އަބްދުﷲ ފާރޫގް ހަސަން
އިންސާނާގެ ހިތަށް މިދެންނެވިފަދަ ފިއްތުންތައް ކުރިމަތިވުމުން އެހިތުގައި ވަދީޢަ ކުރައްވައިފައިވާ ފިތުރީ ޤާބިލިއްޔަތުގެ ބޭނުމެއް ނުހިފެއެވެ. އިންސާނާގެ ޝަޚްސިއްޔަތު ފުރިހަމަކުރުމަށާއި އޭނާގެ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ޤުދުރަތުން ހަދިޔާކުރައްވައިފައިވާ ބާރުތަކުގެ ޒަޚީރާގެ ބޭނުން ފުރިހަމަޔަކަށް ނުހިފެއެވެ. އެހެންކަމުން ހިތަށް ޖެހޭ ބަލިތަކަށްވެސް ބޭސްކުރާންޖެހެއެވެ. ޖިސްމާނީ ބަލިބައްޔަށް ބޭސްކުރާ ފަދައިންނެވެ. މެޝީންތަކަށް ގެއްލުން ލިބުމުން މަރާމާތުކުރާ ފަދައިން ހިތަށްވެސް ފަރުވާދީ ދުޅަހެއިކުރާން ޖެހެއެވެ. ހިތާއި ނަފުސު ތަޒްކިޔާ ކުރާންޖެހެއެވެ. ސިކުނޑީގެ އުދާސްތަކާއި، ހަޔާތުގެ ފިއްތުންތަކުން އެއްކިބާކޮށް ޝަޚްޞިއްޔަތު ވަރުގަދަކުރާން ޖެހެއެވެ. ފިތުރީ ހެދިފޯދުމާއި ޠަބީޢީ ޤާބިލިއްޔަތު ކުރިއަރުވާންޖެހެއެވެ. މިދެންނެވި މަފުހޫމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި އިންސާނާގެ އަޚްލާގު ތަހްޒީބުކުރުމާއި މަކާރިމުލް އަޚްލާގު ފުރހިހަމަ ކުރުން ވެސް ހިމެނެއެވެ.
އިންސާނާގެ ނަފުސު ތަޒްކިޔާ ކުރުމަކީ ކީރިތި ޤުރްއާނުގެ އިސްޠިލާހުތަކުގެ ތެރެއިން އިސްތިލާހެކެވެ. އަޅުގަނޑު މަސައްކަތްކުރާނީ ދެ މިސާލެއްދަންނަވައިގެން ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް އެކަން ތަސައްވުރުކޮށް އެރުވޭތޯއެވެ. އެންމެ ފުރަތަމަ ދަންނަވާނީ ހިތަކީ ކެމެރާއެއްގެ ލެންސުފަދަ އެއްޗެއްކަމުގައެވެ. އިންސާނާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުގޮތުގައެވެ. އެހެންކަމުން އިންސާނާ ދުނިޔެއަށް އަންނައިރު ހިތުގެ ލެންސު ހުންނަނީ ސާފުކޮށެވެ. ބަރާބަރަށް މަސައްކަތް ކުރެވޭ ގޮތަށެވެ. އެދެވޭ ރަނގަޅު ހާލަތުގައެވެ. އެހެންކަމުން އެހާލަތުގައި ބޭރުގެ ދުނިޔެއިން ހިއްސުތަކުގެ ޒަރީޢާއިން ހިތަށްފޮނުވޭ މެސެޖުތައް ހިތުގައި ބިންވަޅުނެގެއެވެ. ބުއްދި އެކަންކަމާމެދު ނިޔާކަނޑައަޅައެވެ. އެކަންކަމުގެ ރީތި ހުތުރާއި ރަނގަޅު ނުރަނގަޅާ މެދުގައެވެ. ޙައްޤާއި ބާޠިލާއި ގެއްލުމާއި މަންފާއާ ބެހޭގޮތުންނެވެ. އެކަންކަން ޤަބޫލުކުރުމާއި ނުކޮށްދޫކޮށްލުމާއި، އެއާއެއްގޮތަށް އަމަލުކުރުމާއި ނުކުރުމާމެދު ގޮތް ނިންމައެވެ. އަމަލުކުރާންވީ ގޮތަކާ މެދު ވަގުތުން އިންސާނާއަށް ބާރުއަޅައެވެ. ހިތް އޭގެ އަސްލު ހާލަތުގައި ދުޅަހެޔޮކޮށް އޮވެއްޖެކަމުގައިވާނަމަ އޭނާގެ ބުއްދިވެސް ހުންނާނީ ސަލާމަތުންނެވެ. ސަލާމަތް ބުއްދީގެ ހުކުމްތައް ސައްޙައެވެ. ބާރު އެޅުންތައް ވަރުގަދައެވެ. އޭގެ ގޮވައިލުންތަކުގައި ބުރަދަން ހުރެއެވެ.
މިދެންނެވި ގޮތާ ޚިލާފަށް ހިތް އޭގެ ދުޅަހެއިކަމުގައި އަސްލު ޙާލަތުގައި ނެތްކަމުގައިވާނަމަ ހިއްސުތަކުގެ ބާރާއި ހިއްސުތަކުން ކުރާ މަސައްކަތަށް ފަރަގުއާދެއެވެ. އެހިއްސުތަކުން ބައެއް ފަހަރަށް ކުށް މެސެޖުތައް ވެސް ފޮނުވައެވެ. މިފަދަ ހާލަތްތަކުގައި ހިތާ ގުޅިފައިވާ ބުއްދިއަށްވެސް ތަފާތުއާދެއެވެ. ބުއްދީގެ ނިޔާތަކުގެ އިތުބާރު ކުޑަވެއެވެ. އޭގެ ބާރު ކުޑަވެއެވެ. ބުއްދީގެ ގޮވާލުން ތަކުގައި ކުރީން ހުންނަފަދަ ބުރަދަނެއްވެސް ނުހުރެއެވެ. އެހެންކަމުން ހިތް ސާފުކޮށް އެހިތުގެ އަސްލު ހާލަތަށް އަނބުރާ ގެންނާން ޖެހެއެވެ. ހިތުގެ ހާލަތު ރަނގަޅުކޮށް ހިތުގެ ޙަޤީޤީބާރު އަނބުރާ ގެނައުމަކީ ނަފުސު ތަޒްކިޔާ ކުރުމެވެ. ނަފުސުޠާހިރުކުރުމެވެ.
ހިތަކީ ނާމިޔާތީ ވުޖޫދެކެވެ. ހިތް ތަޒްކިޔާ ކުރުމުގެ ދެވަނަ މިސާލަކާ ދޭތެރޭގައި ވިސްނައިލާއިރު ހިތުގެ މިސާލަކީ ހެޔޮކަމުގެ ގަހެއްގެ މިސާލުކަމުގައި ދެންނެވިދާނެ ވުޖޫދެކެވެ. އާދެ، ހިތަކީ ހެދިފޯދޭ އަދި އެގަހުގެ ޅަނދޮޅުކަމާއި ތާޒާކަން އައިސް މަލާއި މޭވާ އަޅާ ގަހެއްފަދައެވެ. ގަހަކީވެސް ބަލިޖެހޭ އެއްޗެކެވެ. ގަހަކަށް ބައްޔެއްޖެހިއްޖެނަމަ ގަހުގެ ޅަނދޮޅުކަން ކެނޑެއެވެ. ހެދިފޯދުމަށް ހުއްޓުން އަރައެވެ. ގަސްގާވެއެވެ. މަލާއި މޭވާ ގަތުން މަދުވެއެވެ. އެހެންކަމުން ތަޖްރިބާކާރު ދަނޑުވެރީންނާއި ބަގީޗާ ބަލަހައްޓާ މީހުން އެގަހެއްގެ ވެށި ސާފުކުރެއެވެ. ގަހުގައި ވަކިހިއްޕައިފައި ހުންނަ ވެޔޮވެލާވެލި ބުރިކޮށް ކޮށައި ނަގައެވެ. ގަހުގެ ކައިރީން ތޮނަނަގައެވެ. ގަހުގެ މެޑަކޮށައެވެ. ފަނިމަރާ ބޭސްޖަހައެވެ. އެގަހަކާ މުނާސަބު ގަސްކާނާ އަޅައެވެ. ފެންދީ، ބޭސްއަޅައި ހަދައެވެ. އެގަހެއް ތާޒާކަމާއެކު އަލުން ހެދިގަނެ އާރޯވެ މަލާއި މޭވާ އަޅަންފަށަންދެން ގަހަށް ފަރުވާދެއެވެ. މިދެންނެވި މަސައްކަތަކީވެސް ތަޒްކިޔާ ކުރުމެކެވެ. މިމޭރުމުން ހިތާމެދު ވިސްނައިލާއިރު ހިތް ތަޒްކިޔާ ކުރަން ކުރެވޭ ފަރުވާގެ އެންމެ މުޖައްރިބު އަދި އެންމެ ރަނގަޅު "ބޭސްސިޓީ" އެކުލެވިގެން ވަނީ މިދަންނަވާ ކަންކަމުގެ މައްޗަށެވެ.
