ޚަބަރު

ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ މާދަމާ ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޮކްޓޯބަރު ހަތަރަކުން ފަހަކަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބިޒްނަސް ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:00 އިން ރޭގަނޑު 10 އަށް ދަރުބާރުގޭގައެވެ.

އެކްސްޕޯ އިންތިޒާމުކުރާ ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމަތު ދޭގޮތުގައި މި އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަންޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މިއަހަރުގެ އެކްސްޕޯއަށް ދާއިރާގެ 3،000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތް ކުރާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. އަދި އެ ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސްގެ "ނެޓްވޯކް" ޕްލެޓްފޯމް މެދުވެރިކޮށް ކުރިއާލައި ބައްދަލުވުންތައް ޝެޑިއުލްކޮށް އެ "ނެޓްވޯކް" ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މުޅި އަހަރުގެ ތެރޭގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިއަހަރުގެ ބިޒްނަސް އެކްސްޕޯގެ ތެރެއިން ތިން ސަމިޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މޯލްޑިވްސް މާކެޓާސް ފޯރަމް
  • މޯލްޑިވްސް ވިމެންސް ސަމިޓް
  • މޯލްޑިވްސް އެންޓްރިޕްރިިިއާސް ސަމިޓް

ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މި ސަމިޓްތަކުގެ ސަބަބުން ދާއިރާގެ ފަރާތްތައް އެއްތަނަކަށް ގެނެސް، އެންމެންގެ ހިޔާލާއި މަޝްވަރާ ލިބި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މި އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާ އިރު، ވިޔަފާރީގެ ހުރިހާ ސިނާއަތެއް ހިއްސާވާގޮތަށް 50 އަށް ވުރެ ގިނަ ވިޔަފާރި އެގްޒިބިޓް ކުރާނެއެވެ. އެހެންކަމުން މި އެކްސްޕޯ ވެގެންދާނީ ވިޔަފާރީގެ އާ ހިޔާލުތައްވެސް އުފެދިގެންދާނެ އެކްސްޕޯ އަކަށް ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.

މިއަހަރުގެ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.