އަލީ ރިފްޝާން
ހޮސްޕިޓަލެއްގެ ތެރޭގައި ބަޑި ޖެހުމުން ބާސެލޯނާގެ ތުރުކީ މިޑްފީލްޑަރު އާޑާ ތުރާން ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
ލޯނުގެ ދަށުން ތަރުކީގެ އިސްތަންބޫލް ބަސަކްސެހިރްއަށް ކުޅެމުން އަންނަ ތުރާން އާއި ތުރުކީގެ ލަވަކިޔުންތެރިޔާ ބްރެކޭ ސަހިންއާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޯބަރު ދިހަވަނަ ދުވަހު ވަނީ ހަމަނުޖެހުމެއް ހިނގައިފައެވެ. އެ ހަމަނުޖެހުމުގައި ސަހިންގެ ނޭފަތް ފަޅައިގެންގޮސްފައި ވެއެވެ. ފަހުން ބަޑިއެއް ހިފައިގެން ތުރާން ހޮސްޕިޓަލަށް ގޮސް، ބިރު ދެއްކުމުގެ ގޮތުން ވަނީ ބަޑި ޖަހައިފައެވެ. ނަމަވެސް އޭނާ ބަޑި ޖަހާފައިވަނީ މީހަކާ އަމާޒުނުވާ ގޮތަށް ބިންމައްޗަށެވެ.
އެ ހާދިސާއާ ގުޅިގެން ތުއާންއަށް ވަނީ ބެރްކޭ ސަހިންގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ދައުވާ އާއި ހުއްދަ ދީފައި ނުވާ ހަތިޔާރެއް ބޭނުންކުރުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ދައުވާ އަދި ބަޑި ޖެހި ކަމުގެ ދައުވާ ކޮށްފައެވެ.
ތުރާންއަށް ކޯޓުން ކުރި ހުކުމާ ގުޅިގެން އޭނާ ކުޅެމުން އަންނަ ބަސަކްސެހިރުން ވަނީ އޭނާއަށް ފިޔަވަޅު އަޅައިފައެވެ. އިއްޔެ ކޯޓުން ކުރި ހުކުމަށް ފަހު، ބަސަކްސެހިރުން އުމުރުން 32 އަހަރުގެ މިޑްފީލްޑަރު ތުރާން ޖޫރިމަނާކޮށްފައިވަނީ 350،648 ޕައުންޑުންނެވެ.
ސަހިންގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ދައުވާ އިން ތުރާން ސަލާމަތްވި ނަމަވެސް، ހުއްދަ ދީފައި ނުވާ ހަތިޔާރެއް ބޭނުންކުރުމުގެ ދައުވާ އާއި ބިރު ދެއްކުމަށް ބަޑި ޖަހި ކަމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި ދެ އަހަރާއި އަށް މަހާއި 15 ދުވަހަށް ތުރާން ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ތުރާންއަށް ޖަލު ހުކުމެއް އައި ނަމަވެސް، އޭނާއަށް އެންމެ ދުވަހެއް ވެސް ޖަލުގައި ހޭދަނުކޮށް ސަލާމަތްވެވެން އެބަ އޮތެވެ. ނަމަވެސް އޭނާއަށް ޖަލުގައި ހޭދަނުކޮށް ސަލާމަތްވެވޭނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު ގާނޫނީ ކުށެއް ނުކުރާ ނަމައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އިތުރު ގާނޫނީ ކުށެއް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެ ކުރާ ކުށެއްގެ ސަބަބުން އަންނަ ހުކުމާއެކު އިއްޔެ ކުރި ޖަލު ހުކުމުގެ މުއްދަތު ވެސް އޭނާ ތަންފީޒުކުރަން ޖެހޭނެއެވެ.
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު ބާސާއާ ތުރާން ގުޅުނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް ތުރާންއަށް ބާސާގައި ފުރުސަތުތަކެއް ލިބިފައި ނުވުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ލޯނުގެ ދަށުން އޭނާ ކުޅެމުން އަންނަނީ ބަސަކްސެހިރަށެވެ.