އެމްޑީޕީއާ ވާދަވެރި ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް ބޭނުން ނުކުރުމަށް އެމްޑީޕީން އެ ޕާޓީގެ މެމްބަރުންނަށް އަންގައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެ ޕާޓީގެ އެއްވެސް މަޖިލިސް މެމްބަރެއް ވެސް، ކައުންސިލަރެއް ވެސް، ގައުމީ މަޖިލިސް މެމްބަރަކު ވެސް އަދި އާންމު މެމްބަރަކު ވެސް ބޭނުން ނުކުރުމަށް ދަންނަވާ ކަމަށެވެ.
އިދިކޮޅު ހަރަކާތްތަކަށް ބާރު ލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީއާ ވާދަވެރި ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް ބޭނުން ނުކުރުމަށް އެމްޑީޕީން އެ ޕާޓީގެ މެމްބަރުންނަށް އަންގާފައިވާ އިރު، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާއާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.