ބޭންކް އޮފް މޯލްޑިވްސް

ކެލާ އާއި ބާރަށުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބީއެމްއެލް އިން ހއ. ކެލާ އަދި ބާރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމުކޮށްފިއެވެ.

ބީއެމްއެލްއިން މައުލޫމާތުދިން ގޮތުގައި މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ހިދުމަތާއެކު، ހއ. ގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭ ރަށްތަކުގެ އަދަދު ފަހަކަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ކެލައާއި ބާރަށުގެ އިތުރުން އެ ބޭންކުން އަންނަނީ ހޯރަފުށި، އިހަވަންދޫ އަދި ދިއްދޫގައި ގާއިމްކޮށްފައިވާ އެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ.

ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގުބޫލުކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި, ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ބޭންކިންގ ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ޓިމް ވިދާޅުވިއެވެ. އަދި ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސާވިސް ބޭންކިން ސެންޓަރު، 113 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.