ދިވެހި ޕްރިމިއާ ލީގު

ދާދުގެ ދެ ލަނޑުން ޔޫވީ ބަލިކޮށް، މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ހަސަން ނާއިޒް (ދާދު) ކާމިޔާބުކުރި ދެ ލަނޑުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީ އަތުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ހަތަރުވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ. އޭނާ ދުރުން ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވެދެފައިވަނީ ޔޫވީގެ ކީޕަރު ތޮލާލް ހަސަންގެ ބޯމަތިންނެވެ.

އޭގެ ދެ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދާދުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކޯނެލިއަސް އެޒެކިއެލް ސްޓެވާޓް ދިން ބޯޅައަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ފޮނުވާލި ހަމަލާ އަމާޒުވީ ޔޫވީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 17 ވަނަ މިނެޓުގައި މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތެއް ލިބުނެވެ. ހުސައިން ނިހާން (ނިހާޓު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި އެ ހަމަލާ ޔޫވީގެ ކީޕަރު ތޮލާލް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އާއި ޔޫވީން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރުމަށް މަސައްކަތްކުރި ނަމަވެސް، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.

ދިވެހި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާއެވެ. ކުޅުނު ނުވަ މެޗުން މާޒިޔާއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ދެވަނައިގައި އޮތް ގްރީނާއި ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބު، އެއިން ކޮންމެ ޓީމަކަށް ވެސް ނުވަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ގްރީން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އީގަލްސްއަށް ނުވަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. މިއަދު މާޒިޔާ އަތުން ބަލިވި ޔޫވީ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.