މުހައްމަދު ސަލީމް (ހޯރަފުށި)
ރޭގެ 10:30 އަކީ، މީގެ ފަންސާސް އަހަރުކުރީން އައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭގެ 10:30 ނަމަ، ފެންނާނީ، އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ހިނގަމުންދިޔަ ވަގުތެވެ.
އެވަގުތަކީ، އެ މަޖިލީހުގެ މެންބަރުން ހުވާކުރައްވާ ވަގުތެވެ. އެއަށްފަހު، އެ މަޖިލީހުން އެވަގުތު އިޢުލާން ކުރާތީ ފެންނާނީ، ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމް އުވުނު ކަމަށް ކުރެވޭ އިޢުލާނުގެ މަންޒަރެވެ. ހަމަ އެއާއެކު، ފެނިގެންދާނީ، ރާއްޖޭގައި ޖުމްހޫރީ ނިޒާމެއް ޤާއިމްވެއްޖެކަން އިޢުލާނުކުރާ ތަނެވެ. އެއަށްފަހު، ހުސްވަގުތުކޮޅަކަށް މަޖިލީސް މެދުކަނޑާލައެވެ.
އެރޭގެ މަޖިލިސް އަލުން ފެށެނީ ރޭގެ 12 ޖެހުމާއި ގާތްވެފައި އޮއްވައެވެ. އެހައިތަނުން މަޖިލީހަށް ވެދެވަޑައިގަންނަވަނީ، އިންތިޚާބީ ރައީސް ވަޒީރުލް ޢައުޒަމް އިބްރާހިމް ނާސިރެވެ. އެމަނިކުފާނު ވެންނެވުމާއެކު، ފެނިގެންދަނީ، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ މަންޒަރެވެ. އެއަށްފަހު، އިވިގެންދާނީ 21 ބަޑީގެ ސަލާމުގެ އަޑެވެ. އެހިނދު 12 ޖެހުމާއެކު، ނޮވެމްބަރު 11 ވަނަ ދުވަހަށް އެ ފެށުނީއެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ޒަޢާމަތަށް މަރުޙަބާ ކިޔަމުންނެވެ.
ކިޔުންތެރިޔާގެ ހިތަށް ސިފަކޮށްދެވޭތޯ މިބަލައިލީ، މީގެ ފަންސާސް އަހަރުކުރިން 1968 ގެ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ، މާލޭގައި ހިނގަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަން ހިނގައިދިޔަ މަންޒަރެވެ. އެމަންޒަރުން ފެށިގެން އެއްލެމުންދިޔަ ދިވެހި ޖުމްހޫރީ ނިޒާމުގެ 50 ވަނަ ސަފުޙާ، އެއްލިގެން ދިޔައީ ރޭގެ ބާރަޖެހި އިރެވެ. އެރޭ އެ ފެށުނު، ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނުކަން އިޢުލާން ކުރަމުންނެވެ.
ޖުމްހޫރީ ނިޒާމެއް، 1 ޖެނުއަރީ 1953 ގައި، ދިވެހިރާއްޖެއަށް ފުރަތަމަ ތަޢާރަފު ކުރެއްވީ، މުޙަންމަދު އަމީން ދީދީއެވެ. އެއީ ރާއްޖޭގެ ރަސްކަމުގެ ތަޚުތު ހުސްވެ، ރަސްކަލަކަށް އަމީން ގެންނަން ބޭނުންވެފައި އޮތް ވަގުތެކެވެ. އެހެން ނަމަވެސް އެމަނިކުފާނު ރަސްކަލަކަށް ވެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. ބޭނުންފުޅުވީ ޖުމްހޫރީ ނިޒާމެއް ތަޢާރަފުކޮށް ރައީސަކަށް ވެވަޑައިގަތުމަށެވެ.
އޭރު އޮތް ރަސްކަމުގެ އާރުލާ ފިކުރު ދިވެހީންގެ ވިސްނުމުން ބަދަލުކުރެއްވީ އަމީންގެ ޙިކުމަތްތެރި "ލޮބީ" ކުރެއްވުމުގެ ތެރޭންނެވެ. އެކަމަށްޓަކައި އެކި ފެންވަރުގައި ބޭއްވުނު ބަޙުސްތަކާއި ލޮބީކުރުންތަކުން ރަސްކަމުގެ ފިކުރު ބަލިކުރުމުގެ މަސައްކަތް ކާމިޔާބު ކުރެއްވިއެވެ. އޭރުގެ މަޖިލީހުން، މި ކަމާމެދު މަޖިލީހަށް ލަފާދޭން ހޮއްވެވި 8 މެންބަރުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅުއްވީ "މިތަން ޖުމްހޫރިއްޔަތަކަށް ހަދަން ޒަރޫރަތްތެރިކަން މަޖުބޫރުކޮށްފިއެވެ" – ކޮމިޓީ، މިހެންވެ.
