އަލީ ރިފްޝާން
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އިން ބޮޑު ލީޑެއް ހޯދާފައި ވަނިކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން އެއްވަރުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކްލަބު އީގަލްސް އާއި ޔޫވީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އީގަލްސްއަށް މެޗުގެ 17 ވަނަ މިނެޓުގައި އަހްމަދު ރިޒުވާން (ރިޒޭ) ލީޑު ހޯދައިދިން އިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރިޒޭއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔޫވީން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ޔޫވީން ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ސިލިޗް ކީރްލޯ ޔޫވީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ 58 ވަނަ މިނެޓުގައި ޔޫވީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ސިލިޗް ކީރްލޯއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި މުހައްމަދު ނާއިމް، އީގަލްސްއަށް އަލުން ލީޑު ފުޅާކޮށްދިން ނަމަވެސް، މެޗު ނިމުމުގެ ކުރިން ޔޫވީން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ޔޫވީން ޖެހި އެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މިރާހް މުހައްމަދެވެ.
އެ ނަތީޖާއާއެކު އީގަލްސް ވަނީ ކުޅުނު ހަތް މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ތިންވަނައަށް ވެއްޓުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ގޯލުގެ ތަފާތުން އީގަލްސް ކުރީގައި އޮތް ނަމަވެސް، ދަ ގްރާންޑޭއަށް ފައިދާ އެއް މެޗު އެބައޮތެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެޓީމަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.