އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވާ "މޯލްޑިވްސް ވިމެން އެންޓްރެޕްރެނާސް ސަމިޓް" ނުވަތަ ދިވެހި އަންހެން ވިޔަފާރިވެރިންގެ ސަމިޓުގައި، ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ނަން ވިދާލާ އަންހެން ބޭފުޅުން ބައިވެރިވާނެއެވެ.
އަންހެން ވިޔަފާރިވެރިންގެ ސަމިޓަކީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019ގެ ތެރެއިން ކުރިއަށްގެންދާ ސަމިޓެކެވެ. އެ ސަމިޓުގައި ބައިވެރިވާ އަންހެން ބޭފުޅުން، އެބޭފުޅުންގެ ކާމިޔާބީގެ ވާހަކަތަކާއި ތަޖުރިބާތައް ހިއްސާ ކުރާނެ ކަމަށް ސަމިޓް އިންތިޒާމު ކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. މިއަހަރުގެ ސަމިޓުގެ ތީމަކީ "އީކުއަލިޓީ ބިގިންސް ވިތު އިކޮނޮމިކް އެމްޕަވަމަންޓް" ނުވަތަ "ހަމަހަމަކަން ފެށިގެން އަންނަނީ އިގުތިސާދީ ބާރުވެރިކަމާއެކު" މިއެވެ.
މިފަހަރުގެ ސަމިޓުގައި ވަން މީޑިއާގެ ޗެއާޕާސަން، އަދި ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ، މިންހާ ފާއިޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިންހާގެ އިތުރުން ސަމިޓުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު، ރަފީގެ ރައީސާ އައިޝަތު ރަފިއްޔާ އާއި މޫދު ބުޅާ ޑައިވް ސެންޓަރުގެ ވެރިޔާ ޒޫނާ ނަސީމާއި ސަން ޝިޔާމް ރިސޯޓްސްގެ ޑިރެކްޓަރ އޮފް ޕްލޭނިން، އައިޝަތު ޝިމާނީއާއި ރާއިދާ މޯލްޑިވްސްގެ ފައުންޑަރ އަދި ފެޝަން ޑިޒައިނަރު ރާއިދާ އިސްލާއީލް ވެސް ހިމެނެއެވެ.
ސަމިޓުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި އެ އަންހެން ބޭފުޅުން، އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރާނެއެވެ. އެ ޕެނަލް މޮޑަރޭޓް ކުރައްވާނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރ އިބްރާހީމް ނަސްރީންއެވެ.
އެ ސަމިޓް ފައްޓަވައިދެއްވުމުގެ ގޮތުން ތަގުރީރު ކުރައްވާނީ ރާއްޖެއިން ސްވިޑެންއަށް ކަނޑައަޅުއްވާފައިވާ އޮނަރަރީ ކޮންސިއުލް، އަދި ޕީއެސްއެމް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަަމައެކަނި އަންހެން މެމްބަރު މަރިޔަމް ވަހީދާއެވެ.
އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ދަރުބާރުގޭގައި ކުރިއަށްދާ ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގައި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް، އިތުރު ފުރުސަތުތަކެއް ހޯދަން ހުޅުވިގެންދާ ދޮރެކެވެ.
އެ އެކްސްޕޯގައި ބައިވެރިވުމަށް 100 އެގްޒިބިޓަރުން ރަޖިސްޓްރީ ކޮށްފައިވާ އިރު، 1200 މީހުން އެކްސްޕޯއަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.
އެ އެކްސްޕޯގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.