• ތަޤްވާވެރިވުން
• މާތްﷲ ގެރަސްކަންފުޅު ހަނދުމަކުރުން
• އިލާހީ ނިއުމަތްތަކަށް ޝުކުރުވެރިވުން
• ތިމާޔަށް ފެންނަ ފެނުންތަކާއި އިވޭ އަޑުތަކާމެދު ރައްބާނީ ވިސްނުމަކުން ވިސްނުމާއި،
• ފިކުރުކުރުމާއި،
• އެކަންކަމުން ޢިބުރަތާއި ނަސޭހަތްލިބިގަތުން
• މާތްﷲ ގެމަގުގައި ޖިހާދުކުރުން
މިކަންކަމަށް އަވަސްކަޅިޔެއް ހިންގައިލާއިރު :
ހ. ތަޤްވާވެރިވުން:-
ތަޤްވާވެރިވުމަކީ އަރަހުށި މާތްﷲ ގެރަސްކަންފުޅު ދެކެ ލޯބިވުމާއި، އެކަލާނގެ ރަސްކަންފުޅަށް ބިރުވެތިވުމެވެ. މިކަންކަމުގެ ތަފްސީލުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ.
ށ. މާތްﷲ ގެރަސްކަންފުޅު ހަނދުމަކުރުން:-
މާތްﷲ ގެރަސްކަންފުޅު ހަނދުމަކުރުމަކީ އިންސާނާގެ ވިސްނުމާއި ފިކުރާއި ބަހާއި އަމަލު ރައްބާނީ ތައްގަނޑަށް ފެއްތުމެވެ. ހުރިހައި ކަމެއްގައިވެސް މާތްﷲ ގެ ރުހިވޮޑިގަތުމާއި އެކަލާނގެ އެދިވޮޑިގަންނަވާގޮތް އަމާޒަކަށް ބަލައިގެން ކަންތައް ކުރުމެވެ.
ނ. އިލާހީ ނިއުމަތްތަކަށް ޝުކުރުވެރިވުން:-
އިލާހީ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެނިއުމަތްތައް ދެނެގަތުމާއި، ހަނދާން ބެހެއްޓުމެވެ. އެނިއުމަތްތަކަށް ގަދަރުކުރުމެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ ނިއުމަތަށް ޝުކުރުވެރިވުމަކީ މާތްﷲ ދެއްވާ ނިއުމަތްތަކުގެ އަގުވަޒަންކޮށް އެނިއުމަތްތައް ފުރިހަމަޔަށް ރައްކާތެރިކުރުމެވެ. އެކަށީގެންވާ އެންމެ މަތީ ދަރަޖަޔަކަށް އެ ނިއުމަތްތަކުގެ މަންފާ ލިބިގަތުމެވެ. ހަމައެއާއެކު އެދީލަތިވަންތަ ދެއްވުމަށްޓަކައި ތިމާގެ ހިތާއި ރޫޙުން މާތްﷲ އަށް ޝުކުރުވެރިވުމެވެ. ހަމްދާއި ސަނާ ދެންނެވުމެވެ.
