ރަށްރަށުގެ އިޖުތިމާއީ ތަރައްގީއަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް"ގެ ދަށުން މިފަހަރު އެހީވުމަށް ނިންމި ފަސް ރަށެއްގައި ތަފާތު މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
ބީއެމްއެލް އިން "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް"ގެ ދަށުން މިފަހަރު އެހީ ދިނުމަށް ނިންމާފައިވަނީ ހއ. ކެލާ، ހދ. ކުޅުދުއްފުށި، ނ. ހޮޅުދޫ، ރ. ހުޅުދުއްފާރު، އަދި ތ. ކަނޑޫދޫ އަށެވެ.
އެގޮތުން ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުމަށް ނިންމާފައިވާއިރު، ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަށް ނިންމާފައި ވެއެވެ.
ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމަށް ނިންމާފައިވާއިރު، ހުޅުދުއްފާރު އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރަންވެސް ނިންމާފައި ވެއެވެ. މީގެއިތުރުން ކަނޑޫދޫ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރަން އެހީވުމަށް ވެސް ބީއެމްއެލް އިން ނިންމާފައި ވެއެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އެކުންފުނިން މިހާތަނަށް ރާއްޖޭގެ 10 ރަށެއްގައި އިޖުތިމާއީ ކަންކަމަށް އެހީތެރިވެދީފައިވާކަމަށެވެ. އަދި ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ލާބަޔަށް އެކުންފުނިން ކުރާ މަސައްކަތް އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އިފުތިތާހްކޮށްފައިވަނީ ދިވެހިންނާ އެކު އޮތް ގުޅުން ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެންއެވެ.