ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބު ކުޅުނު ހަ މެޗަށް ފަހު، ފުރަތަމަ ފަހަރަށް އެޓީމު މެޗަކުން މޮޅުވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ނިލަންދޫ އިން ވަނީ ފޯކައިދޫ ފުޓްބޯލް ކްލަބު އަތުން 3-2ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އެ މެޗު ފެށިތާ އަށް މިނެޓު ތެރޭ ނިލަންދުއަށް ބިދޭސީ ކުޅުންތެރިޔާ އަޑޮކޫ ކުވެކޫ ލޫކަސް ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހި ލަނޑުތަކުން ފޯކައިދޫން ވަނީ ފަހަތުން އަރައި ލީޑު ހޯދައިފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ފޯކައިދޫގެ ފުރަތަމަ ލަނޑު ޔޫސުފް ޖުނައިދު ޒާހިރު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ.
ނިލަންދޫން ތިން ޕޮއިންޓް ހޯދީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ނިލަންދުއަށް ބިދޭސީ ކުޅުންތެރިޔާ ޓޮޝިކީ އޮކަމޮޓޯ ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ތިން ޕޮއިންޓް ކަށަވަރުވި ލަނޑު ކާމިޔާބުކޮށްދިނީ އަކްރަމް އިސްމާއީލެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ތާވަލުގެ ފުލުހުގައި އޮތް ނިލަންދޫން ވަނީ އެ މޮޅާއެކު އަށްވަނައަށް ޖެހިލައިފައެވެ. ނިލަންދުއަށް ހަތް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، މިހާރު ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބު ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފައެވެ. ނިލަންދޫ އަތުން މިއަދު ބަލިވި ފޯކައިދޫ އޮތީ ކުޅުނު ހަތް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސް އަދި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ވެސް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.