އެ ވިދާޅުވާ ޒަރޫރަތްތެރިކަން، އެގޮތަށް އޮތުމުން ދެން ބޭއްވީ، ވެރިކަމުގެ ނިޒާމަކާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެކެވެ. މުޅި ރާއްޖެ ޝާމިލްވެގެންނެއް ނޫނެވެ. ހަމައެކަނި މާލޭގެ 4 އަވަށާއި މާލޭގައި ތިބި ރަށްފުށުގެ މީހުންނަށް ފުރުސަތު ހުޅުވާލެވިގެންނެވެ.
ޒަމާންވީ ރަސްކަން އޭރު އޮތް މަޖިލީހުން އުވާލީ، ޚިޔާލު ހޯދުމުގެ ވޯޓުން، ޖުމްހޫރީ ނިޒާމެއް ޤާއިމްކުރަން ފާސް ވުމުންނެވެ. މި ވޯޓުގެ ނަތީޖާއަކީ، ކުރިން ދެންނެވި ލޮބީ ކުރުމުގެ ހެޔޮ އަސަރެވެ.
އެހައިތަނުން ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކަށް މިދެންނެވި ދުވަހު ނެގުނު ވޯޓުން ހޮވިވަޑައިގަތް މުޙައްމަދު އަމީން ދީދީ، ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވިއެވެ. އެމަނިކުފާނު ފެއްޓެވި ޖުމްހޫރީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ، ހަމަ އެ ވޯޓުން، ނައިބު ރައީސް ކަމުގެ މަޤާމަށް އެދުވަހު، ހޮވިވަޑައިގަތް ވެލާނާގޭ އިބްރާހިމް މުޙައްމަދު ދީދީ އެވެ.
މުޙަންމަދު އަމީން ތަޢާރަފުކުރެއްވި ޖުމްހޫރީ ވެރިކަން، އޭގެ ހަތްމަހާ އެކާވީސް ދުވަސްފަހުން، އިންޤިލާބު ކޮށްލުމުގައި އެންމެ އިސްކޮށް ހުންނެވީ، އެމަނިކުފާނުގެ ނައިބު، ވެލާނާގޭ މުޙައްމަދު ދީދީއެވެ. އެއީ ކީއްވެތޯއާއި؟ ފަހަތުގައި ވީހާ ސަބަބުތަކަކީ، މިމަޢުޟޫގައި އަޅުގަނޑު އިންސާފުކުރާ ދާއިރާއެއް ނޫނެވެ.
ސުރުޚީގައި އެވަނީ، "ބުޅިކަނޑާލާފައި ދާނީ ބޮޑުމަހެކެވެ" މިހެންނެވެ. އެހެން ކަމުން އަޅުގަނޑު މި ބަލައިލަނީ، އަމީންގެ ޖުމްހޫރިއްޔާ އިންޤިލާބުވެ، ރަސްކަމެއް އަލުންފެށި، ފަނަރަ އަހަރު ފުރެމުންދަނިކޮށް، އަނެއްކާވެސް އަލުން ޖުމްހޫރީ ނިޒާމެއް ގެންނަން މިޖެހުނީ ކީއްވެން ކަމެވެ.
އަނެއްކާވެސް މަޖުބޫރުކުރުވީ ކޮން ޒަރޫރަތްތެރިކަމެއް ހެއްޔެވެ؟ އޭރު އިންޤިލާބު ކޮށްލި ޖުމްހޫރީ ނިޒާމު، އޭގެ 14 އަހަރާ 8 މަހާ 4 ދުވަސްފަހުން، މާ ފައްކާ ނިޒާމަކަށް ނާސިރަށްވެސް ވިސްނިވަޑައިގަތީ ކީއްވެ؟ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މި ސުވާލު މި އުފެދެނީ، ކުރިން ބުޅި ކަނޑާލައިފައި އެ ދިޔަ، ޖުމްހޫރީ ނިޒާމަކީ، "ބޮޑުމަހެއް" ކަމަށް، ނާސިރަށްވެސް ހަމަ ޤަބޫލުފުޅު ކުރެއްވުނީ ބާއޭ! ހިތަށް ވަނުމުންނެވެ.
