ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 6

އަބްދުﷲ ފާރޫގް ހަސަން

އަމަންއަމާންކަމާއި ދިފާޢުގެ ގުޅިފައިވާ ޒިންމާތައް

37. އެއްވެސް މީހަކު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ އިޒުނަފުޅަކާ ނުލައެއް ހަނގުރާމަޔަކަށް ނުނިކުންނާނެތެވެ. (އެބަހީ: މުއާހަދާގެ އެއްވެސް ބައިވެރިޔަކު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ އަމުރުފުޅާނުލައި ހަނގުރާމަ ކުރާ ކަށެއް ނުވަތަ ހަނގުރާމަޔަށް ނުކުންނާކަށެއް ހުއްދަވެގެންނެއްނުވެއެވެ.)

.38 ޒަޚަމުވެފައިވާ މީހެއްގެ ބަދަލުހިފުމަކަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. ލޭއޮހޮރުވައިފި މީހެއްގެ ޒިންމާ އުފުލާނީ އޭނާ ނުވަތަ އޭނާގެ އާއިލާއެވެ. މިއާ ޚިލާފަށް އަނިޔާލިބުނު މީހާއާއެކު މާތްﷲ ވޮޑިގެންވާނެތެވެ.

.39 ޔަހޫދީންގެ ޚަރަދުތަކުގެ ޒިންމާ އުފުލާނީ ޔަހޫދީންނެވެ. މުސްލިމުންވާނީ އެބައިމީހުންގެ ޚަރަދުތަކުގެ ޒިންމާދާރުންކަމުގައެވެ.

.40 މި މުއާހަދާގެ ބައިވެރިޔަކާ ދެކޮޅަށް އެއްވެސް ބަޔަކު ހަނގުރާމަ ކުރާނަމަ މުއާހަދާގެ ހުރިހާ ބައިވެރީން (ޔަހޫދީންނާއި މުސްލިމުން) އެއްބަޔަކު އަނެއްބަޔަކަށް މަދަދުކުރާނެތެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޚްލާސްތެރިވެ ހެޔޮއެދޭނެތެވެ. ދެބައިމީހުންގެ މެދުގައި މަޝްވަރާ ކުރާނެތެވެ. ދެބައިމީހުންގެ ވެސް ޝިޢާރަކަށްވާނީ ވަފާތެރިކަމެވެ. އަހްދާ ޚިލާފުވުމެއްނޫނެވެ.

41. އެއްވެސް މީހެއްގެ ޙަލީފަކު ކުރާ ނުބައި އަމަލަކާމެދު އެމީހަކު ޒިންމާ ކުރުވުމެއްނޯންނާނެއެވެ. އަދި އަނިޔާލިބޭ މީހާއަށް ހުރިހާ ހާލަތެއްގައި ވެސް މަދަދާއި އެހީތެރިކަން ދެވޭނެތެވެ.

42. ޔަހޫދީން މުއުމިނުންނާއެކު ހަނގުރާމައިގައި ބައިވެރިވާހައި ހިނދަކު އެމީހުންގެ ހަނގުރާމައިގެ ޚަރަދުތައް އަމިއްލަޔަށް އަދާކުރަމުންގެންދާނެތެވެ.
މަދީނާއަކީ ޙުރުމަތްތެރިވެގެންވާ ޙަރަމެކެވެ.

43. ޔަޘްރިބުގެ މައިދާނަކީ (އެބަހީ: އުތުރާއި ދެކުނުން ޘައުރުފަރުބަދަޔާއި އީރުފަރުބަދަޔާއި، އިރުމައްޗާއި ހުޅަނގުން ދެހިއްރާގެ ދެމެދުގައިވާ މައިދާނަކީ) މިއަހްދުނާމާގައި ބައިވެރިވާ އެންމެންގެ ގާތުގައި ވެސް މުޤައްދަސް އަދި ހުރުމަތްތެރި މައިދާނެކެވެ.

44. ހިމާޔަތް ލިބޭމީހުންނާމެދުވެސް މުޢާމަލާ ކުރެވޭނީ ޙިމާޔަތްދޭ މީހުންނެކޭ އެއްފަދައިންނެވެ. އެމީހުނަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުދެވޭނެތެވެ. އަދި ޚުދު އެބައިމީހުންވެސް އަހްދާ ޚިލާފެއް ނުވާނެތެވެ.

45. އެއްވެސް އަންހެނަކަށް އެކަނބުލޭގެ އަހްލުވެރީންގެ އިޒުނަޔާ ލައިގެންމެނުވީ ހިމާޔަތެއް ނުދެވޭނެތެވެ.

