ސްރީލަންކާ

ލަންކާ ޕާލިމެންޓް އުވާލުން އެގައުމުގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މިމަމު 19ގައި އެންގި އެންގުން އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ. މީގެ އިތުރުން ޖެނުއަރީ މަހު އެގައުމުގައި ބާއްވަން ތައްޔާރުވަމުންދާ އާންމު އިންތިހާބުވެސް ވަގުތީ ގޮތުން ހުއްޓުވައިފައެވެ.

މިގޮތަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން މާދަމާ ޕާލިމެންޓްގެ ޖަލްސާއެއް ބާއްވާނެ ކަމަށް އޮކްޓޯބަރު 26ގައި ކުއްލި ގޮތަކަށް އެގައުމުގެ ބޮޑުވަޒީރު ކަމުން ވަކިކުރި ރަނިލް ވިކްރަމަސިންގްހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީން ވަނީ އިއުލާންކޮށްފައެވެ.

ސުޕްރީމް ކޯޓުން މި ނިންމުން ނިންމީ ރައީސް ސިރިސޭނާގެ ނިންމުމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން އެގައުމުގެ ކޯޓަށް ޕެޓިޝަން ހުށަހެޅުމާ ގުޅިގެންނެވެ.