ޝަހީދާ އަބްދުﷲ ސައީދު
މާލޭ ސިޓީ ކައުންސިލަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ނެގުމުން ސިޓީ ކައުންސިލުގެ މަސައްކަތްތައް މުޅިން ހުއްޓި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިވެގެން ދިޔަ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޓްރާންސިޝަން ކޮމެޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވި މާލޭ ސިޓީ ކައުންސިލަށް ގާނޫނުން ބޮޑެތި ބާރުތަކެއް ދިން ނަމަވެސް އެބާރުތައް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނަންގަވާފައިވާ ކަމަށެވެ.
އަދި ސިޓީ ކައުންސިލުގެ ބާރުތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން ސިޓީ ކައުންސިލުން ގާނޫނީ ޒިންމާތައް އަދާ ކުރުމަށް ހުރަސްއެޅި، ކައުންސިލުގެ މަސައްކަތް އެއްކޮށް ހުއްޓިގެން ދިޔަކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާ ކަމަށެވެ. އެގޮތުން ގާނޫނުން މާލޭ ސިޓީ ކައުންސިލަށް ލިބިދޭ ބާރުތައް މިނިސްޓްރީއަށް ނެގުމަށް ފަހު، މާލޭގެ ބިންތައް އެއްވެސް އުސޫލެއް ނެތި ދޫކުރަމުން ދިޔަކަމަށް ޝިފާ ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާ ވިދާޅުވީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރި ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ބޭނުންވާ އިރު، އަންހެނުންނަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގައި އަންހެނުންގެ ކޮމެޓީތައް އުފައްދަން ޖެހޭއިރު، ބައެއް ރަށްރަށުގައި ކޮމެޓީތައް އުފައްދާފައި ނުވާކަމަށް ވިދާޅުވިއެވެ.
އަދި ކޮމެޓީތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް މުސާރައެއް ނުދޭއިރު، އެލަވަންސް ވެސް ނުދޭކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މިބައްދަލުވުމުގައި ކޮމެޓީތައް އުފައްދާފައި ނެތް ރަށްރަށުގައި ކޮމެޓީތައް އެކުލަވާލާނެ ކަމަސް ވަނީ ވިދާޅުވެފައެވެ.
އަދި އަންހެނުންނަކީ ރަށު ފެންވަރުގައި ވަރަށް ގިނަ މަސައްކަތްތައް ކުރާ ބަޔަކަށް ވާއިރު، ހަމައެކަނި އަންހެނުންނަކީ ވޯޓް ދޭން ތިބި ބައެއް ނޫން ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.