އެމްޑީޕީ

އެމްޑީޕީގެ ދާއިރާތަކުގެ "ބައި އިލެކްޝަން" އަންނަ މަހު 18ގައި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު އަންނަ މަހު 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން ހުޅުވާލާފައިވަނީ އެ ޕާޓީގެ 44 ދާއިރާއެއްގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވުމަށެވެ.

އެ އިއުލާނުގައިވާ ގޮތުން މެމްބަރުން ހޮވުމަށް ހަމަޖައްސާފައިވަނީ ފަސް ދާއިރާއެއްގެ ރައީސްގެ މަގާމަށާއި، ހަތަރު ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމަށާއި، 27 ދާއިރާއެއްގެ ސެކްރެޓަރީގެ މަގާމަށާއި، 28 ދާއިރާއެއްގެ ސެކްރެޓަރީގެ ނާއިބުގެ މަގާމުގެ އިތުރުން 36 ދާއިރާއެއްގެ މައުލޫމާތާއި އިސްތިހާރާއި އާންމު އެންގުންތަކާ ބެހޭ ސެކްރެޓަރީގެ މަގާމަށެވެ.

އެގޮތުން މަގާމުތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަގާމަކަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު އެ ޕާޓީގެ ސެކްރެޓޭރިއޭޓަށް ނުވަތަ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީގެ އީމެއިލްއަށް މިއަންނަ ބުރާސްފައި ދުވަހުގެ 14:00ގެ ކުރިން ފޮނުވަން ޖެހޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މަގާމުތަކަށް ކުރިމަތިލާއިރު ތާއީދު ފޯމު ހުށަހަޅާނީ 50 މެމްބަރުންގެ ސޮޔާއެކު ދާއިރާ ރައީސް މަގާމަށް ކުރިމަތިލާ ނަމަ އެކަނި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ޕާޓީގެ ސެކްރެޓޭރިއޭޓުންނާއި ވެބްސައިޓުން ލިބޭނެ ކަމަށާއި މަގާމުތަކަށް ކުރިމަތިލެވޭނީ އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ މިއަންނަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ޕާޓީ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.