ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެކްސްޕޯ މާދަމާ ފަށާނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަކަށް މާދަމާ ދަރުބާރުގޭގައި ފަށާ މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.
އެ އެކްސްޕޯގައި ވިޔަފާރީގެ ދާއިރާގެ 1،500 އެއްހާ ޕްރޮފެޝަނަލުންނާއި 150 އެގްޒިބިޓަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، އެކްސްޕޯގެ ތެރެއިން ވިޔަފާރިއާ ގުޅުން ހުރި ހަތަރު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓެއްގެ އިތުރުން ޓެކް ސަމިޓާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.
އެ ސަމިޓުތަކުގެ ބައިވެރިންނަށް ލިބިފައިވާ ކާމިޔާބީއާއި ތަޖުރިބާ، އެހެން ވިޔަފާރިވެރިންނާ ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ ކަންކަމާއި އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ މެދު ބައިވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ސަމިޓުތަކުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
އެ ސަމިޓުތަކުގެ ތެރެއިން އަންހެން ވިޔަފާރިވެރިންގެ ސަމިޓުގައި ވަން މީޑިއާގެ ޗެއާޕާސަން، އަދި ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ، މިންހާ ފާއިޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިންހާގެ އިތުރުން ސަމިޓުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު، ރަފީގެ ރައީސާ އައިޝަތު ރަފިއްޔާ އާއި މޫދު ބުޅާ ޑައިވް ސެންޓަރުގެ ވެރިޔާ ޒޫނާ ނަސީމާއި ސަން ޝިޔާމް ރިސޯޓްސްގެ ޑިރެކްޓަރ އޮފް ޕްލޭނިން، އައިޝަތު ޝިމާނީއާއި ރާއިދާ މޯލްޑިވްސްގެ ފައުންޑަރ އަދި ފެޝަން ޑިޒައިނަރު ރާއިދާ އިސްލާއީލް ވެސް ހިމެނެއެވެ.
ސަމިޓުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި އެ އަންހެން ބޭފުޅުން، އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރާނެއެވެ. އެ ޕެނަލް މޮޑަރޭޓް ކުރައްވާނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރ އިބްރާހީމް ނަސްރީންއެވެ.
އެ ސަމިޓް ފައްޓަވައިދެއްވުމުގެ ގޮތުން ތަގުރީރު ކުރައްވާނީ ރާއްޖެއިން ސްވިޑެންއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސިއުލް، އަދި ޕީއެސްއެމް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން މެމްބަރު މަރިޔަމް ވަހީދާއެވެ.
އެ އެކްސްޕޯގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.