ދިވެހި ޕްރިމިއާ ލީގު

ފޯކައިދޫން ޓީސީ ހިފަހައްޓައިފި

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފޯކައިދޫ ފުޓްބޯލް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ފޯކައިދޫ އާއި ޓީސީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ފޯކައިދޫން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މުހައްމަދު ޖައިލަމަށް ލިބުނު ފުރުސަތަކާއި މެޗުގެ 15 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޖައިލަމަށް ލިބުނު ފުރުސަތުގައި އޭނާ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ހަމަލާއެއް ފޮނުވާލުމުގެ ކުރިން ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް އާދަމް ކުރިއަށް ނުކުމެ ބޯޅަ ހޯދި އިރު، ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެޑިކް ފޮނުވާލި ހަމަލާ ދިޔައީ ޓީސީ ގޯލު ކުރިމަތިން ބޭރަށެވެ.

ފޯކައިދޫން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 35 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އިބްރާހިމް އަތީގް ހަސަން ނަގައިދިން ކޯނަރަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމްއެވެ. ފޯކައިދޫ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ މުހައްމަދު ކަރަމްގެ ގައިގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ފަހުން ޓީސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޓީސީގެ ނޭޕާލް ފޯވަޑް ބިމާލް ގާތީ މަގަރް ފޮނުވާލި ހަމަލާ، ފޯކައިދޫގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ފޯކައިދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓީސީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖައިލަމް ދިން ރީތި ބޯޅައަކުން ފޯކައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެޑިކްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ޓީސީގެ ކީޕަރު ނަދީމް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ޓީސީއަށް އަލުން ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ސާމިރު ފޮނުވާލި ހަމަލާ، ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.

އެ ނަތީޖާއާއެކު ކުޅުނު އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޓީސީ ވަނީ ހަތަރުވަނައަށް ޖެހިލައިފައެވެ. ތިންވަނައިގައި އޮތް ކްލަބު އީގަލްސް އާއި ފަސްވަނައަށް ވެއްޓުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޓީސީން އަށް މެޗު ކުޅުނު ނަމަވެސް، އީގަލްސް އާއި ދަ ގްރާންޑޭ އިން ލީގުގައި ކުޅެފައިވަނީ ހަތް މެޗެވެ. ޓީސީއާ ދެކޮޅަށް ރޭ ނުކުތް ފޯކައިދޫ އޮތީ ކުޅުނު އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއަށް އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ނިލަންދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.