46. މިމުއާހަދާގެ ބައިވެރީންގެ ތެރޭގައި އައުމައްސަލައެއް އުފެދިއްޖެނަމަ ނުވަތަ އެކަމަކުން ފަސާދައެއް އުފެދުމުގެ އެކަށޭނަކަން އޮތް އެއްވެސް މުއާމަލާއެއް ނުވަތަ ދެބަސްވުމެއް އުފެދިއްޖެނަމަ އެކަމެއް ހުށަހެޅޭނީ މާތްﷲގެ ޙަޟުރަތަށާއި މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށެވެ. މި ސަޙީފާ ނުވަތަ އަހްދުނާމާގައި ލިޔެފައިވާ އެންމެހައި ކަންތައްތަކަކީ މާތްﷲ ރުހިވޮޑިގެންވާ ކަންތައްތަކެވެ. އެކަންކަމަށް ކިޔަމަންތެރިވެ އަމަލުކުރާނީ ވީހާވެސް ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައެވެ.

47. ޤުރައިޝަކަށް ނުވަތަ ޤުރައިޝުންނަށް އެހީތެރިވާ މީހަކަށް ޙިމާޔަތެއް ނުދެވޭނެތެވެ.

48. އެއްވެސްބަޔަކު ޔަޘްރިބަށް ހަމަލަދީފިނަމަ މި މުއާހަދާގެ ބައިވެރީން ކަމުގައިވާ މުސްލިމުންނާއި ޔަހޫދީން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން ލާޒިމުވާނެތެވެ.

އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ދީނީ ހަނގުރާމަތައް

49. ސުލްހަވުމަށާއި ސުލްޙައިގައި ބައިވެރިވުމަށް ޔަހޫދީންނަށް ގޮވައިލެވިއްޖެނަމަ ޔަހޫދީން އެކަން ޤަބޫލުކުރާނެތެވެ. ޔަހޫދީން ބަޔަކުނާ ސުލްޙަވެ މުސްލިމުންނަށް އެސުލްޙައިގައި ބައިވެރިވުމުގެ ދައުވަތު ދީފިނަމަ އެކަން ޤަބޫލުކުރުން މުސްލިމުންނަށް ލާޒިމުވާނެތެވެ. ދީނީ ހަނގުރާމައެއް ކަމުގައި ނުވާހައި ހިނދަކުއެވެ. (ދީނަށްޓަކައި ކުރެވޭ ހަނގުރާމައެއްގައި އަނެއްފަރާތަކާ ބައިވެރިވުން ދެބައިމީހުންކުރެ އެއްބައެއްގެ މައްޗަކަށް ވެސް ލާޒިމެއް ނުވާނެތެވެ.)

50. (މަދީނާޔަށް) ހަމަލަދެވުނު ފަރާތެއްގައި ތިބިބަޔަކަށް އެފަރާތެއް ދިފާއުކުރުން ލާޒިމުވާނެތެވެ.

51. އައުސުވަންހައިގެ ޔަހޫދީންނަށް އެމީހުންނަކީ ޤަބީލާގެ މީހުންކަމުގައިވިޔަސް އެމީހުންގެ މަވާލީން ކަމުގައި ވިޔަސް އެމީހުންނަށް މި މުއާހަދާ ޤަބޫލުކުރާ މީހުންގެ ހައްގުތައް ލިބިގެންވާ ނެތެވެ.

52. އަނިޔާވެރީންނާއި ކުށްވެރީން މި މުއާހަދާގައި ޝާމިލުވެގެންނެއް ނުވެއެވެ. ހަނގުރާމަޔަށް ނުކުތް މީހުންކަމުގައިވިޔަސް ނުނިކުމެ ގޭގައިތިބިމީހުން ކަމުގައި ވިޔަސްވެހެވެ.

53. މި އަހްދުނަމާއަށް ވަފާތެރިވެ ރައްކާތެރިވާމީހުން ހިމާޔަތްކޮށްދެއްވައި ރައްކާތެރިކުރައްވާހުށީ އަރަހުށި މާތްﷲ އެވެ. އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ވެސް އެމީހުން ހިމާޔަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވާހުއްޓެވެ.

* * * * * * * * * * *

މި މުއާހަދާ ނުވަތަ ޞަޙީފާއާ ބެހޭގޮތުން މުސްލިމުންގެ ނަންހުރި މުފައްކިރު ޑޮކްޓަރ ހަމީދުﷲ ވިދާޅުވާގޮތުގައި މި ސަޙީފާއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ލިޔެވުނު ދުސްތޫރެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާގެ ވަޒަންވެރީންގެ މެދުގައި ޤާއިމުކުރެއްވި އެއްބާރުލުމާއި އެއްބައިވުމުގެ މުއާހަދާގެ އަސާސީ މަޤްސަދާއި، އެދުސްތޫރުގެ އޮނިގަނޑު ކުރީއްސުރެ އެކަށައަޅުއްވައި ފަރުމާކުރައްވައިފައި އޮތްކަމުގައިވިޔަސް އެދުސްތޫރު އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައިވާ ގޮތަށް ފުރޭފުވުމުގައި ދުވަސްތަކަކާއި ވަގުތުތަކެއް ވޭތުވެފައިވާ ކަމުގައި ބެލެވެއެވެ.