ކުރީގެ މަންޒަރުން ފެނުނީ އަމީންގެ ޖުމްހޫރިއްޔާ އިންޤިލާބުކޮށްލި ބޭފުޅުން، އަމީން ރާއްޖެއަށް ވަޑައިގަތުމުން ދޫނިދޫގައި ހައްޔަރުކުރެއްވުމާއި، ސިއްރިޔާތުގައި އަމީން މާލެއަށް އަރައިވަޑައިގަތްރޭ، ގުޅަކުޅޭ ފަސްގަނޑުގައި އެމަނިކުފާނު ހަވަރަށް ދެވޭ ތަނާއި، އެމަނިކުފާނާ މެދު ޝަރީޢަތްކުރެވި ޙުކުމްކޮށް ހައްޔަރު ކުރެވޭތީއެވެ.
މިދެންނެވި ޙާދިސާތައް ދިވެހި ތާރީޚުން ކިޔަމުން ގެންދާއިރު، މަންޒަރުން އިބްރާހިމް ނާސިރު ފެންނާނެއެވެ. ބަނޑޭރިގޭ ތޭރިތައް ނައްޓާލައިގެން ހަވަރު ވަދެ، އަމީން ދަމާކޫއްތާފައި ނެރެމުންގެންދާއިރު، އަމީން ސަލާމަތް ކުރެއްވޭތޯ މަސައްކަތް ކުރައްވި ބޭފުޅުންގެ ތެރޭންނެވެ. އަމީން ބަންދުކޮށްފައި ހުންނެވި ދުވަސްވަރު، ޙާލު ބައްލަވަން ހަމަޖެއްސެވި ބޭފުޅުންތެރެއިންނެވެ. އަދި އަމީންގެ އާލާސްކަންފުޅު ބޮޑުވެ، 1954ގެ ޖެނުއަރީ 19 ގައި އަމީން އަވަހާރަ ވުމާއި ހަމައަށްވެސް، އެމަނިކުފާނުގެ ޙާލުކޮޅު ބެއްލެވުމަށް، އިސްވެ ތިއްބެވި ބޭފުޅުންގެ ތެރޭގައި ނާސިރު ހިމެނިވަޑައިގަންނަވައެވެ. އަޅުގަނޑު މިދަންނަވަނީ، ޖުމްހޫރިއްޔާ އިންޤިލާބު ކޮށްލެއްވީ، އަދި އިންޤިލާބީ އިސް ސަފުގައި ނާސިރު ހުންނެވި ވާހަކައެއް ނޫނެވެ. އެ މަންޒަރުތައް އެމަނިކުފާނު ދެކެވަޑައިގެންފައި ވާނެ ވާހަކައެވެ. އެހެން ކަމުން ފުރަތަމަ ޖުމްހޫރިއްޔާ އުވުނީ ކީއްވެ؟ ކޮންގޮތަކުން؟ ކިހިނެއް؟ ކަމާއި ކަންވެ ދިޔަ ގޮތް، އެ މަންޒަރުގައި ދެކެވަޑައިގަތް ބޭފުޅެއްގެ ޙައިސިއްޔަތުން ނާސިރަށް އެނގިވަޑައިގަންނަވާނެއެވެ.
ކޮންމެއަކަސް، ދެވަނަ ޖުމްހޫރިއްޔާ ފެށެނީ، އިބްރާހިމް ނާސިރު ވަޒީރުލް ޢައުޒަމް ކަމުގައެވެ. އޭރުގެ ރަދުންނާއި ބޮޑުވަޒީރާއި ދެމެދު، އެކި ކަންކަމުގައި ޚިޔާލު ތަފާތުވުން އޮތެވެ. މި ދުވަސްވަރު، ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމާމެދު ނާސިރުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވެންފެށުނެވެ. އެއީ 1967 އޮކްޓޫބަރު 5 ވަނަ ދުވަހެވެ.
މި މައްސަލަ ނާސިރު އެންމެ ފަހުން މަޖިލީހަށް ހުށަހެޅުއްވިއެވެ. 1967ގެ ނޮވެމްބަރު ފަނަރައިގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓުން ފާސްވީ، ވެރިކަމުގެ ނިޒާމަކާމެދު އަނެއްކާވެސް ޢާންމު ޚިޔާލަކަށް ދިއުމަށެވެ. 1968 ގެ މާރޗްމަހުގެ 15 ވަނަ ދުވަހަކީ، މިދެންނެވި ޚިޔާލު ހޯދުން މުޅި ރާއްޖޭގައި ބޭއްވުނު ދުވަހެވެ. އޭގެ ނަތީޖާއަކީ، 36،997 ވޯޓު ޖުމްހޫރީ ނިޒާމަށްލިބުމެވެ. 8551 ވޯޓު ރަސްކަމަކަށް ވެސް ލިބުމެވެ. އެހެންކަމުން ވޯޓުގެ 81.2 އިންސައްތަ ޖުމްހޫރީ ނިޒާމަކަށް ފަހިވެގެން ދިޔައީ މިއަދު އެ ޖުމްހޫރިއްޔަތަކަށް ފަންސާސް އަހަރު ފުރުނު ޖުމްހޫރީ ނިޒާމަށެވެ.
