ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ ބަލިކޮށް، މާޒިޔާ އިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފި

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ދަ ގްރާންޑޭ އަތުން މާޒިޔާ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. ދަ ގްރާންޑޭއަކީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މާޒިޔާގެ ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި މާޒިޔާއިން ޖެހި ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 59 ވަނަ މިނެޓުގައި މާޒިޔާއަށް ފޭދޫ އިއްބެ ލީޑު ހޯދައިދިން އިރު، އޭގެ ދިހަ މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ އަމްދާން އަލީ (އެންޑީ) އެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް އަށް މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސް އަދި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ވެސް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00ގައި ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ފޯކައިދޫ ފުޓްބޯލް ކްލަބު ނުކުންނަ އިރު، މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.