ރ. ތިމާޔަށް ފެންނަ ފެނުންތަކާއި އިވޭ އަޑުތަކާމެދު ރައްބާނީ ވިސްނުމަކުން ވިސްނުން:-
ތިމާޔަށް ފެންނަ ކަންކަމާއި، އިވޭ އަޑުތަކާމެދު ރައްބާނި ވިސްނުމަކުން ވިސްނައި ފިކުރުހިންގުމަކީ ތިމާގެ ހިއްސުތައް ތާހިރުކުރެވޭކަމެކެވެ. އެހެންކަމުން ނަފުސު ތަޒްކިޔާ ކުރުމުގައި މިއީ ވަރަށް މުހިންމުކަމެކެވެ.
ބ. ވިސްނައިފިކުރުކުރުން:-
ރައްބާނީ ނަޒަރަކުން ކާއިނާތާމެދު ވިސްނައި ހިޔާލުކުރުމަކީ ތިމާގެވަށައިގެން ހިނގަމުންދާ ހާދިޘާތަކާމެދު ޚިޔާލު ހިންގުމެވެ. ފިތުރަތުގެ މަޒްހަރުތަކާމެދު ޚިޔާލުކުރުމެވެ. ތާރީޚު ދިރާސާކޮށް ޚުދު ތިމާގެ ހަޔާތުގެ ފެށުން އައިގޮތާއި ނިމުން އަންނާނެ ގޮތާމެދު އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތާއެކު ފިކުރުކުރުމެވެ. މިއީ ހައްތާވެސް ނަފުސު ތަޒްކިޔާކުރެވޭ ކަންކަމެވެ.
ޅ. އިބްރަތާއި ނަސޭހަތް ލިބިގަތުން:-
އިންސާނުންގެ ދިރިއުޅުން ތޮށަލިދުޅަޔަށް ހިނގަމުންދާއިރު ފެންނަމުންދާ ކަންކަމާއި އިންސާނީ ތާރީޚުގެ މައްސަލަތަކާމެދު ފިކުރު ހިންގުމަކީ ވެސް ނަފުސު ތަޒްކިޔާ ކުރެވޭ ކަމެކެވެ.
ކ. ޖިހާދުކުރުން:-
ޖިހާދުކުރުމަކީ ވެސް ނަފުސުތާހިރު ކުރުމުގެ މުހިންމު ވަސީލަތެކެވެ. ބާރުހުރި ވަސީލަތެކެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ މުސްލިމުންނަށް ޖިހާދު ތަރްބިޔަތު ދެއްވަން ޚާއްސަ އަހަންމިއްޔަތެއް ދެއްވިއެވެ. އިސްލާމީ ތަޢުބިރުގައި ޖިހާދަކީ ވަރަށް ތަނަވަސް މާނަތަކެއް އެކުލެވޭ ބަހެކެވެ. އެހެންކަމުން މިތާނގައި މިބަޔާންކުރަނީ އިސްލާމީ ދައުލަތުން ދައުލަތުގެ ސިފައިން (މުޖާހިދުން) ނަށް ދެއްވި އަސްކަރީ ތަރުބިޔަތުގެ ވާހަކައެވެ.