ނާސިރުގެ ޖުމްހޫރިއްޔާ ފެށޭއިރު، މަންޒަރުގައި ވެލާނާގޭ އިބްރާހިމް މުޙައްމަދު ދީދީ ފެންނާކަށް ނުހުރެއެވެ. ބޭސްކޮޅަކަށް ސްރީލަންކާއަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އަވަހާރަވީ ވެސް، ކޮޅުނބުގައެވެ. އަނެއްކޮޅުން ބަލާއިރު، ފުރަތަމަ ޖުމްހޫރިއްޔާއިން ފެންނަމުންދިޔަ ދިވެހި ރަސްކަމުގެ ކިއްލާ "ބޮޑު ގަނޑުވަރު" ނާސިރުވަނީ، ތަޅާލައި އެތަން "ސަލްޓަންޕާރކް" އަކަށް ހައްދަވައިފައެވެ. މި މަންޒަރުން އެ ބުނެދެނީ، އުވުނީ ރަސްކަން އެކަންޏެއް ނޫނެވެ. ރަސްކަމުގެ ކިއްލާވެސް އެވަނީ މަންޒަރުން ބޭރުވެފައި ކަމެވެ.
ކޮންމެއަކަސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ 81 އިންސައްތައިން، ޖުމްހޫރީ ނިޒާމު ފާސްވެގެން އައުމުން ދޭހަވަނީ، ފުރަތަމަ ޖުމްހޫރީ ނިޒާމު ބަޔަކު ރާވައިގެން އިންޤިލާބު ކޮށްލިއެއް ކަމަކު އެ ނިޒާމު އޮތީ ވައިގަ ހިފައިފައިކަމެވެ. އެފަހަރު ގަނެފައި އެދިޔައީ ބޮޑުމަހެއް ކަމެވެ.
ދިވެހި ރައްޔިތުން ބޭނުންވެފައި އޮތީ، ރައްޔިތުން އިންތިޚާބުކުރާ ރައީސަކު، ކަނޑައެޅިފައި އޮންނަ މުއްދަތަކަށް ރައްޔިތުންނަށް ކޮށްދޭ ވެރިކަމުގެ ނިޒާމެއް ކަމެވެ. އެއީ މިނިވަން އިންސާފުވެރި ޢަދުލް އިންސާފެއް ޤާއިމްވެފައި އޮންނަންވާނެ ނިޒާމެއްކަމެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ މަޖިލީހެއް އޮވެގެން ހިނގާ ނިޒާމެއް ކަމެވެ. މި ނިޒާމަށް 50 އަހަރު ފުރުނުއިރު، ޖުމްހޫރީ 6 ރައީސަކު ރައީސްކަންކުރައްވައިފިއެވެ. ހަތްވަނަ ރައީސް ހުންނެވީ ހުވާކުރައްވަން އިންތިޚާބުވެފައިވި އިންތިޚާބީ ރައީސަށެވެ. ޖުމްހޫރީ ނިޒާމު ފުރާފުރިހަމަވެފައި އޮތީ، ބާރުތައް ވަކިވެފައި އޮތް ޒަމާނީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ ފޭރާމުގައެވެ. މިކަންކަމުން ފެންނާންއޮތް ސާފު މަންޒަރަކީ، ރައްޔިތުންނަށް ފުރަތަމަ ޖުމްހޫރިއްޔާވެސް ކަމުދިޔަ ކަމެވެ. އޭގެ އަސަރު ކަރުތެރޭގައި ލީކަމެވެ.
ކޮންމެއަކަސް ޙިޖުރީ ސަނަތުން 1373 ގެ ފަހުއާޚިރު މަހުގެ އެއްވަނަ ދުވަހު، މުޙައްމަދު ފަރީދު، ރަސްކަމަށް އަލުން އިސްކުރެވުނު ޙާލަތު ގުޅިފައި އޮތް ޙާދިސާކަމަށްވި، އަމީންގެ ވެރިކަން ވައްޓާލި އިންޤިލާބަކީ ގޯހެއް ކަމެވެ. އެފަހަރު ތަޢާރަފުވި ރައްޔިތުންގެ ވެރިކަން ނުވަތަ ޖުމްހޫރިއްޔަތަކީ، ބުޅި ކަނޑާލައިފަ ދިޔަ ބޮޑު މަހެއް ފަދައިން ބީވި، ރާއްޖެއަށް އެންމެ ފައިދާބޮޑު ނިޒާމު ކަމެވެ.