މި މުއާހަދާގެ މާއްދާތަކާމެދު ވިސްނައިލުމުން އެނގެނީ ބައެއްކަންކަން ތަކުރާރުވެފައިވާ ކަމެވެ.

ތަފާތު ޤަބީލާތަކާއި ވިލިތަކާ ވަކިވަކިން ވާހަކަ ދެކެވި އެންމެންނަށް ވެސް ޤަބޫލުކުރެވޭފަދަ ގޮތަކަށް މާއްދާތައް ބައްޓަންކުރަން އެކިފަހަރުމަތިން މަސައްކަތްކުރެވިފައިވާ ކަމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ:

1. ފަންސަވީސްވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުން ޔަހޫދީން މުސްލިމުންނާއެކު ހަނގުރާމަ ކުރާނަމަ އެމީހުންގެ ޚަރަދުތައް ބަރުދާސްތުކުރާން ޖެހޭނީ އަމިއްލަޔަށެވެ. ނަމަވެސް ތިރީސްނުވަ ވަނަ މާއްދާގައިވެސް ވަނީއެވާހަކަ ތަކުރާރުވެފައެވެ. މިއީ ސަބަބެއްނެތި އިއްތިފާގުންވެފައިވާ ކަމެއް ކަމެއް ކަމަކަށެއްނުބެލެވެއެވެ.

2. ޔަހޫދީންގެ ޤަބީލާތަކާއި އެޤަބީލާތަކުގެ ގޮފިތަކުގެ ޙައްޤުތަކުގެ ވާހަކަ ސައްބީސްވަނަ މާއްދާއިން ފެށިގެން ތިރީސްހަވަނަ މާއްދާއާ ހަމަޔަށްވަނީ ބަޔާންކުރެވިފައެވެ. ނަމަވެސް ފަންސާސް އެއްވަނަ މާއްދާގައި ވެސް ހަމަ އެވާހަކަ އެވަނީ ގެންނަވައިފައެވެ.

3. މުއާހަދާގެ ބައިވެރީންގެ މެދުގައި ޚިލާފެއްއުފެދިއްޖެނަމަ އަމަލުކުރާނެގޮތް ސައުވީސްވަނަ މާއްދާގައި ބަޔާންވެފައި އޮތުމާއެކުވެސް ޚިލާފެއް ނުވަތަ ދެބަސްވުމެއް އުފެދިއްޖެނަމަ އެކަން ހުށަހެޅޭނީ މާތްﷲގެ ޙަޟުރަތަށާއި އެކަލާނގެ ރަސޫލާގެ އަރިހަށްކަމަށް ސާޅީސް ހަވަނަ މާއްދާގައި ވެސްވަނީ ބަޔާންކޮށްފައެވެ.

4. މިދުސްތޫރާބެހޭގޮތުން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރާން ޖެހެނީ ކޮންމެ ޖަމާއަތެއްގެވެސް ޖާއިޒު ހައްޤުތައް ޙިމާޔަތް ކޮށްދިނުމުގައި މިދުސްތޫރުގައި އެއްވެސް ހިފެހެއްޓުމެއްނެތްކަމެވެ. ގުޅިގެން މަސައްކަތްކުރެވޭނެގޮތުގެ ރީތި ހަމަތަކެއް އުފެއްދިފައިވާކަމެކެވެ. ޔަހޫދީން އެބައިމީހުންގެ ފިތުރީއާދައިގެ މަތީން އަހްދު އުވައިލުމަށާއި ނުބައި މުއާމަލާތަކަށް އަތްފައި ހޫރަން ދާދި އަވަހަށް ފަށައިގަތްކަމުގައި ވިޔަސްވެހެވެ. ނަމަވެސް މުސްލިމުންގެ އިންތިޒާމިއްޔާ އަކީ ޔަހޫދީންނަށް ކުރިމަތިވާ ނުރައްކަލަކަށް ފަހަރެއްގައިވެސްވެފައެއް ނެތެވެ. އަހްދާ ޚިލާފުވާން ޔަހޫދީންނަށް ބައެއްފަހަރު ވަސްވާސްދިނީ ޤުރައިޝުންނެވެ. އަނެއްބައިފަހަރު ޚުދުއެބައިމީހުންގެ އަމިއްލަ އެދުމެވެ. ތިމާމެންގެ ބާރުކުޑަވާ ކަމުގެ އިހްސާސެވެ. އެންމެފަހުން އެއުރެން އަނދައި ހުލިވީ ޚުދު އެއުރެން ރޯކުރި ފަސާދައިގެ އަލިފާނުގައެވެ. ހެޔޮނިޔަތާއި، ރީތި މުއާމަލާ އާއި އަހްދުފުއްދުމުގެ ބަދަލުގައި ނުބައިނިޔަތާއި ޚިޔާނާތްތެރިވުމާއި އަހްދާ ޚިލާފުވުމުގެ ނަތީޖާއަކީ އަބަދުވެސް ހިތިއެއްޗެކެވެ.

(ނުނިމޭ)