މި މައިގަނޑު ނަމުގައި އަޅުގަނޑު ތަކުރާރުކޮށް ބަޔާން ކުރަމުން ގެންދާ ފަދައިން މިތާނގައިވެސް ހަނދާންކޮށްދެމެވެ. ހަނގުރާމަ އިއުލާންކުރުމަކީ ދައުލަތުގެ ވަލިއްޔުލް އަމްރުގެ ކަމެކެވެ. އެއީ ފަރުދުންނަށް ނުވަތަ އެކި އެކި ޖަމާޢަތްތަކަށް އަމިއްލަ އަމިއްލަޔަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ޖިހާދަށްޓަކައި އަސްކަރީ ތަމްރީނު ދިނުމަކީ ވެސް ދައުލަތުގެ ކަމެކެވެ. މަދީނާގެ އައު އިސްލާމީ ދައުލަތުގައި ވެސް އެކަން ހިންގެވީ ދައުލަތުގެ އެންމެ އިސް ވެރިޔާއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމައެވެ. އެމާތްސާހިބާ މުސްލިމުންނަކީ އެ ޒަމާނުގެ ނަމޫނާ މުޖާހިދުންކަމުގައި ހެއްދެވިއެވެ. އަޅުގަނޑު މިދެންނެވީ އަސްކަރިއްޔާއެއްގެ ސިފައިން ކަމުގައި ހެއްދެވި ވާހަކައެއް ނޫނެވެ. އެހެނީ ސިފައިންނާއި މުޖާހިދުންގެ މެދުގައި އުސޫލީ ތަފާތުތަކެއް އެބަހުއްޓެވެ. ޖިހާދުކުރުމަކީ ހައްޤަކާ ނުލައި މީހުން މަރައި މުޖްތަމައުގައި ބިރުވެރިކަން އުފައްދައި މުޖްތަމައު ފަސާދަކުރުމެއްނޫނެވެ.ޖިހާދުކުރެވެނީ މާތްﷲ ގެ މަގުގައެވެ. މުޖާހިދުންނަކީ ރަހްމާނު ވަންތަ މާތްﷲ ގެ އަޅުންނެވެ. އެހެންކަމުން މުޖާހިދުން ޖިހާދުކުރަނީ އެބައިމީހުންގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު އަދައިގެންނެވެ. އެކަލާނގެ އަޅުތަކުންގެ ހައްޤުތައް ރައްކާތެރިކޮށް ދިނުމަށްޓަކައެވެ. އެކަލާނގެ އަޅުތަކުންގެ މާއްދި އަދި ރޫހާނީ ބޭނުންތަކުގެ ދިފާއުގައެވެ. މާތްﷲ ގެ އަޅުތަކުންނަށް ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބަ ހޯދައިދިނުމަށްޓަކައެވެ. މުޖާހިދުން ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރަނީ މި އަމާޒަށް ވާސިލުވުމަށްޓަކައެވެ. އެގޮތުން މުޖާހިދުން ދުޝްމިނުންނާ ދެކޮޅަށް ޖިހާދުކުރެއެވެ. މުދަލާއި ފުރާނައިންނެވެ. ދުލާއި ގަލަމުންނެވެ. ހަތިޔާރުގެ ބޭނުންކުރާންޖެހޭ ހިނދު ހަތިޔާރުގެ ބޭނުން ކޮށްގެން ވެސްވެއެވެ. މުޖާހިދުން ޖިހާދުގެ މަގުގައި ހަރަކާތްތެރި ކުރުވާ ބާރަކީ މާތްﷲ ގެ ރަސްކަންފުޅުދެކެވާ ލޯތްބެވެ. އިންސާނިއްޔަތާ މެދު ހުންނަކުލުނެވެ.
އިސްލާމީ ތަހްރީކަކީ އާލަމްތަކަށްހުރި ރަހުމަތެކެވެ. އެހެންކަމުން އެ ތަހްރީކު ޙިމާޔަތް ކުރުމާއި އެތަހްރީކު ފެތުރުމުގެ މަގަށް އެޅޭ ހުރަސްތައް ބުރިބުރިކޮށް ނައްތައިލުމަކީ އިންސާނީ ނައުޢު ދެކެ ލޯބިވުމެވެ. އިންސާނިއްޔަތަށް އިހްސާންތެރިވުމެވެ. މީގެ އަނެއްކޮޅުން އަސްކަރީ ސިފައިން ހަނގުރާމަ ކުރަނީ އެބައިމީހުންގެ ޒާތީ ބޭނުންތަކަށްޓަކައެވެ. އެމީހުންނަށް މުސާރަދޭ ދައުލަތުގެ މަސްލަހަތަށްޓަކައެވެ. މިއީ އާއްމުކޮށް ސިފައިންނާއި މުޖާހިދުންގެ މެދުގައިހުރި ތަފާތެވެ.
ނުނިމޭ