުން ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ލަންކާ ފުލުހުން ބުނީ މި ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއްތޯވެސް ބަލަމުން އަންނަ ކަމަށެވެ.