ދިވެހި ޕްރިމިއާ ލީގު

ގްރީނާއި އީގަލްސްގެ މެޗުން ހަމަހަމަ ނިމުމެއް

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ކްލަބު ގްރީން ސްޓްރީޓްސް އާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ގްރީނާއި އީގަލްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ 17 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސަލާހު އެމާމް އެލްސާދަނީއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އީގަލްސް ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ގްރީނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ، އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) ދިން ބޯޅައެއް ހިފައިގެން ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ލީޑު ހޯދުމަށް އީގަލްސްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި އެ ހަމަލާ، ގްރީންގެ ބިދޭސީ ކީޕަރު އޮލެކްސެންޑާ ޕޮސްލަވްސްކީ ވަނީ މަތަކޮށްފައެވެ.

އެ ނަތީޖާއާ ގުޅިގެން ގްރީނަށް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު އޮތް ފަރަގު ކުޑަކޮށްލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. މާޒިޔާއަށް އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ދެވަނައިގައި އޮތް ގްރީނާއި ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބު، އެއިން ކޮންމެ ޓީމަކަށް ވެސް ނުވަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ގްރީން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އީގަލްސްއަށް ނުވަ މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ ފުޓްބޯލް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.