މުހައްމަދު ޖަމްޝަތް ވަހީދު
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ބިޒްނަސް ނެޓްވޯކިން އަދި ޓްރޭޑް ޝޯއެކެވެ. މި އެކްސްޕޯ ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މިއަހަރުގެ ބިޒްނަސް އެކްސްޕޯ ކުރިއަށްގެންދަން ރާވާފައިވަނީ އަންނަ އޮކްޓޯބަރު 4 އިން 5 އަކަށް ދަރުބާރުގޭގައެވެ. މި އެކްސްޕޯގެ ތެރެއިން ވިޔަފާރިތަކަށާއި މި ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކަށް ކޯޕަރޭޓް މޯލްޑިވްސް "ނެޓްވޯކް" މެދުވެރިކޮށް ބައްދަލުވުންތައް ޝެޑިއުލްކޮށް ބާއްވާނެއެވެ. މިއީ އޮންލައިން ބީޓުބީ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކަށް އެމީހުން ބޭނުންވާ އޯޑިއަންސާ ދިމާވާނެކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ.
މިހިމަނައިލަނީ ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯގައި ވިޔަފާރިތައް ބައިވެރިކުރަންވީ ފަސް ސަބަބެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ ވެގެންދާނީ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިތަކާއި އެހެން ދާއިރާތަކުގެ ވިޔަފާރިތައްވެސް އެއްތަނަކަށް އަންނާނެ ބޮޑު ހަރަކާތަކަށެވެ. އެހެންކަމުން މި އެކްސްޕޯ ވެގެންދާނީ ގިނަ ވިޔަފާރިތަކަކަށާއި، ޕާޓްނަރުންނަށާއި ސަޕްލަޔަރުންނަށް އެއްތަނަކުން ބައްދަލުކޮށްލުމުގެ ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން މިއީ ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވި އާ ޕާޓްނަރުންނާއި ބައްދަލުކޮށްލެވޭނެ ޕްލެޓްފޯމަކަށް ވެގެންދާނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިތަކަށް އެކްސްޕޯ ކުރިއަށްދާ ދެ ދުވަސްތެރޭގައި 3000 އާއި ގާތްކުރާ އަދަދަކަށް ޕްރީ-ޝެޑިއުލް ބައްދަލުވުންތައް ސެޓްކޮށްލެވޭނެއެވެ. އަދި މި ބައްދަލުވުންތައް ބޭއްވޭ އޯޑިއަންސަކީ އެންމެ ރަނގަޅު އޯޑިއަންސްކަމުގެ ޔަގީންކަން ވިޔަފާރިތަކަށް ލިބޭނެއެވެ. "ނެޓްވޯކް" ޕްލެޓްފޯމް ފަރުމާކޮށްފައިވާގޮތުން ވިޔަފާރިތަކުގެ ޕްރޮފައިލް ބަލައިލުމުގެ އިތުރުން ވީޑިއޯ ކޯލްވެސް ކުރެވޭނެއެވެ. މި އެކްސްޕޯ ވެގެންދާނީ ހުރިހައި ދާއިރާއެއްގައި ކުރިއަރާފައިވާ ވިޔަފާރިތަކަށް ސީދާކޮށް ވާހަކަދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެކްސްޕޯއަކަށެވެ. މީގެ މާނައަކީ ވިޔަފާރި ފުޅާކޮށް އެހެން މީހުންނަށް ވިޔަފާރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިއީ އެންމެ ރަނގަޅު ޕްލެޓްފޯމްކަމެވެ.
ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯގައި ބައިވެރިވާ ހުރިހާ ކުންފުނިތަކަކަށްވެސް ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ޕީއާރް އެހީތެރިކަން އެއް އަހަރު ދުވަހަށް ލިބިގެންދާނެއެވެ. މީގެތެރޭގައި ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓާއި، ސޯޝަލް މީޑިއާގައި އެ ވިޔަފާރިތަކުގެ މައުލޫމާތު ހިމެނިގެންދާނެއެވެ. ކޯޕަރޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި އެންމެ ފުޅާދާއިރާއެއްގައި ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންކަމުން ކޯޕަރޭޓް މޯލްޑިވްސްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އެ ކުންފުންޏަކާ ގުޅޭ މައުލޫމާތު ހިމެނުމަކީ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު 3 ސަމިޓެއް ބާއްވާނެއެވެ. އެއީ މޯލްޑިވްސް ވިމަންސް ސަމިޓް، މޯލްޑިވްސް އެންޓަޕްރިނިއާސް ސަމިޓް, އަދި މޯލްޑިވްސް މާކެޓާސް ޕޯރަމްއެވެ. މި 3 ސަމިޓްގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކުން އެމީހުންގެ ތަޖުރިބާ ހިއްސާކުރާނެއެވެ. އެހެންކަމުން މި ފަރާތްތަކުގެ ވާހަކައިން ވިޔަފާރިތަކަށް ތަފާތު ހިޔާލުތަކާއި ތަޖުރިބާތައް ލިބިގެންދާނެއެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯއިން ވިޔަފާރިތަކަށް އެމީހުންގެ އާ އުފެއްދުންތައް ތައާރަފު ކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އެހެންކަމުން މި އެކްސްޕޯގެ ތެރެެއިން ވިޔަފާރިތަކުން އެމީހުންގެ އުފެއްދުންތައް ތައާރަފުކުރުމަކި މި އުފެއްދުންތައް ގިނަ މީހުންނާ ހަމައަށް ވާސިލުވާނެކަމެކެވެ. ސަބަބަކީ މި އެކްސްޕޯއަކީ ގިނަ އަދަދެއްގެ ވިޔަފާރިތައް އެއްތަނަށް އަންނާނެ ބައިނަލްއަގުވާމީ ބޮޑު ހަރަކާތަކަށް ވުމެވެ.
މި އަހަރުގެ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާ އިރު، ވިޔަފާރީގެ ހުރިހާ ސިނާއަތެއް ހިއްސާވާގޮތަށް 100 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވާނެއެވެ. ދާއިރާގެ 3000 އަށްވުރެ ގިނަ ތަޖުރިބާކާރުން ޒިޔާރަތްކުރާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. އެހެންކަމުން މި އެކްސްޕޯ ވެގެންދާނީ ވިޔަފާރީގެ އާ ހިޔާލުތައްވެސް އުފެދިގެންދާނެ އެކްސްޕޯއަކަށް ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.
ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2022 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، https://network.corporatemaldives.com ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ [email protected] އަށް އީމެއިލް ކޮށްގެން މައުލޫމާތު ހޯދޭނެ އެވެ.