އަލީ ޔާމިން
ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބިޒްނަސް އެކްސްޕޯއަކީ،އޯކާ މީޑިޔާ ގުރޫޕުން އިންތިޒާމުކޮށްގެން، ދެ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ. ބިޒްނަސް އެކްސްޕޯ ނިންމާލައިފައިވަނީ ރޭގައެވެ.
ބިޒްނަސް އެކްސްޕޯ އިންތިޒާމުކުރި އޯކާ މީޑިއާ ގުރޫޕުގެ މެނޭޖަރު އަހްމަދު ނާސިރު "ވަން"އަށް ވިދާޅުވީ، ބިޒްނަސް އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"އުންމީދު ކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް އެކްސްޕޯއަށް ލިބުނު. ގިނަ އަދަދެއްގެ ވިޔަފާރިތައް އެކްސްޕޯގައި ބައިވެރިވެ، ވިޔަފާރިއާ ގުޅުންހުރި ސަމިޓްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި." ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ، އެކްސްޕޯއަށް ގާތްގަނޑަކަށް 3،000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ ބިޒްނަސް އެކްސްޕޯގައި 60 އަށްވުރެ އެގްޒިބިޓަރުން ބައިވެރިވާއިރު، ވިޔަފާރިއާ ގުޅުންހުރި ހަތަރު ސަމިޓެއް އެކްސްޕޯގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓަކާއި، އަންހެނުންނަށް ހާއްސަ ސަމިޓެއްގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓަކާއި މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.
އޯކާ މީޑިއާ ގްރޫޕުން ބުނީ އަންނަ އަހަރުވެސް ބިޒްނަސް އެކްސްޕޯ ބާއްވަން ނިންމާފައިވާ ކަމަށެވެ.