ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ އިން ދިހަ ކުޅުންތެރިންނާއެކު އީގަލްސް ހިފަހައްޓައިފި

އަލީ ރިފްޝާން

ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދިހަ ކުޅުންތެރިންނާއެކު ކްލަބު އީގަލްސް ހިފަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ދަ ގްރާންޑޭ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޓޯސޫ ކްރިސްޓިއަން ޑޯޑްޒީ ދިން ބޯޅައަކުން ދަ ގްރާންޑޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ދަ ގްރާންޑޭ އިން ލީޑު ހޯދިތާ އަށް މިނެޓު ތެރޭ އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ދަ ގްރާންޑޭ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ހިސާމް ސަލީމް (ކޮކީ) ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަހްމަދު އިމާޒް (އާއްކޮ) ފޮނުވާލި ހިލޭ ޖެހުން އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން އީގަލްސްއަށް ވެސް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ މުހައްމަދު ނާއިމް ފޮނުވާލި އެ ހަމަލާ، ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި އަހްމަދު ހަސަނަށް ދެއްކި ރަތް ކާޑާ ގުޅިގެން ދަ ގްރާންޑޭއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް، އީގަލްސްގެ ކުޅުންތެރިޔަކަށް ހަމަލާ ދިނުމުންނެވެ.

ދިހަ ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ފުރިހަމަކުރަން ޖެހުނު ނަމަވެސް، ދަ ގްރާންޑޭ އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށް، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މުލަކޭ ނަގައިދިން ހިލޭ ޖެހުމަކުން ދަ ގްރާންޑޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޓޯސޫ ކްރިސްޓިއަން ޑޯޑްޒީއެވެ.

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އަދި ދަ ގްރާންޑޭއަށް ވެސް ކުޅުނު އަށް މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. އީގަލްސް ތިންވަނައިގައި އޮތް އިރު، ދަ ގްރާންޑޭ އޮތީ ހަތަރުވަނައިގައެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.