ޚަބަރު

ބިޒްނަސް އެކްސްޕޯ 2022ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މުހައްމަދު ޖަމްޝަތް ވަހީދު

ވިޔަފާރިތަކަށް ހާއްސަކޮށްގެން އަންނަ މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.

އަންނަ އޮކްޓޯބަރު 4 އިން 5 އަކަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބިޒްނަސް ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ.

މި އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.

ކޯޕަރޭޓް މޯލްޑިވްސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިޒްނަސް އެކްސްޕޯގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި ވަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް) އެވެ. އަދި ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް މާކެޓިން މެނޭޖަރު ފާތިމަތު ރާޔާ އަބްދުﷲއެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ މިއަހަރުގެ އެކްސްޕޯގައި ދާއިރާގެ 3000 ފަރާތުން ބައިވެރިވާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސްގެ "ނެޓްވޯކް" ޕްލެޓްފޯމް މެދުވެރިކޮށް ކުރިއާލައި ބައްދަލުވުންތައް ޝެޑިއުލް ކުރެވޭނެ ކަމަށާއި އެ "ނެޓްވޯކް" ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މުޅި އަހަރުގެ ތެރޭގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިއަހަރުގެ ބިޒްނަސް އެކްސްޕޯގެ ތެރެއިން ތިން ސަމިޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • މޯލްޑިވްސް މާކެޓާސް ފޯރަމް
  • މޯލްޑިވްސް ވިމެންސް ސަމިޓް
  • މޯލްޑިވްސް އެންޓްރިޕްރިިިއާސް ސަމިޓް

ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މި ސަމިޓްތަކުގެ ސަބަބުން ދާއިރާގެ ފަރާތްތައް އެއްތަނަކަށް ގެނެސް، އެންމެންގެ ހިޔާލާއި މަޝްވަރާ ލިބި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާ އިރު، ވިޔަފާރީގެ ހުރިހާ ސިނާއަތެއް ހިއްސާވާގޮތަށް 100 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވާނެއެވެ. އެހެންކަމުން މި އެކްސްޕޯ ވެގެންދާނީ ވިޔަފާރީގެ އާ ހިޔާލުތައްވެސް އުފެދިގެންދާނެ އެކްސްޕޯ އަކަށް ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2022 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، https://network.corporatemaldives.com ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްލެވޭނެއެވެ.